ހަމާސްގެ ހިއްވަރު ގަދަ މުޖާހިދުން ދޭ ހަމަލާތަކުގައި އިޒްރޭލު ސިފައިންނަށް ލިބޭ ގެއްލުންތައް މިހާތަނަށް ސިއްރުކޮށްގެން ތިބމަށްފަހު، އިއްޔެ މަރުވީ އިޒްރޭލުގެ 310 ވަނަ ސިފައިންގެ މީހާ ކަމަށް އިޒްރޭލުން ބުނެފިއެވެ.
އިޒްރޭލު ސިފައިން ނެރެފައިވާ ބަޔާނެއްގައި ބުނީ ހަމާސްގެ ހަމަލާގައި އިއްޔެ މަރުވީ އުމުރުން 20 އަހަރުގެ ޝިރެއިލް ހެއިމު ޕޫރ ކަމަށާއި އޭނާގެ އާއިލާއަށް ވާނީ މިހާރު އެކަން އަންގާފައި ކަމަށެވެ.
މީގެ އިތުރުން އިޒްރޭލު ސިފައިންގެ ތެރެއިން ޒަހަމުވީ މީހުންނާއި ހަމާސްގެ ހަމަލާއިން ހަލާކުވާ ހަތިޔާރުގެ އަދަދެއް އިޒްރޭލުން ހާމައެއް ނުކުރެއެވެ. އަދި ސިފައިން މަރުވެފައިވަނި ކޮން ތާރީހެއްގައި ކޮން ތަނެއްގައި ކަމެއްވެސް އިޒްރޭލު ސިފައިން ހާމައެއް ނުކުރެއެވެ. ބައެއް ފަރާތްތަކުން ލަފާކުރާ ގޮތުގައި އިޒްރޭލު ސިފައިންގެ ތެރެއިން މަރުވި މީހުންގެ އަދަދު އެމީހުން ހާމަކުރާ ރަސްމީ އަދަދުތަކަށްވުރެ މަތިވުން އެކަށީގެންވެއެވެ.
އިޒްރޭލު ރައްޔިތުންގެ ތެރޭގައިވެސް މިހާރުވަނީ ސިފައިންނާއި އިޒްރޭލު ސަރުކާރާ ދެކޮޅަށް އަޑު އުފުލާ އެއްވުންތައް ބާއްވަން ފަށާފައެވެ. އިއްޔެ ތެލްއަވީވްގައި ބޭއްވި އެއްވުމެއްވެސް އިޒްރޭލު ފުލުހުންވަނި ކަރުނަގޭސް ޖަހައި ރޫޅާކާފައެވެ.