ތ.ހިރިލަންދޫ، އަނބުގަސްދޮށުގެ އިބްރާހިމް އިނާޒަކީ ދާއިރާއަށް އުފަން، ދާއިރާ ރައްޔިތުން ފަހުރުވެރިވާ ދަރިއެކެވެ. ތ.ހިރިލަންދޫ ސްކޫލުން ތައުލީމު އުނގެނުމުގެ ފުރތަމަ މަރުހަލާއަށްފަހު، ސީއެޗްއެސީން އޭ ލެވެލް ނިންމައި، ޕްރޮފެޝަނަލް ދާއިރާތަކުން ޑިގްރީ އަދި މާސްޓަ ޑިގްރީ ހާސިލުކޮށް، ޓުއަރޒިމް ދާއިރާގައި އިނާޒަކީ މިއަދު މުހިއްމު އިތުބާރު ކުރެވޭ ނަމެކެވެ.
ރައްޔިތުން މަޖުލީހުގެ މެމްބަރުން އިންތިހާބު ކުރުމަށް ކަނޑައަޅާފައިވާ ދާއިރާތަކުގެ ތެރެއިން އެންމެ ގިނަ ރައްތަށް ހިމެނޭ އެއްދާއިރާ ކަމަށްވާ ކިނިބިދޫ ދާއިރާގެ ކޮންމެ ރަށަކަށް ތަސައްވުރެއް އެކުލަވާލައިގެން ނިކުމެ، އިނާޒު ބޭނުންވަނީ ކިނބިދޫ ދައިރާއަށް އަލަށް އެ ދާއިރާގެ ދަރިއެއް އިންތިހާބު ވުމެވެ.
ފަތުރުވެރިކަމުގެ ދާއިރާގައި 15 އަހަރުގެ ތަޖުރިބާއާއި އެކު އިނާޒަކީ އިންޑސްޓްރީގެ އިތުބާރު ލިބިފައިވާ އެ ދާއިރާގެ ޕްރޮފެޝަނަލް ލީޑަރެކެވެ. އޭނާގެ ހިދުމަތްތައްވަނީ ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކޮށްފައެވެ. ފަތުރުވެރިކަމުގެ ކެރިއަރުގައި ފިނޮޅު، ހިލްޓަން, ފޯސީޒަން ފަދަ މަތީ ފަންތީގެ ރިސޯޓުތަކުގެ އިސްމަގާމުތަކުގައި އިނާޒު ވަނީ މަސައްކަތްކޮށްފައިވެއެވެ.
އަމަލީ ތަޖުރިބާ
ފަތުރުވެރިކަމުގެ ދާއިރާގައި އިނާޒުގެ ކެރިއަރ ފެށުނީ ހިއުމަން ރިސޯސްގެ ދާއިރާއިންނެވެ. މި ދާއިރާގައި އަލަށް ވަޒީފާއަށް ނުކުންނަ ފަރާތްތަކަށް އިތުރު ތަމްރީނުދީ ފަތުރުވެރިކަމުގެ ދާއިރާގެ ތަމްރީނުދީ މި ދާއިރާއަށް ފައްކާކޮށް ބައްޓަންކުރުމުގެ ބޮޑު ޒިންމާ އެތައް ދުވަހަކު އުފުލިއެވެ. އޭގެ ފަހުން ރިސޯޓު ހިންގުމުގެ ދާއިރާއަށް ބަދަލުވެ، މުވައްޒަފުންގެ އެންމެހާ ކަންކަން ބަލަހައްޓަމުން، ފަތުރުވެރިން އެދޭ ހިދުމަތްތައް ފޯރުކޮށްދީ. މަޝްހޫރު ބުރޭންޑުތައް މާކެޓަށް ނެރެދިނުމުގެ މޭސްތިރިއެއްގެ ދައުރު އަދާކުރިއެވެ.
ފަތުރުވެރިކަމުގެ އިންޑަސްޓްރީގައި ގިނަ ދުވަސްތަކެއް ވަންދެން ކުރި ހިދުމަތުގެ ސަބަބުން އިނާޒަށް ވަނީ އިންޑަސްޓްރީގެ އިތުބާރާއި ޔަގީންކަން ލިބިފައެވެ. އެގޮތުން ހޯދާފައިވާ ބައެއް ކާމިޔާބީތަކުގެ ތެރޭގައި ’100 ޓޮޕް ގްލޯބަލް އެޗްއާރު މައިންޑްސް‘ އަދި ’50 މޯސްޓު ޓެލެންޓެޑް އެޗްއާރު‘ ލީޑާސް ހިމެނެއެވެ.
ފަތުރުވެރިކަމުގެ ޕްރޮޑަކްޓު ބްރޭންޑު ކުރުމާއި މާކެޓު ކުރުމުގައި އިނާޒުކޮށްފައިވާ ތަޖުރިބާއަށް އިތުބާރުކޮށް، ކ.ކުޑަގިރި ތަރައްގީ ކުރުމުގެ ކޮންސަލްޓެންޓަކަށް އިނާޒު ހަމަޖެއްސިއެވެ. ވަރަށް ކުޑަ މުއްދަތެއްގައި، އެތައް ގޮންޖެހުމަކާއެކުވެސް، ކުޑަގިރި މުޅިން ނިންމާ މާކެޓަށް ހުޅުވާލުމަކީ އޭނާގެ ޕްލޭން ކުރުމުގެ ހުނަރާއި، ޕްރޮޖެކްޓު މެނޭޖް ކުރުމުގެ ގާބިލުކަން އަންގައިދޭ ފުރިހަމަ ހެއްކެކެވެ.
