މިނިވަން މުއައްސަސާ ތަކުގެ ވެރިންނަކީ އެއިރެއްގައި ރާއްޖޭގެ ސިޔާސީ އޮއިވަރާ އެއް ގޮތަށް، އެކަމުގެ ތެރެއަށް ވަންނަން ޖެހޭނެ ބައެއް ނޫނެވެ. މިނިވަން މުއައްސަސާ އެއް ކަމަށް ބުނެ ރައްޔިތުންނަށް ހިދުމަތްދޭއިރު، އެތަނަކީ މިނިވަން ތަނެއްގެ ގޮތުގައި ރައްޔިތުން ބަލައިގަންނަނީވެސް މި ބުނާ ކަންކަމާ ދުުރުވެ، ހަމަހަމަ ކަމާ ދެފުއްފެންނަ ރީތި އުސޫލުން ހިދުމަތްތައް ދެވި އަދި ކޮމިޝަނުގެ މެމްބަރުންވެސް ނުފޫޒެއް ނެތުމާއި، ވަކި އަތަކަށް ޖެހިފައިނުވާ ކަން ރައްޔިތުންނަށް ދައްކައިދީގެންނެވެ.
ރާއްޖޭގައި މި ވަގުތު ހިނގަމުންދަނީ އަނެއްކާވެސް ފޯރި ގަދަ ސިޔާސީ ކަންތައްގަނޑެކެވެ.
ރިޔާސީ އިންތިހާބާއި ކައިރިވި ވަރަކަށް އަބަދުވެސް އޮންނަ ސިޔާސީ ވާދަވެރިކަމާ، ސިޔާސީ ހަރަކާތްތައް ހީނުކުރާ ގޮތްގޮތަށް ފުރޮޅެމުން ގޮސް އެންމެ ފަހުން ހިމުން ވަނީ ރިޔާސީ އިންތިހާބު ނިމުމުންނެވެ. ދެން އަނެއްކާވެސް ސިޔާސީ ހަލަބޮލިކަމެއް އަންނަނީ ރައްޔިތުންގެ މަޖުލީހުގެ އިންތިހާބަށެވެ. މިއިން ކޮންމެ ސިޔާސީ ހަލަބޮލިކަމާއި ފޯރިގަނޑެއްގައި ވެސް އެންމެ ބޮޑު ގޮން ޖެހުމެއް ކުރިމަތިވަނި އަދި ފާޑުކިޔުން އަމާޒުވަނީ ސިޔާސީ ޕާޓީތަކުގެ ކަންކަން ބަލަހައްޓާ އަދި އިންތިހާބުތައް ބަލަހައްޓާ އިލެކްޝަން ކޮމިޝަނަށެވެ. އެ ކޮމިޝަނުގެ މެމްބަރުންނާއި ހާއްސަކޮށް ރައީސަށެވެ. މި ހާތަނަށް ފެނުނު ސިޔާސީ ހަލަބޮލިކަމުގައިވެސް ވަކި ސިޔާސީ މީހެއްގެ ފަހަތުން، ވަކި ފަރުދަކަށް ފާޅުކަން ބޮޑު ގޮތަކަށް އިލެކްޝަން ކޮމިޝަނުން ކަންކަން މަގުފަހިކޮށްދީފައި ނުވެއެވެ. މުޅިންވެސް ކުރެވެނީ ތުހުމަތެވެ. ރައީސް ޔާމީނާއި އެކު ޕީއޭ ގައި އުޅުއްވި އަދި ޕީޕީއެމަށް ފުރަތަމަ މަޖްލިސް ގޮނޑި ކާމިޔާބުކޮށްދިން ޝަރީފު ގެ އީސީ ރައީސް ކަމުގައިވެސް އެންމެ ޕްރެޝަރުވި ދަނޑިވަޅުަގައިވެސް ފާޅުގައި އިސްކުރީ ރައްޔިތުންގެ ނިންމުން ތަކެވެ. އޭގެ ކުރިން ފުއާދު ތައުފީގު ހުންނެވި އިރުވެސް އެ ފަހަރު އިސްކުރީ ރައްޔިތުންގެ ނިންމުންތަކެވެ. އެއީ ރައީސް ނަޝީދު ކުރިމަތިލެއްވި ރިޔާސީ އިންތިހާބު ގަޑުބަޑުވެ ކޯޓަށް ގޮސް، ޔާމީނު މޮޅުވަންދެން އިންތިހާބު ބޭއްވި އިރުވެސް ފުއާދު ހުންނެވިއެވެ. ކުރީގެ އީސީ ރައީސް ޝަރީފުގެ ޒަމާންވީ އެކުވެރިޔާ ރައީސް ޔާމީނުގެ އާރާއިބާރުގައި ، ރިޔާސީ އިންތިހާބުން ބަލިވުމުން އެކަން ގަބޫލު ނުކުރެވި އެމަނިކުފާނުގެ ސަޕޯޓަރުން ދިމާކޮށްލުމުންވެސް ޝަރީފު ހުންނެވި ރައްޔިތުން ނިންމި ނިންމުން ދިފާއުކޮށް އީސީގެ ގާނޫނާއި ގަވައިދު ނެގެ ހެއްޓެވުމުގައެވެ.
