އިޒްރޭލުގެ އެންމެ ކާރުބާރު ބޮޑު ސިޓީ އަދި ވިޔަފާރީގެ ވެރިރަށް ތެލްއަވީވަށް ހަމާސްއިން ރޮކެޓު ހަމަލާތަކެއް ދީފިއެވެ. މިއަދު ދިން މި ހަމަލާތަކުގެ ތެރެއިން މީޑިއާއިން ރިޕޯޓުކޮށްފައިވަނީ ތެލްއަވީވް ގެ ދެކުނު ސަރަހައްދުގައި އާއްމުނ ދިރިއުޅޭ ގެއަކަށް ރޮކެޓު ހަމަލާއެއް އަރައި 3 މީހަކަށް ފަރުވާ ދޭން ޖެހުނު ހާދިސާއެވެ. މި ހަމަލާގައި އެކި ވަރުގެ އަނިޔާ ލިބުނު މީހުން ގެ ތެރެއިން 2 މީހަކު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ.
މި ހަމަލާއައިސްފައި މިވަނީ މިއަދު ހަމާސްގެ އަލް ގައްސާމު ބްރިގޭޑުން ބަޔާނެއް ނެރުނުތާ ކުޑައިރުކޮޅެއްގެ ތެރޭގައެެވެ. ހަމާސްއިން ބުނެފައިވަނީ އިޒްރޭލުގެ ޓެރަރިސްޓު ހަމަލާގައި ފަލަސްތީނުގެ އެތައް ބަޔަކު ޝަހީދުކޮށް ގެދޮރު ސުންފާތިކޮށް ބޮން އަޅަމުންދާތީ އެއީ ފަލަސްތީނުގެ ކުށެއްނެތް ރައްޔިތުންނާ ދެކޮޅަށް ހިނގާ ގަތުލުއާއްމުތަކެއް ކަމަށާއި ހަމާސްގެ އަލް ގައްސާމު ބްރިގޭޑުގެ މުޖާހިދުންގެ ހަމަލާތައް ދެން އަމާޒު ކުރާނީ އިޒްރޭލުގެ ތެލްއަވީވަށް ކަމަށެވެ. މީގެ އިތުރުން ކުރިން ހަމަލާ ދެމުންއައި ގޮތްތައްވެސް މިއަދުން ފެށިގެން ބަދަލުކޮށްފައިވާނެ ކަމަށްވެސް ހަމާސް ގެ ބަޔާނުގައިވެއެވެ.