ބޮޑުވަޒީރު ކަމުގައި އެންމެ 44 ދުވަހު ހުންނެވުމަށްފަހު އިނގިރޭސީ ވިލާތުގެ ބޮޑުވަޒީރު ލިޒް ޓްރުސް އިސްތިއުފާދެއްވަން ނިންމަވައިފިއެވެ. މި ދިޔަ ސެޕްޓެމްބަރު މަހު ބޮޑުވަޒީރުގެ މަގާމަށް އައްޔަންކުރި ލިޒް މަގާމުން އިސްތިއުފާ ދެއްވަން ނިންމެވީ ގާނޫނޫ ހަދާ މަޖްލީހަށް ހުަށައެޅުއްވި ސަޕްލިމެންޓްރީ ބަޖެޓުގެ މައްސަލާގައި ފާޑުކިޔުން ބޮޑުވެ އޭނާގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން މަސައްކަތްކުރަން ފެށުމުންނެވެ. އިސްތިއުފާ އިއުލާންކުރައްވަމުން ލިޒް ވިދާޅުވީ އެކަމަނާ ވެވަޑައިގަތް ވައުދު ނުފުއްދޭ ކަމަށާއި އަދި އަމިއްލަ ޕާޓީންވެސް އެ ކަމަނާއަށް އިތުބާރު ގެއްލިފައިވާ ކަމަށެވެ. އިސްތިއުފާ ދެއްވަން ނިންމެވިކަން އިނގިރޭސި ރަސްގެފާނު ޗާލްސް އަށް ވެސް ދަންނަވާފައިވާ ކަމަށެވެ.
ކޮވިޑް19 އާއި ޔުކްރެއިން ހަނގުރާމައިގެ ސަބަބުން އިނގިރޭސި ވިލާތަށް ދިމާވެފައިވާ އިގްތިސާދީ ދަތިކަމުގައި އެގައުމު މިއިން ޒަމާނަކު ތަޖުރިބާ ކުރަން ނުޖެހޭ އިގްތިސާދީ ދަތި ތަކަކާއި ކުރިމަތިލާން ވަނީ ޖެހިފައެވެ. ކުރިން ހުންނެވި ބޮޑުވަޒިރު ބޮރިސް ޖޯންސަން ވެސް އިސްތިއުފާ ދެއްވަން މަޖުބޫރުވީ މި ކަންކަމުން އަރައިގަންނަން ސަރުކާރުން ކުރަމުންދިޔަ މަސައްކަތް ކާމިޔާބު ނުވުމުންނެވެ.
ލިޒް މަގާމުން އިސްތިއުފާދެއްވަން ނިންމެވުމުން އެކަމަނާ ވެގެންދާނީ މިހާތަނަށް އިނގިރޭސި ބޮޑުވަޒީރުކަމުގައި އެންމެ ކުރު މުއްދަތެއް ހޭދަކުރެއްވި ބޭފުޅާއަށެވެ.