2026 ވަނަ އަހަރު މެކްސިކޯ، ކެނެޑާ އަދި އެމެރިކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕް ފެށުމަށް ގާތްގަނޑަކަށް އެއްދުވަހަށް ވެފައިވާއިރު، މި މުބާރާތަކީ ދުނިޔޭގައި ބޭއްވޭ އެންމެ މަގުބޫލު އަދި އެންމެ ގިނަ ބަޔަކު ބަލާ ކުޅިވަރުގެ އީދެވެ.
ކޮންމެ ފަހަރަކުވެސް ވޯލްޑް ކަޕް ފެށުމުގެ ކުރިން، އެ މުބާރާތަކަށް ހާއްސަކޮށް ތައްޔާރުކުރާ ބޯޅައަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ސަޕޯޓަރުންގެ ބޮޑު ސަމާލުކަމެއް ލިބެއެވެ. ކޮންމެ އަހަރަކުވެސް ބޭނުންކުރާ ބޯޅައިގެ ފަރުމާއާއި، އޭގެ ފަހަތުގައިވާ ވާހަކަތައް ތަފާތެވެ. އެގޮތުން 2026 ވަނަ އަހަރުގެ ވޯލްޑް ކަޕަށް އެޑިޑާސް އިން ތައްޔާރުކޮށްފައިވާ ”ޓްރިއޮންޑާ“ ބޯޅައާ ގުޅޭ މުހިންމު މައުލޫމާތުތައް ތިރީގައި އެވަނީއެވެ.
2026 ގެ ވޯލްޑް ކަޕަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ”ޓްރިއޮންޑާ“ ބޯޅައަކީ މުބާރާތް ބާއްވާ ތިން ގައުމު ކަމަށްވާ ކެނެޑާ، މެކްސިކޯ އަދި އެމެރިކާއަށް ނިސްބަތްކޮށް ހަދާފައިވާ ބޯޅައެކެވެ. ”ޓްރި“ މި ބަހުން ތިނެއް ދޭހަކޮށްދޭއިރު، ސްޕެނިޝް ބަހުން ”އޮންޑާ“ އަކީ ރާޅެވެ. މިއީ ބޯޅައިގައި ހިމެނޭ ތިން ރާޅުގެ ފަރުމާއަށް އިޝާރާތްކޮށް ދީފައިވާ ނަމެކެވެ. ކޮންމެ ރާޅެއްވެސް ފަރުމާކޮށްފައިވަނީ މުބާރާތް ބާއްވާ ކޮންމެ ގައުމަކަށް ހާއްސަ ކުލައަކުންނެވެ.
ބޯޅައިގައި ހިމެނޭ ރަތް ކުލައިން ރަމްޒުކޮށްދެނީ ކެނެޑާއެވެ. އެގޮތުން ރަތް ރާޅުތަކުގެ ތެރޭގައި ކެނެޑާގެ ގައުމީ ނިޝާން ކަމަށްވާ ’މޭޕަލް ލީފް‘ ހިމަނާފައިވެއެވެ. ފެހި ކުލައަކީ މެކްސިކޯގެ ގައުމީ ޓީމުގެ ކިޓުގައި ބޭނުންކުރާ ކުލައަށް ނިސްބަތްކޮށް ހިމަނާފައިވާ ކުލައެކެވެ. މީގެ އިތުރުން މެކްސިކޯގެ ރަސްމީ ނިޝާނުގައިވާ އީގަލް ގެ ކުރެހުންވެސް މި ބޯޅައިން ފެންނާނެއެވެ. ނޫ ކުލައިން ރަމްޒުކޮށްދެނީ އެމެރިކާއެވެ. މި ކުލައާއެކު އެމެރިކާގެ ދިދައިގައި ހިމެނޭ ތަރިތައްވެސް ބޯޅައިގައި ހިމަނާފައިވެއެވެ.
ވޯލްޑް ކަޕްގެ ތާރީހުގައި މިހާތަނަށް 23 ތަފާތު ބޯޅައެއް ބޭނުންކޮށްފައިވެއެވެ. ތަފާތު އެކި ކުންފުނިތަކުން މި ބޯޅަތައް އުފެއްދި ނަމަވެސް، އެންމެ ގިނަ ފަހަރަށް ބޯޅަ ތައްޔާރުކޮށްދީފައިވަނީ އެޑިޑާސް އިންނެވެ.
2026 ވަނަ އަހަރުގެ ”ޓްރިއޮންޑާ“ ބޯޅައިގެ ހާއްސަކަމަކީ ކޮބައި ހެއްޔެވެ؟
މި ބޯޅައިގެ އެންމެ ތަފާތު ކަމަކީ ކޮންމެ މެޗެއްގެ ކުރިން ބޯޅަ ޗާޖުކުރަން ޖެހުމެވެ. ސަބަބަކީ މެޗުތަކުގައި ރެފްރީންނަށް އެހީތެރިވުމަށްޓަކައި މި ބޯޅައިގެ ތެރޭގައި ސްމާޓް ޓެކްނޮލޮޖީ ހިމަނާފައިވުމެވެ. ބޯޅައިގައިވާ ”މޯޝަން ސެންސަރު“ މެދުވެރިކޮށް، ބޯޅަ އެނބުރޭ ގޮތާއި، ދަނޑުގެ ކޮން ހިސާބެއްގައި ބޯޅަ އޮތްކަމާއި، ބޯޅައިގައި އަތްލާ ކޮންމެ ފަހަރަކު އެ މައުލޫމާތު ވަގުތުން ވީއޭއާރް (VAR) ސިސްޓަމަށް ފޮނުވައިދޭނެއެވެ.
މި މައުލޫމާތުގެ އެހީގައި ވީއޭއާރް އިން މެޗުގެ ނިންމުންތައް، ހާއްސަކޮށް އޮފްސައިޑް ފަދަ ނިންމުންތައް، އަވަސްކަމާއެކު އިތުބާރު ހުރި ގޮތެއްގައި ނިންމުމަށް މަގުފަހިވާނެއެވެ. މި ބޯޅައިގެ ބެޓެރީ ގާތްގަނޑަކަށް ހަ ގަޑިއިރަށް ހުންނާނެތީ، މުޅި މެޗު ނިމެންދެން އެއްވެސް ދައްޗެއް ނެތި ބޭނުންކުރެވޭނެއެވެ.




