ކުރިންވެސް ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައި ”ވެލްކަމް ޓު ދަ ޖަންގަލް“ ގެ ޓައިޓްލް ލަވަ މިހާރު ވަނީ އާންމުކޮށްފައެވެ. މި ލަވަ ފެށިގެން އަންނަގޮތުން ބެލުންތެރިން ވަގުތުން ކުރީ ފިލްމުގެ ހަނދާންތަކުގެ ތެރެއަށް ގެންގޮސްދެއެވެ. ލަވައިގެ ފެށުމުން ފެށިގެންވެސް ކުރީގެ ރޫހު އެކުލެވިގެންވާއިރު، އަކްޝޭ ކުމާރު އިސްވެ ހުރެ ހުށަހަޅައިދޭ މި ފިލްމަކީ މަޖާ އަދި ކުލަގަދަ މުނިފޫހިފިލުވުމެއްކަން މި ލަވައިން ސާފުކޮށްދެއެވެ.
ލަވަ ފެށިގެން އަންނަނީ ”ވެލްކަމް“ ފިލްމުގެ އެންމެ މަޝްހޫރު އެއް ޑައިލޮގް ކަމަށްވާ ”އާލޫ ލޭލޯ… ކާންދޭ ލޭލޯ“ އިންނެވެ. ނާނާ ޕަޓޭކަރުގެ މި ޑައިލޮގަކީ ކުރީ ފިލްމުގައި ބެލުންތެރިން އެންމެ ހަނާން ހުންނަ އެއް ޑައިލޮގެވެ. މީގެ ސަބަބުން ފޭނުން ވަގުތުން އަސްލު ފިލްމުގެ ދުނިޔެއަށް ގެންގޮސްދެއެވެ. ނަމަވެސް، ކުޑަހިނދުކޮޅެއްގެ ތެރޭގައި މަންޒަރު ބަދަލުވެ، އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ ރިލެއް ފެނިގެންދެއެވެ. އަދި އޭގެ ފަހުން ފިލްމުގެ ބޮޑު ކާސްޓް ވަރަށް ފޯރިގަދަ ގޮތަކަށް ތައާރަފުކޮށްދެއެވެ.
މި ލަވަ ބޭނުންކޮށްފައިވަނީ ފިލްމުގައި ހިމެނޭ ގިނަ ތަރިންތަކެއް އެއްފަހަރާ ދައްކާލުމަށެވެ. އަކްޝޭ ކުމާރުގެ އިތުރުން ސަންޖޭ ދަތު، ސުނިލް ޝެޓީ، އަރުޝަދު ވަރްސީ، ޕަރޭޝް ރާވަލް، ރަވީނާ ޓަންޑަން، ލާރާ ދައްތާ، ޖެކްލީން ފަރްނާންޑޭޒް އަދި ދިޝާ ޕަޓާނީގެ އިތުރުންވެސް ގިނަ ތަރިންތަކެއް މި ލަވައިން ފެނިގެންދެއެވެ.
މި ލަވައިގެ އަޑުގެ ވެރިންނަކީ ޝާން، ޕްރިޔާ ޕަޓީދާރު އަދި ވިކްރަމް މޮންޓްރޯސް އެވެ. ލަވައިގެ ޅެން ލިޔެފައިވަނީ މެގާ ބާލީ އެވެ. މިއީ ސާޖިދު-ވާޖިދު ކުރިން އުފައްދާފައިވާ މިއުޒިކެއްގެ މައްޗަށް ބިނާކޮށް، މޮންޓްރޯސް އަލުން ތައްޔާރުކޮށްފައިވާ މިއުޒިކެކެވެ.
މި ލަވައަކީ މާޒީގެ ހަނދާންތަކާއި މިޒަމާނުގެ މިއުޒިކް އެއްކޮށްލައިގެން އުފައްދާފައިވާ ފުރިހަމަ އުފެއްދުމެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ. އަދި މި ލަވައިގައި ކުރީގެ ރޫހު ދަމަހައްޓަމުން، އާ ޖީލުގެ ބެލުންތެރިންނާ ގުޅޭގޮތަށް ބަދަލުތަކެއް ގެނެސްފައިވާކަން ފާހަގަކުރެވެއެވެ.
މި ފިލްމުގެ ޓީޒާ މޭ މަހުގެ 15 ވަނަ ދުވަހު ނެރެފައިވާއިރު، އޭގެއިން ފެނިގެންދަނީ އޮޅުންބޮޅުން ބޮޑު އަދި ނުހަނު މަޖާ ހާދިސާތަކެއްގެ މައްޗަށް ބިނާވެފައިވާ ވާހަކައެކެވެ. ފިލްމުގެ މައިގަނޑު މައުޟޫއަކީ ފިލްމެއްގެ ތެރޭގައި އުފައްދާ ފިލްމެއްގެ މަސައްކަތް ގޯހުން ގޯހަށް ގޮސް، އޭގެ ސަބަބުން ކުރިމަތިވާ ހެއްވާ މަޖާ ކަންތައްތަކެކެވެ.




