މީގެ ކުރިން ހާލުބޮޑު ބަލި މީހުން އުފުލުމުގައި އަބަދުވެސް އަމަލުކުރަމުން އައީ އެމްއެންޑީއެފުގެ ބެލުމުގެ ދަށުން އިމަޖެންސީ ރެސްކިއު (މެޑިކަލް އިވެކުއޭޝަން) އޮޕަރޭޝަންތަކުގެ ގޮތުގައެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި މި ކަމަށް އަވައްޓެރި އިންޑިއާއިން ހެލިކޮޕްޓަރެއް ގެނައެވެ. އިންޑިއާގެ ސަރުކާރުގެ އެހީތެރިކަމާއި އެކު އެމީހުން ހުރިހާ ހަރަދަކާއި މުއައްޒަފުންނާ އެކު ހިދުމަތްފެށި ހެލިކޮޕްޓަރަށް ނުކަތައިގެން ރައީސް އަބްދުﷲ ޔާމީން ގެ ވެރިކަމުގައި އިންޑިއާއިން ޑޯނިއާ ފުލައިޓެއް ގެނައެވެ. ކުއްލި ހާލަތުގައި ބަލި މީހުން އުފުލުމަށް އިސްކަންދީގެން އެކަން ފުޅާ ކުރުމުގެ މަގުސަދުގައެވެ. މި ފަހަރުވެސް އިންޑިއާއިން އެހީތެރިވީ އެމީހުންގެ އަމިއްލަ އެއަރކުރާފުޓެއް ފޮނުވައި އެ ބެލެހެއްޓުމާއި ދުއްވުމުގެ ހުރިހާ ހަރަދެއްވެސް އިންޑިއާ ސަރުކާރުން ކުރާގޮތަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެކަންތައް އެގޮތަށް ދެމެހެއްޓިއެވެ. ހުރިހާ ރަށެއްގައި އެއަރޕޯޓެއްނެތަސް އިންޑިއާ ހެލިކޮޕޓަރުގެ އެހީގައި ކޮންމެ ރަށަކަށް ޖައްސައި ބަލި މީހުން ގޮވައިގެން މާލެއައުމުގައި އަވަދިނެތި ހަރަކާތްތެރިވިއެވެ. ރާއްޖޭގެ ސިއްހީ ހިދުމަތުގެ ހާލަތު ހުރިގޮތުން ކުއްލި ފަރުވާއަށް މާލެ ގެނައުމަށް އެންމެ ރައްކާތެރި އެންމެ އަވަސް މަގެއްގެ ގޮތުފައި އޮތް ވައިގެ ލަޝްކަރު އަމާން ކަމާއި އޮމާން ކަމާއެކު ބަލި މީހުން އުފުލުމުގައި ހަރަކާތްތެރިވަމުންދިޔައެވެ. ރޭގަނޑާއި ދުވާލު އަދި ކިތަންމެ މޫސުން ގޯސްވިއަސް އެ މަސައްކަތަށް މަޑު ޖެހުމެއް ނެތިއެވެ. ރާއްޖޭގެ ބޮޑު ބަޔަކީ ކަނޑުގެ ސަރަހައްދަށްވެފައި ކިރިޔާ މޫސުން ގޯސްވިއަސް ދަތުރުކުރެވޭނެ އެންމެ އަވަސް ރައްކާތެރި މަގަކީ ވައިގެ ދަތުރުފަތުރެވެ.