މީގެ އިތުރުން ޔޮޓު މެރީނާއެއްގެ ގޮތުގައި ދިޔަނެރުފަޅު ތަރައްގީ ކުރުމާއި، ހުޅުމާލޭ ޓުއަރިޒަމް އައިލެންޑު ތަރައްގީ ކުރުމުގެ ބޮޑު މަޝްރޫއު މިހާރުވެސް ކުރިއަށްދަނީ އިނާޒުގެ ބެލުމުގެ ދަށުންނެވެ.
މީހުން ބިނާކުރުން
ހިދުމަތް ކުރުމުގައި ހޭދަވި ދިގު މުއްފަތުގައި ލިބިފައިވާ ތަޖުރިބާ އިނާޒު ބޭނުން ކުރީ މި ދާއިރާއަށް އަލަން ނުކުންނަ ޒުވާނުން ތަމްރީނު ކުރުމަށެވެ. އެގޮތުން ކުރެވުނު އެންމެ ފާހަގަކުރެވޭ އެއްކަމަކީ ’މައި އެންޓްރީ ޓު ހޮސްޕިޓަލިޓީ‘ ގެ ނަމުގައި 3 މަސް ދުވަހުގެ ކޯހެއް ހިލޭ ސާބަހަށް ހިންގުމެވެ. އިންޑަސްޓްރީގެ ތަޖުރިބާ ހުރި ފެސިލިޓޭޓަރުންގެ އެހީއާއިއެކު ހިންގުނު މި ޕްރޮގްރާމް 100އަށް ވުރެ ގިނަ ފަރާތަކުން ފުރިހަމަ ކުރިއެވެ.
ސިޔާސަތު އެކުލަވާލުން
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ރިޔާސީ ދައުރުގައި، އޭރުގެ ތައުލީމީ ސިޔާސަތުގައި ހިމެނޭ ވޮކޭޝަނަލް އެޑިޔުކޭޝަން ޕްރޮގްރާމް ގެ ފްރޭމްވޯކް އެކުލަވާލުމާއި، ސްކޫލުތަކުގައި އެ ޕްރޮގްރާމް ހިންގުމުގެ އަމަލީ މަސައްކަތުގައި އިނާޒު އިސްދައުރެއް އަދާކުރިއެވެ. މިއީ ރާއްޖޭގެ ގިނަ ދަރިވަރުންތަކަކަށް އަމަލީ ތަޖުރިބާ ހޯދައިދައިދިނުމަށް އަމާޒުކޮށް ބައްޓަންކޮށްފައިވާ ބޭނުންތެރި ޕްރޮގްރާމެކެވެ. މީގެ އިތުރުން މި އަހަރުގެ ރިޔާސީ އިންތިހާބަށް ރައީސް ޑރ.މުހައްމަދު މުއިއްޒުގެ (ޕީޕީއެމް/ޕީއެންސީ) ޓުއަރިޒަމް މެނިފެސްޓޯ ތައްޔާރުކުރުމަށް އިނާޒުގެ ތަޖުރިބާ ހިއްސާކޮށް، މެނިފެސްޓޯ އެކުލަވާލުމުގައި ބައިވެރިވިއެވެ.
ތަސައްވުރު
އިނާޒުގެ އަމާޒަކީ ލިބިފައިވާ ތައުލީމާއި ހުނަރުގެ އަލީގައި އަމިއްލަ ގައުމަށާއި އުފަން ދާއިރާއަށް ހިދުމަތްކޮށްދިނުމެވެ. އޭނާ މަސައްކަތް ކުރާނީ ރައްޔިތުން ބޭނުންވާ ކުރިއެރުމާއި ތަރައްގީ ހޯދައި ދިނުމަށެވެ. އަދި ސާބިތުވެ ހުންނާނީ މުޖުތަމައުގެ ލާބައާއި މަންފާއަށް ވަރުގަދައަށް ވަކާލާތުކުރުމުގައެވެ.
ރައްޔިތުންގެ މަޖުލީހުގެ ކިނބިދޫ ދާއިރާގެ ޕްރައިމަރީގައި ޕީޕީއެމް ޕީއެންސީގެ ޓިކެޓުގައި ވާދަކުރުމަށް ނިކުމެ ހުރީވެސް އެ އަޒުމުގައެވެ. އިނާޒުގެ އަތުގައި ކޮންމެ ރަށަކަށް ވަކިން ތަސައްވުރެއް، މެނިފެސްޓޯއެއް ވަނީ ތައްޔާރުކޮށްފައެވެ. މި މެނިފެސްޓޯގައި ދާއިރާގެ ކޮންމެ ރަށެއް ކޮންމެ ރައްޔިތެއް ޝާމިލުވާނެހެން ހިންގަން އިނާޒު ބޭނުންވެއެވެ. މި ކަންކަން ފުރިހަމަވާން އޮތީ ރައްޔިތުންގެ ވޯޓުން އިނާޒަށް ޕީޕީއެމް ޕީއެންސީ ޕްރައިމަރީ ކާމިޔާބު ވެގެންނެވެ. މިކަމުގައި އިނާޒު އެދެނީ ދާއިރާ ރައްޔިތުންގެ ތާއީދެވެ.