ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ނަން ”އާބަންކޯ“ އަށް ބަދަލުކޮށް އެ ކުންފުނި ރީބްރޭންޑް ކޮށްފިއެވެ.
ކުންފުނީގެ އައު ލޯގޯ އާއި ނަން އިފްތިތާހް ކޮށްފައިވަނީ އެޗްޑީސީއަށް 22 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ހަފްލާއެއްގައެވެ. އެޗްޑީސީ އެންމެ ފުރަތަމަ އުފެއްދީ 2001 ވަނަ އަހަރު ރައީސް އޮފީހުގެ ވަކި ޔުނިޓެއްގެ ގޮތުގައެވެ. މާލޭ ސަރަހައްދުގެ ތޮށްޖެހުން ކުޑަކޮށް ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމުގެ އުއްމީދާއިއެކު ފެށި މަސައްކަތައް މިއަދު ވަނީ 22 އަހަރު ފުރިފައެވެ.
އާބަންކޯއިން ބުނީ 22 އަހަރު ފުރިގެންދާއިރު ބަދަލުތަކެއް ގެނެސް، ކުންފުނީގެ މެނޭޖްމަންޓުން އަދި ހުރިހާ މުވައްޒަފުންގެ އަމާޒު މުޅިން އައު ހަރުފަތަކަށް ގެންދިއުމަށް ބޭނުން ޖެހިފައިވާ ކަމަށެވެ. އަދި ކުންފުނީގެ ބްރޭންޑް ”އަރބަންކޯ“ ލޯންޗް ކޮށްފައިވަނީ ައްޔިތުންނަށް ފޯރުކޮށްދެމުން ގެންދާ ޙިދުމަތްތައް އިތުރަށް ފުރިހަމަކޮށް، ވިލަރެސްކޮށް، ރާއްޖޭގެ އެންމެ ބޮޑު އާރބަން ޑިވެލޮޕްމަންޓް ކުންފުނީގެ ފުރިހަމަ ލަޤަބު ހޯދައި މަސައްކަތްތައް ބަށްޓަން ކުރުމަށް ކަމަށެވެ.
އާބަންކޯއިން ބުނީ އެ ކުންފުނީގެ އަމާޒަކީ މިހާރު، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވެސް ސަރުކާރުގެ ވިސްނުމާއި އެއްގޮތަށް، ކައުންސިލްތަކާއި ގުޅިގެން ގެނެވެން ހުރި ތަރައްގީގެ މަސައްކަތްތައް ބަލައި ލިބިފައިވާ ތަޖުރިބާ އާއި ހޯދިފައިވާ ކާމިޔާބީތަކުގެ ބޭނުންކޮށް ރައްޔިތުންނަށް ފައިދާ ހުރި ކަންތައްތައް ކުރުމަށް ކުންފުނި ފުޅާ ކުރުން ކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އާބަންކޯ ގެ މެނޭޖިން ޑައިރެކްޓަރ އަހުމަދު އާތިފް ވިދާޅުވީ އާބަންކޯގެ މަސައްކަތަކީ ހަމައެކަނި ހުޅުމާލެ ތަރައްޤީ ކުރުމެއް ނޫންކަމަށާއި އެޗްޑީސީއިން ކުރަމުން އައި މަސައްކަތް އަރބަންކޯ އަށް ބަދަލުވެގެން މިދިޔައީ ކުރިމަގުގައި ފަހި މާދަމައަކަށް އިތުރު ބައިވަރު މަސައްކަތްތަކެއް ކުރުމުގެ އަޒުމުގައެވެ.
މީގެ އިތުރުން އާބަންކޯގެ ކުޑައިގެ ހިޔަލުގައި ހުޅުމާލެ އެކަނި އޮތުން ބަދަލުކޮށް، ބިޔޯންޑް ހުޅުމާލޭގެ ވިސްނުމާ އެކު ތައާރަފް ކުރެވުނު މި ބްރޭންޑިން ވެގެންދާނީ މިހާރު ކުންފުނިން ދޭ ޙިދުމަތްތައް ފުޅާ ކުރުމަށް ކުރެވޭ މުހިންމު މަސައްކަތަކަށް ކަމަށެވެ.
ކުންފުނީގެ ލޯގޯ އާއެކު ކުންފުނިން ދޭ ހުރިހާ ޙިދުމަތެއް ފަސޭހަކަމާއި އެކު އެއްތަނަކުން ހޯދޭނެ އާބަންކޯ މޮބައިލް އެޕްލިކޭޝަން ވެސް މިއަދު ވަނީ އިފްތިތާހްކޮށްފައެވެ.