އެންމެ ގިނަ މީހުން ބޭސްފަރުވާއަށް ބަރޯސާ ވެފައިވާ ވެރިރަށް މާލެއަށް ހާލު ބޮޑު ބަލި މީހުން އުފުލުމުގައި ހުއްޓުމެއް އައީ މި ސަރުކާރުން އިންޑިއާއާއި ދެކޮޅުވެ، ރާއްޖޭގައި ބަލި މީހުން އުފުލުމުގައި ގާއިމުވެ ތިބި މީހުންނަކީ ގައުމަށް ނުރާއްކާތެރި އިންޑިއާ ސިފައިން ކަމަށް ނިންމި ހިސާބުންނެވެ. އެ ހިސާބުން އެ އޮޕރޭޝަންތައްވަނީ ހުއްޓާލާފައެވެ. ކަނޑުވެ ގެއްލޭ މީހުން ހޯދުމާއި ބަލި މީހުން އުފުލުމުގައި އަވަދިނެތި ހަރަކާތްތެރިވި އިންޑިއާގެ ހެލިކޮޕްޓަރާއި ޑޯނިއާ ވަނީ އެއަރޕޯޓުގައި މުއްދަތެއް ނެތްގޮތަށް ޕާކުކޮށްފައެވެ. ލަފާ ކުރެވޭ ގޮތުގައި އެ ދެއުޅަނދާއި އެކަމުގައި ހަރަކާތްތެރިވި އިންޑިއާ އޮފިޝަލުން ފުރައއިގެންދާނެއެވެ. އެތައް ފުރާނައެއް ސަލާމަތް ކުރެވުނު ކަމުގެ ހިތް ހަމަޖެހުމާއި ރީތި ނަމާއި އެކުގައެެއް ނޫނެވެ. އެމީހުން ފުރައިގެން އެދަނީ މި ސަރުކާރުގެ ބައެއް އޮފިޝަލުން ބުނާ ގޮތުން މިތަން ހިފައިގެން ތިބި ކުލީގެ ސިފައިގެން ލައްގަނޑުގައެވެ.
މި ފަހުން ހިނގި ދެ ހާދިސާގައިވެސް އިންޑިއާ ސަރުކާރުން ހަދިޔާކޮށްފައިވާ ދެ އުޅަނދު ބޭނުން ކުރުން ސަރުކާރުން ވަނީ އިންކާރުކޮށްފައެވެ. އައްޑު އަތޮޅުން ގެއްލުނު ޒުވާނާ ހޯދުމަށް ޑޯނިއާ ފުލައިޓު ބޭނުން ކުރުމަށް އާއްމުންނާއި އެކަމުގެ މާހިރުން ގޮވާލުމުންވެސް ސަރުކާރުން ބޭނުން ކުރީ އައްޑޫ ފުލައިން ސްކޫލުގައި ބޭނުން ކުރަމުންދާ ’ދަސްކުރާ ފުލައިޓެކެވެ.‘ އެއީ މި ފަދަ ކަމަކަށް ބޭނުންކުރެވޭ ނެ ކަހަލަ އުޅަނދެއްނޫނެވެ. މިއަދު ނިޔާވި ވިލިނގިލި އުމުރުން 13 އަހަރުގެ މުހައްމަދު ޖާހު ހާލު ބޮޑުވެ އަވަސް ފަރުވާއަށް މާލެ ގެންދިއުމަށްވެސް އިންޑިއާގެ ހެލިކޮޕްޓަރު ބޭނުން ކުރަން ދެކޮޅު ހެދިއެވެ. އޭގެ ބަދަލުގައި ބޭނުންވީ އައިލެންޑު އޭވިއޭޝަނުގެ ޗާޓަރު ފުލައިޓެކެވެ. ކެޕޭސިޓީނެތް، އަދި މަދަނީ ދަތުރުކުރަމުންދާ އައިލެންޑު އޭވިއޭޝަނުގެ ފުލައިޓެއް ’ވަގުތުވެގެން‘ އާދެވުނުލެއް ލަސްވީއެވެ، މިއަދު އެ ކުއްޖާވަނީ ނިޔާވެފައެވެ.
