މި ސަރުކާރުން އައްޑޫގައި ފަށާ ތަރައްގީގެ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށްވާ ހަންކެޑެ ތަރައްގީކުރަން ޗައިނާ ނޭޝަނަލް އިލެކްޓްރިކް އެންޖިނިއަރިން ކޮމްޕެނީ (ސީއެންއީއީސީ) އާ ހަވާޅުކޮށްފި އެވެ.
އައްޑޫ މަރަދޫ އާއި ހިތަދޫއާ ދެމެދު އޮންނަ ފަޅުރަށްތަކުގެ ތެރެއިން ހަންކެޑެ ސަރަހައްދުގައި ރިސޯޓެއް ހަދަން 2006 ގައި ބަޔަކާ ހަވާލުކުރި އެވެ. ނަމަވެސް އެ މަސައްކަތް ކުރިއަކަށް ނުދިޔަ އެވެ. އޭގެ ފަހުން އެކި ފަހަރު މަތީން އެތަނުގައި ރިސޯޓެއް ހަދަން އުޅުނެވެ.
އެންމެ ފަހުން މި ސަރުކާރުން ޑިސެމްބަރު 2, 2021 ގައި ރިއަލް އެސްޓޭޓް ޓޫރިޒަމަށް ތަރައްގީކުރާ ތަނެއްގެ ގޮތުގައި ހެންކެޑެ ކަނޑައަޅައި, އެ ތަން ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެމްއެފްއެމްސީ) އަށް ކުއްޔަށް ދިނެވެ.
ނަމަވެސް އެތަނުގެ އެއްވެސް މައުލޫމާތެއް ހާމަނުކޮށް ތިބެފައި، ނިމިދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ދިމާކޮށް، ހަންކެޑެ މަޝްރޫއު އަލުން އިއުލާންކޮށް ޑިޒައިން ދައްކާލި އެވެ.
އެމްއެފްއެމްސީން މިއަދު ބުނީ، ހަންކެޑެ މަޝްރޫއުއަކީ 142.9 މިލިއަން އެމެރިކާ ޑޮލަރު (2.2 ބިލިއަން ދިވެހި ރުފިޔާ)ގެ ޒަމާނީ މަޝްރޫއެއް ކަމަށެވެ.
ހަންކެޑެ މަޝްރޫއު
- 2082 އެނދު ހިމެނޭ ގޮތަށް 1041 ކޮޓަރި ހަދާނެ
- 2 ގްރޭންޑް، ދެ ޑިލަކްސް، 10 ބުޓިކް ހޮޓެލް ހިމެނޭނެ
- 64 ސާވިސްޑް އެޕާޓްމަންޓާއި 17 ބީޗް ވިލޭ ހިމެނޭނެ
އެމްއެފްއެމްސީން ބުނީ، މި މަޝްރޫއުގެ ދަށުން ނޮލެޖް ސެންޓަރަކާއި މިކްސް ސްޕޯޓްސް ބިލްޑިންއަކާއި އައުޓްޑޯ ބީޗް ސްޕޯޓްސް އަދި ތިއޭޓާ ފަދަ ރިކްރިއޭޝަނަލް ހިދުމަތްތަކާއި ފުޑް ކޯޓާއި ތަފާތު ރެސްޓޯރެންޓްތަކާއި ފިހާރަތައް ހިމެނޭނެ ކަމަށެވެ.