މިހާރު އިލެކްޝަން ކޮމިޝަނުން ފެންނަ މަންޒަރުތަކާއި ޝަރީފު ހުންނެވި އިރު ފެނުނު މަންޒަރުތަކާ އަޅާ ކިޔާ ނަމަ ފެންނަނީ ލަދުވެތި ހިތާމަވެރި މަންޒަރެކެވެ. އެމްޑީޕީ ދެބައިވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީ ގެ ރައީސް އަދި ކުރީގެ ރައީސް މުހަމަދު ނަޝީދާއި ޖެހުނު މައްސަލާގައި ނަޝީދު ވަނީ ޕާޓީ ދޫކޮށް ދަ ދީމޮކްރެޓިކްސް ކިޔާ ޕާޓީއެއް އަމިއްލަ ފުޅަށް ހައްދަވާފައެވެ. މީގެ ކުރިން ޝަރީފަށް ދިމާވި އިމްތިހާނު މި ފަހަރު ފުއާދަށެވެ. ޝަރީފުގެ އެކުވެރިޔާ ޔާމީނެވެ. ފުއާދުގެ ޒަމާންވީ އެކުވެރިޔާ ނަޝީދެވެ. ޝަރީފުގެ އިމްތިހާނުން ސަތޭކަ ޕަސެންޓުން ފާސްވިޔަސް ފުއާދަށް ނަޝީދު ޖެހުމުން މުޅި މަންޒަރު ބަދަލުވެއްޖެއެވެ. އިލެކްޝަން ކޮމިޝަނުގެ ރައީސަކު އަދި ހާއްސަކޮށް މިނިވަން މުއައްސަސާތަކުގެ ތެރެއިން އެންމެ މުހިމު މުއައްސަސާ މިވަނީ ނަޝީދުގެ މޯހިރަށް އަނބުރާލުމުގެ ކަންތައްގަނޑުގައި އުޅެން ހަދައިގެން މަރުތަޅު އެޅިފައެވެ. މި ވެރިކަން ފެށުނު ދުވަހުން ފެށިގެން ހުއްޓުމެއް ނެތި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސިޔާސަތަށް ފާޑުކިޔަމުން އައި ފުއާދަށް އަލުން އިލެކްޝަން ކޮމިޝަނުން ޖާގައެއް ލިބުނީ ނަޝިދުގެ ނުފޫޒުންނެވެ. އޭރު އެމްޑީޕީގެ ރައީސަށް ވެފައި އެމަނިކުފާނުގެ ރުހުން އޮތް ގިނަ ބަޔަކު ވަޒީފާތަކަށް ހަމަޖައްސަމުން ދިޔައިރު ފުއާދަކީ ނަޝިދުގެ އެއް ނަމްބަރު ހޮވުމެވެ. މި ކަންމިހާރު މިދަނީ ވަރަށް ބޮޑަށް ފެންނަމުންނެވެ. ނަޝިދު ބޭނުންފުޅުވީމާ އުސޫލުން ބޭރުން ޕާޓީ ރަޖިސްޓްރީ ކުރުމުގެ ހުއްދަވެސް ދޭން ފުއާދު ހުންނެވި ތާއްޔާރަށެވެ. އިލެކްޝަން ކޮމިޝަނުގެ އެހެން މެމްބަރުންނާ މީޑިއާތަކުގެ ލޮލުން ބަލަމުން ދިޔައިރުވެސް އެކަމާ ފަރުވާލެއް ނުބަހައްޓާ ފުއާދުގެ އެޖެންޑާގައި އޮތީ ނަޝީދު ހިތްހަމަޖައްސައި ދިނުމެވެ.