ރާއްޖޭގެ އެތެރޭގެ ސިޔާސީ ކަންކަން މިވަނީ ގާދުކޮލުން ބޭރުވެ ދުނިޔޭގެ އެންމެ އާބާދީ ބޮޑު ދެގައުމެ ދޭތެރެއަށް އަމިއްލައަށް ވެއްޓި ގަނެފައެވެ. މީގެ ކުރިން ޗައިނާއިންވެސް އިންޑިއާއިންވެސް ރާއްޖެއަށް އެހީވެއެވެ. ޖަފާނާއި އެމެރިކާ އަދި ޔޫރަޕުންންވެސް އެހީވެއެވެ. އެމީހުން އެހީވަނީ މިތަނުން އިސްލާމުދީން ފޮހެލާ ގައުމުން ބައެއް ގެންދާކަށް ނޫނެވެ، ރައީސް މައުމޫނުގެ ދައުރުގައި ޖަޕާނުން މާލެ ވަށާ ތޮށި ލައިދިނެވެ. ބޮޑު ހިލަ ޖަހާ ބޮޑު ރާޅުން މާލެ ހިމާޔަތްކޮށްދިނެވެ. މާލޭަގައި އެންމެ ވަރުގަދަކޮށް އެހެރީ އެމީހުން އަޅާދިން ސްކޫލުތަކެވެ. އިންޑިއާއިން ނޮވެމްބަރު 3 ގެ ހަމަލާއިން ރާއްޖެ ސަލާމަތްކޮށްދިނެވެ. އެކިއެކި މަޝްރޫއުތަކަށް ފައިސާ ދިނެވެ. ޗައިނާއިން އެހެރީ މާލެގައި ފުލެޓުތަކެއް އަޅާދީފައެވެ. ސިނަމާލެ ނަމުން ދެގައުމު ނަން ރަމްޒުވާ ފުލެޓުތަކެއް އަޅާދިނީ މި ތަނުން އިންޑިއާ މީހުން ބާލާފައެއްނޫނެވެ. އިންޑިއާއިން އެހީ ދެނީ ޗައިނާ މީހުން ގެ ފުލެޓުތަކެއް ފެނި ހަސަދަވެރިވެގެނެއްނޫނެވެ. އެ ދުވަސްވަރު ރައީސް މައުމޫނާ ދެކޮޅަށް ސިޔާސީ ގޮތުން ވާހަކަދެއްކި އެއްވެސް ބޭފުޅަކު މި ފަދަ ވާހަކައެއް ނުދައްކައެވެ،. ޗައިނާ އިންޑިއާ އައުޓާއި، އިން ވުމެއްގެ ވާހަކައެއް ނެތެވެ. ނަމަވެސް މިހާރުގެ ސިޔާސީ މައިދާނުގެ ބޮޑު ދެޕާޓީގެ ވާދަވެރިކަން އުފެދި އެއްބަޔަކު އަނެއްބައެއްގެ ސިޔާސީ މަމަދުގާރަކީ މީނަ ގައުމެއް ކަމަށްބަލައި އެ ގަައުމުތައްވެސް ދެކެނީ ދުޝްމަނުންގެ ގޮތުގައެވެ.
ހަގީގީ ދުޝްމިނުންނަކީ އަހަރުމެންގެ ގިޮތް ދޫނުކުރާ ސިޔާސީ ވެރިންނެވެ. ރާއްޖެ ފަދަ ގައުމަކަށް ދުނިޔޭގެ ހުރިހާ ގައުމެއްގެ އެހީތެރިކަން ބޭނުންވެއެވެ. އެކަކު އަނެކަކުގެ އެހީތެރިކަންވެސް ބޭނުންވެއެވެ. ކުރީގެ ސަރުކާރުން ކުރި ކަންކަން ބަދަލު ކުރާނަމޭ ހިތާ، ތަންތަނަށް ކިޔާ ނަމެއް ބަދަލުކޮށް، މޮނިއުމެންޓާއި ބޮޑު ދިދަ ބަދަލުކުރިއަސް މައްސަލައެއް ނެތެވެ. ރައްތިތުންގެ ފުރާނައާއި ދިރިއުޅުމާއި ގުޅިފައިވާ ކަންކަމަކީ ސިޔާސީ ކަންކަމެއްނޫނެވެ. އެކަމުގައި ގޮތް ދޫކޮށްގެން ތިމާމެން އަތުން ގެއްލޭނެ އެއްޗެއް ނެތެވެ.
ތިކުރަނީ ނޫވެރިކަމެއް ނޫން ؟
ތިއުފައްދަނީ ބޮޑެތި ފިތުނަ
މާތްﷲ ބިރުވެތިވޭ ވޭ