އިޒްރޭލުގެ ވިޔަފާރީގެ ވެރިރަށް ތެލްއަވީވުގެ މަގުތަކުގައި ސަރުކާރަ ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް ފަށައިފިއެވެ.
ހަމާސްގެ އަތްދަށުގައިވާ އިޒްރޭލު ރައްޔިތުން މިނިވަން ކުރުމަށް އިޒްރޭލު ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށްބުނެ އެއްވި މީހުން ބުނަނީ އެ މީހުން ބޭނުންވަނީ ހަނގުރާމަ ހުއްޓާލާ ދެ ފަރާތަށް ލިބެމުންދާ ގެއްލުންތަކުން އާއްމުން ސަލާމަތް ކުރުމެވެ. އިޒްރޭލު ސަރުކާެރުން ބޭނުންވަނީ ގަދަފަދަ ހަނގުރާމައެއް ކޮށްގެން ހަމާސް ނައްތާލުން ކަމަށާއި، ހަމާސްއާއި އެކު އިޒްރޭލުގެ އެތައް ބަޔަކުވެސް ނެތިދާނެކަމަށް އިޒްރޭލު ރައްޔިތުން ދެކެއެވެ. މުޅި ދުނިޔޭގައި މިހާރު ފަލަސްތީނަށް ހަމްދަރުދީ އުފެދި އިޒްރޭލާ ދެކޮޅަށް މުޒާހަރާތައް ގިނަ ވުމުން މިނިވަން ކަމާއެކު އިޒްރޭލު ރައްޔިތުންނަށް ދަތުރުފަތުރު ކުރަންވެސް ވަނީ އުނދަގޫ ކަމަކަށްވެފައި ކަމަށްވެސް މުޒާހަރާ ކުރާ މީހުންދަނީ ބުނަމުންނެވެ.
މިގެ އިތުރުން މިއަދު ހަމާސްއިން ނެރުނު ވީޑިއޯއެއްގައި ހަމާސްގެ އަތްދަށުގައި ތިބި އިޒްރޭލުގެ ބަޔަކު ވަނީ އިޒްރޭލު ސަރުކާރަށް އާދޭސްކޮށް، ހަމާސްގެ އެދެމެންދާ ކަންތައްތަކަށް އެއްބަސްވުމަށް އެދިފައެވެ. ހަމާސްއިން ބޭނުންވަނީ އިޒްރޭލު ޖަލުތަކުގައި ތިބި ފަލަސްތީނު ރައްޔިތުން މިނިވަން ކުރުމެވެ.