އާއްމުކޮށް ހިންގާ ކޮންމެ ޕިރަމިޑް ސްކީމަކީ އެ ހިންގާ މީހުން ބޭނުންވާ ވަރަށް ފައިސާ ލިބުމުން ނުވަތަ ސްކީމުގައި ހިމެނޭ މީހުންނަށް ފައިސާ ނުދެވޭނެގޮތް ވުމުން ހުއްޓާލާ ސްކީމު ތަކެކެވެ.
ރާއްޖޭގައި މި ދުވަސްކޮޅު ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ޕިރަމިޑު ސްކީމެއް ކަމަށްވާ ޖެމްކިއު ނުވަތަ ޖީއެމްސީއީވެސް ވަނީ ’މަގުސަދު ހާސިލު ވުމުން‘ ހުއްޓާލާފައެވެ. މި ފަދަ ސްކީމު ތަކަކީ ދާއިމީކޮށް ނުހިންގޭ ސްކީމު ތަކެއް ކަމަށް ވުމުން، މި ފަދަ ސްކީމުތައް ހިންގާ ފަރާތަށް އެ ކަން ހުއްޓާލުމަށް އަބަދުވެސް ތިބެނީ ތައްޔާރަށެވެ. މި ކަމުގައި ދެ ގޮތެއް ބޭނުން ކުރެއެވެ، އެއް ގޮތަކީ އެމީހުން ބޭނުންވާ ވަރަށް ފައިސާ ހޯދުމެވެ. ދެވަނަ ގޮތަކީ މި ސްކީމުގައި ބައިވެރިވާ ފަރާތްތަކަށް ފައިސާ ނުދެވޭ ވަރު ވުމުން ހުއްޓާލުމެވެ. ޖެމްކިއުގެ މައުލޫމާތު އެނގޭ ފަރާތްތަކުން ކުރިންވެސް ބުނަމުންދަނީ އެ ސްކީމު ވަރަށް އަވަހަށް ހުއްޓާލާނެ ކަމަށެވެ. ނަމަވެސް އެމީހުންނަށް ކުއްލިއަކަށް ހުއްޓާލަން ނުކެރުނީ އެ ސްކީމަށް ލިބުނު އާދަޔާހިލާފު މަގުބޫލުކަމެއްގެ ސަބަބުންނެވެ. މީގެ އިތުރުން ޖެމްކިއުގެ ބައެއް އިސް މެމްބަރުންވަނީ މި ފަހަރުގެ އީދު ހަރަކާތްތައް ސްޕޮންސަރކޮށް ބައެއް ރަށްރަށަށް އެހީތެރިކަން ދީފައެވެ. އެހެންކަމުން ޖެމްކިއު އިން ހުއްޓާލަން ބޭނުންކުރީ އެމީހުންނަށް ހަޑި ނަމެއް ނުވަތަ ’ވަގެއް‘ ކަމުގެ ލައްގަނޑެއް ނުޖެހޭ ގޮތަށް ހުއްޓާލުމެވެ. ޖެމްކިއު ބޭނުން ކުރި އުކުޅަކީ ދިވެހި ސަރުކާރާއި ޕޮލިހުން އަދި ސީއެމްޑީއޭ އިން ފިއްތާލުމުން ހުއްޓާލަން މަޖުބޫރު ކަމުގެ ބަހަނާއެވެ. މިއީ މިކަމުގައި ކުރިންވެސް ނިންމާފައިވާ ގޮތެއް ކަމަށްވެއެވެ. އެއީ މި ސްކީމުގެ އިސްސަފުގައި ރައްޔިތުންގެ މަޖުލިސް މެމްބަރުންނާއި ސަރުކާރު މުއްސަސާތަކުގެ އިސްފަރާތްތަކެއްވެސް ހިމެނޭތީއެވެ. މި ސްކީމު ހުއްޓާލުމަށް ފަހު އެހެން ސްކީމެއް ފަށަށް މިމީހުންގެ އިތުބާރަށް ލޮޅުމެއް ނާރާ ފަދަ ގޮތަކަށް ނިންމެން އޮތީ މިގޮތަކަށް ކަމަށްވާތީއެވެ.
