މިއަހަރުގެ މިހާތަނަށް ނިކުތް އެންމެ މޮޅު އެއް ފިލްމަކަށް ހަމަ ގައިމުވެސް މަހާރާޖާ ވާނެއެވެ. ދުނިޔޭގެ އެކި ގައުމަތަކުގެ ފިލްމުތައް އެއްތާކުން ފެންނަ އެންމެ ބޮޑު ޕްލެޓްފޯމް ނެޓްފްލިކްސްއިން މިމަހު ޕްރިމިއަރ ކުރި މަހާރާޖާ ފިލްމަކީ ތަފާތު ފިލްމެއް ބަލަން ބޭނުންވާ މީހުންގެ ފިލްމެކެވެ. މޮޅު ވާހަކައެއް، ވަރުގަދަ ޓުވިސްޓުތަކެއް އަދި މޮޅު ސިނަމެޓޮގްރަފީގެ ފިލްމެއް ބާލާލަން ބޭނުންވާ މީހުންގެ ފިލްމެކެވެ. މި ފިލްމުގެ ޑައިރެކްޝަންވެސް އަދި މި ފިލްމުގެ ވާހަކަ ގެނެސްދޭ ގޮތްވެސް ވަރަށް ތަފާތެވެ.
މި ފިލްމުގައި ހަރަކާތްތެރިވަނީ، މި ތަރިން ނޫން ބަޔަކު އުޅޭ ނަމަ މި އަސަރު ފިލްމުން ނުފެނިދާނެ ކަމަށް ބުނެވިދާނެ ތަރިންނެވެ. މައިގަނޑު ކެރެކްޓަރއަކީ މަހާރާޖާ ނުވަތަ އަސްލު ނަމުން ނަމަ މަޝްހޫރު ވިޖޭ ސެތުޕަތީއެވެ. އިންޑިއާ ސިނަމާގެ އެންމެ މޮޅެތި ތަފާތު ރޯލުތައް ކުޅެން ދެވަނަ އެއް ނެތް ވިޖޭ ސެތުޕަތީގެ ކެރެކްޓަރ އެކަނިވެސް މި ފިލުމުގެ ވާހަކަ ފުރިކަމަކޮށްދެއެވެ. ވިޖޭ ގެ ދެ އުމުރަކުން ވަރަށް އާދައިގެ ދިރިއުޅުމެއް ފެންނަ މި ފިލުމުގައި ވިޖޭ ނޫން ތަރިއަކަށް މިހާ ފުރިހަމައަށް މި ކެރެކްޓަރއަށް އިންސާފު ކުރަންވެސް އުނދަގޫވާނެ ކަމަށް ބެލެވެއެވެ. ވިޖޭ ގެ އިތުރުން ދެން ފެންނަނީ އަނޫރާގް ކެޝަފްއެވެ. މިއީ މަޝްހޫރު ޑައިރެކްޓަރ އަނޫރާގެވެ. ރީތި މޮޅު އެތައް ފިލްމެއް ޑައިރެކްޓުކޮށްފައިވާ އަނޫރާގު މި ފިލްމުގައި ކުޅެނީ ވިޖޭގެ ’އިދިކޮޅު‘ ސަހުސިއްޔަތެއްގެ ރޯލެވެ.
މަހާރާޖާގެ ފިލުމުގައި ފާހަގަކޮށްލެވޭ އެހެން ކަންތައްތަކުގެ ތެރޭގައި، މި ފިލުމުގައި ގައިގޯޅި އެއްވެސް މަންޒަރެއް ހިމަނާފައި ނުވެއެވެ. އެއްވެސް ލަވައެއް އަދި ފިލުމު ދިގު ކުރަން ބޭކާރު މަންޒަރުތަކެއްވެސް ނެތެވެ. މި ފިލްމުގައި ހިމެނެނީ މުޅި ވާހަކަ ކިޔައިދޭ މަންޒަރުތަކާއި އެ މަންޒަރުތަކުގައި ތަމްސީލުވަމުންދާ ކެރެކްޓަރތަކުގެ ހުނަރެވެ.
މި ފިލްމުގެ ވާހަކަ ކިޔައިދޭ ނަމަ ފިލުމުން ކުންނު ގެއްލިދާނެތީ އެބައި އުނިކޮށްފައި ހަމައެކަނި ފިލްމާއި ބެހޭގޮތުން ބުނެވޭނީ މިއީ ބަދަލު ހިފުމުގެ އެހެން ދިމާލަކުން ގެނެސްދީފައިވާ ފިލްމެއްކަމެވެ. މި ފިލްމުގައި މައިގަނޑު ކެރެކްޓަރ ވިޖޭ ސެތުޕަތީ އާއި އަނޫރާގު ކެޝްޕްގެ އެއްގޮތް ކަންތައްތަކެއް ހުރެއެވެ. ދެ މީހުންނަކީވެސް އަންހެންދަރީންގެ ބައްޕައެކެވެ. ދަރިން ދެކެ އިންތިހާއަށް ލޯބިވާ ވަރަށް އާދައިގެ ދިރިއުޅުމެއް އުޅެމުންދާ ދެމީހުންނެވެ. ދަރިފުޅަށްޓަކައި ކޮންމެ ފަދަ ގުރުބާނީއެއްވެސް ވާން ތައްޔާރަށް ތިބި ދެމީހުންނެވެ. ނަމަވެސް ދެމީހުންގެ ދިރިއުޅުން އެފުށް މިފުށަށް ޖެހޭ ހާލަތަށް ވެއްޓެނީވެސް ދަރިންނަށްޓަކައިވަމުންދާ ގުރުބާނީގެ ތެރެއިންނެވެ.
މިއީ ވިޖޭ ސެތުޕަތީ ކެރިއަރުގެ 50 ވަނަ ފިލްމެވެ. މިހާރު ނެޓްފްލިކްސްއިންވެސް ބަލާލެވޭ މި ފިލްމު ރާއްޖޭގެ ޗާޓުގައިވެސް ގަދަ 1،2 ގައި ހިމެނެއެވެ.