ނަޝީދުގެ ހަމައެކި ބޭނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސިޔާސީ ގޮތުން ބަލިކަށި ކޮށްލުމެވެ. އޭގެ ފަހުން ރިޔާސީ އިންތިހާބުންވެސް އެމަނިކުފާނު ފޭލުކޮށް ދެވަނަ ދައުރަކަށް އިންތިހާބު ނުވާނެ ހުރިހާ ކަމެއް ކުރުމަށެވެ. މި ގޮތުން އެމަނިކުފާނުގެ މެޖޯރިޓީ މަޖުލީހުގައި ނެތަސް މަޖުލީހުގެ ރައީސް ގެ ހައިސިއްޔަތުން މިހާރުވެސް ދަނީ ސަރުކާރަށް ޖެއްސުންކުރަމުންނެވެ. ސަރުކާރުން ހުށައަޅާ އެއްވެސް ބިލެއް އެޖެންޑާއެއް ނުކުރެއެވެ. ރައީސާއި ނައިބްރައިސް އިތުބާރު ނެތް ކަމުގެ ވޯޓަށް އެއްބާރުލުން ނުދީ އެކަން ކުރިއަށް ގެންދިއުމަށްވެސް ވަނީ ހުރަސް އަޅާފައެވެ. މަޖުލީހުން ލިބުނު ކާމީޔާބީއާ އެކު ނަޝިދުގެ އަމާޒަކީ އިލެކްޝަން ކޮމިޝަނެވެ. އެމަނިކުފާނު އިތުބާރުކުރައްވާ ފުއާދު ތައުފީގު މެދުވެރިކޮށް މިހާރުވެސް އެވަނީ އިލެކްޝަން ކޮމިޝަން ހުއްޓުމުކަށް ގެންނަވާފައެވެ. އިލެކްޝަން ކޮމިޝަނާ ދޭތެރޭ އާއްމުންނާ ސިޔާސީ ފަރާތްތަކުން ކުރާ އިތުބާރަށް ސުވާލު އުފެދޭ ގޮތަށް ޖާގާ ދީފައެވެ. މި ވަގުތަކީ ރައީސް ސޯލިހަށް ފުއާދު ވަކިކޮށް އާ މެމްބަރަކު ލެވޭނެ ވަގުތެއްނޫނެވެ. އެހެން އެމަގުން ކޮށްފި ނަމަ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ނަމުން އެމަނިކުފާނަށް ނެއްޓޭނެ ގޮތެއް ނެތެވެ. އަނެއްކޮޅުން ފުއާދު ހުންނެވީ ސިޔާސީ ގޮތުން ނަޝީދުގެ ކޮޅު ނަންގަވައި ފިސާރި ސާބިތުވެއެވެ. އިލެކްޝަން ކޮމިޝަނުގެ އެހެން މެމްބަރުންގެ އަޑެއްވެސް މިވަގުތަކު ނާއްސަވައެވެ. ހަމައެކަނި ކުރައްވާހާވެސް ކަމަކީ ނަޝީދުގެ ސިޔާސީ އެޖެންޑާ ހިންގުމެވެ. އެކަން ކިތަންމެ ފުރިހަމައަށްވެސް ފުއާދު ކުރައްވައިފިއެވެ.
މި ފަހަރު އިންތިހާބުގެ ކުރިންނާއި އިންތިހާބުގެ ފަހުންވެސް ބޮޑު ހަމަނުޖުމެއް ހިނގައިފި ނަމަ އެކަމުގެ ޒިންމާ ސީދާ ނަންގަވަން ޖެހޭނީ ފުއާެދު ތައުފީގެވެ. އިންތިހާބު ގެ ކުރިން މިވަރުގެ ސިޔާސީ ފިތުނަށްއެއް ރޯކޮށްލުމަށް ފަހު ނިއްވާ ނުލެވޭނެކަން އެންމެ ބޮޑަށް އެނގޭނެ ބޭފުޅަކީވެސް ފުއާދު ތައުފގެވެ. ވަކި މީހެއްގެ ސިޔާސީ މަންފާއަށްޓަކައި މި އަދު އިލެކްޝަން ކޮމިޝަން ވަނި ހުއްޓުމުކަށް ގެނެސްފައެވެ. ވަކި މިހެއްގެ ސިޔާސީ މަންފާއަށްޓަކައި ރައްޔިތުންގެ މަޖްލިސްވެސް ވަނީ ހުއްޓުމުކަށް ގެނެސްފައެވެ. ރައްޔިތުން މިދުވަސް ނިކަން ރަނގަޅަށް ހަނދާން ހުންނާނެއެވެ.