ޖެމްކިއު އަމާޒުކޮށްފައިވަނީ ހަމައެކަނި ދިވެހިންނަށް:
ޖެމްކިއު އަމާޒުކޮށްފައިވަނީ ހަަމައެކަނި ދިވެހިންނަށެވެ. މީމީހުންގެ ޓެލެގުރާމް ގުރޫޕުތަކުގައި ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ބޭނުންކުރާ ކަމަށްބުނެ ފަތުރާފައިވަނީ ސައްހަ ނޫން ފޮޓޯ ތަކެކެވެ. ބައެއް ފޮޓޯތަކަކީ ޖެމްކިއު ބޭނުންކުރާ ދިވެހިން އެ ގައުމުތަކަށް ދަތުރުކޮށް، ޖެމްކިއު ލޯގޯއެއް ދައްކާލައިގެން އެ ގައުމުތަކުގައި ބޭނުންކުރާ ކަމަށް ދައްކާފައިވާ ފޮޓޯތަކެކެވެ. މި ފޮޓޯ ތަކަށްވެސް ގިނަ ދިވެހިންވަނީ ހެއްލިފައެވެ.
ޖެމްކިއު ޓީމުން އެހެން ސްކީމެއް
ޖެމްކިއު ނިންމާލަން ރޭވި ރޭވުން ކާމިޔާބުވެ، މިކަމުގެ ބައެއް ބޮޑެތި މީހުންވަނީ މިހާރު އެހެން ސްކީމެއްގެ މަސައްކަތް ފަށާފައެވެ. މި ސްކީމު އިސްތިހާރު ކުރަމުންދަނީ ކުރިންވެސް މިފަދަ ކަންަކަން މީހުންނަށް ވިސްނައިދޭން ބޭނުންކުރާ މީހުންނާއި، ޓެލެގްރާމް ގްރޫޕުތައް ހަދައިގެންނެވެ. މި ސްކީމުގައި ބުނެދެނީ އިންވެސްޓުކުރާ ފައިސާ ލިބޭނެ ކަަމަށެވެ. ގެއްލުމެއް ވުމެއް ނެތް ކަމެއް ކުރުމަކީ މައްސަލައެއް ނޫން ކަމަށްވެސް ވިސްނާދެއެވެ. ނުވަތަ ގެއްލުން ވިޔަސް އެންމެ 500 ރުފިޔާ އަކީ ކޮފީ ބަޖެޓެއް ވަރުގެ އަދަދެއް ކަމަށްބުނެ، ވަރަށް އާދައިގެ ކަމެއްކަމަށް ވިސްނާދީގެންނެވެ.
ޖެމްކިއު ފަދަ ސްކީމު ތަކުގައި ޖެހެނީ ކޮން ބައެއް
ޖެމްކިއު ޕިރަމިޑް ސްކީމު ގެ ކުރިން އަދި މިހާރުވެސް ބައެއް ކުދިކުދި ޕިރަމިޑް ސްކީމުތައް އަންނަނީ ހިންގަމުންނެވެ. މި ފަދަ ސްކީމުތައް ބޮޑަށް އަމާޒު ކުރަނީ ރިސޯޓުތަކުގައި މަސައްކަތްކުރާ މުއައްޒަފުންނާއި ރަށްރަށުގައި އުޅޭ ޒުވާނުންނަށެވެ. މިކަމުގެ ތެރެއަށް ނުފޫޒު ގަދަ މީހުން ވަދެ އެމީހުންގެ ހަރަދުގައި އެހެން މީހުންނަށް ފައިސާ އަޅައިދިނުމަށް ފަހު އެމީހުންވެސް ވައްދައެވެ. މި ކަމުގައި ފުރަތަމަ ބައިވެރިވާ މީހުންނަށް ފައިސާ ލިބުނަސް ފަހުން ފައިސާދޭ ފަރާތްތަކަށް ލިބޭނެ ގެއްލުމަކަށް ނުބަލާ ވީހާވެސް ގިނަ ބަޔަކު ވެއްދުމަކީ މިކަމުގައި އުޅޭ އާއްމުންގެ އެންމެ ބޮޑު މަގުސަދެވެ.




