ނަތަންޔާހޫ ރަތްރޮނގު ހުރަސްކޮފި ކަމަށް އިޒްރޭލުގެ އިދިކޮޅު ލީޑަރ ޔައިރު ލަޕިޑު ބުނެފިއެވެ. ނަތަންޔާހޫ އަށް ވަރަށް ބޮޑަށް ފާޑުކިޔަމުން ލަޕިޑު ބުނެފައިވަނީ އޮކްޓޫބަރު 7 ގައި އިޒްރޭލުގެ ރައްޔިތުންނަށް މިފަހުގެ ތާރީހެއްގައި ނުލިބޭވަރުގެ ގެއްލުންތަކެއް ލިބި އެތައް ބައެއްގެ ފުރާނަ ދިޔައީ ސަރުކާރުން ގަސްތުގައި އެކަން ހިނގުމަށް ދޫކޮށްލުމުގެ ސަބަބުންނެވެ. މި ކަމުގެ ޒިންމާ ނަތަންޔާހޫ ނަގަން ޖެހޭނެކަމަށެވެ. އިޒްރޭލުގެ ޑިފެންސް ފޯސްއިން ހަމާސްއާއި ހިޒްބުﷲއާ ދެކޮޅަށް ހަމަލާދެމުންދާއިރު އޮކްޓޫބަރ 7 ގެ ހަމަލާ ޒިންމާ ނަގަން ޖެހޭނީ ޑިފެންސްފޯސް ކަމަށް ނަތަންޔާހޫ ބުނެފައިވާ ކަމަށާއި އެއީ އިޒްރޭލު ސިފައިންނަށް ބުނާ ބަދު ބަހެއް ކަމަށްވެސް ލަޕިޑު ބުނެފައިވެއެވެ. ނަތަންޔާހޫ އެކަމާ މާފަށް އެދެން ޖޭހެނޭ ކަމަށާއި ހުރިހާ ޖަރީމާތަކެއް ހިންގާފައި އެކަން އަޅުވަނީ އިޒްރޭލުގެ ސިފައިންގެ ބޮލުގައި ކަމަށެވެ.
ނަތަންޔާހޫގެ އޯޑަރަށް އިޒްރޭލު ސިފައިން ފަލަސްތީނުގެ ހޮސްޕިޓަލްތަކާއި މިސްކިތާއި ފައްޅި ތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ސަބަބުން އިޒްރޭލުގެ އެތެރޭގައިވަނީ މުޒާހަރާތަށް އިތުރުވެ، ނަތަންޔާހޫ އިސްތިއުފާއަށް ގޮވަން ފަށާފައެވެ. ފަލަސްތީނަށް ދެމުންދާ ހަމަލާތަކުން އިޒްރޭލުގެ ރައްޔިތުންނަށްވެސް އަމާންކަމެއް ނެތް ކަމަށް ބުނެ އިއްޔެވެސް ވަނީ އިޒްރޭލާއި އެމެރިކާގައި ޔަހޫދީންގެ ސުލްހަވެރި އެއްވުންތަކެއް ބާއްވާފައެވެ.