ރައީސުލް ޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށް،
ވެދުން ސަލާމަށްފަހު ދަންނަވަމެވެ.
ރައްޔިތުންގެ މަޖުލީހުގެ މެމްބަރުކަން ކޮންމެ ޒަމާނެއްގައި އަދާކޮށްފައިވިޔަސް އެ ލިބޭ އިނާޔަތްތާކާއި މުސާރައިން ލިބޭ ވަރަކީ ނިސްބަތުން ދައުލަތުގެ ހަރަދުތަކުގެ ޗާޓުން ބަލާއިރު ވަރަށް ބޭކާރު ހަރަދެކެވެ. މަޖްލިސް މެމްބަރުންނަކީ އެމީހުންގެ ދައުރުގައި ބޮޑެތި މުސާރަތާކާއި އިނާޔަތްތައް އަދި އެހެނިހެން މަންފާތައް ގިނަ އަދަދަކަށް ލިބުނު ފަރާތްތަކެކެވެ. އާއްމު ރައްޔިތަކަށް ނުވަތަ އެހެން ވަޒީފާއެއްގައި އުޅޭ ފަރާތަކަށް މިފަދަ އިނާޔަތްތަކެއް މަންފާ ތަކެއް ނުލިބެއެވެ. މަޖްލިސް މެމްބަރަކަށް ވުމުން ކޮންމެ ރައީސެއް ހުއްޓަސް ކޮންމެ ސަރުކާރެއް އޮތަސް އެމެމްބަރަކަށް ބަރޯސާވާން ޖެހޭ ހަގީގަތަކީ ސިއްރެއް ނޫނެވެ. ބަރުލަމާނީ ނިޒާމެއް ނޫނަސް ގިނަ ނިންމުންތައް ނިމިގެން އަންނަނީ މަޖްލިސް ތެރެއިންނެވެ. ހޮވުމަށް ފަހު އެ ދާއިރާގެ ރައްޔިތުންނަށް މެމްބަރުގެ ކޮންޓްރޯލެއްވެސް ގިނަ ފަހަރަކަށް ނޯވެއެވެ.
މި ހުރިހާ ކަމެއް މިހެން ހުންނަނީ މެމްބަރަކަށް ހުންނައިރުއެވެ. ކުރީގެ މެމްބަރުންގެ ފަރާތުން ރައްޔިތަކަށް ގައުމަށް މި ވަގުތު މާބޮޑު ހިދުމަތްތަކެއް ކުރާތިއެއް ނުފެނެއެވެ. އަދި ހާއްސަކޮށް މަނިކުފާނުގެ މަސައްކަތަކަށް އެއްބާރުލުންދީ، މި ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަށް ތައުރީފުގެ ބަހެއް ބުނެލާ ތަނެއްވެސް ނުފެނެއެވެ. ކުރީގެ ގިނަ މެމްބަރުން މިހާރުވެސް ތިބީ އިދިކޮޅު ސިޔާސީ ހަރަކާތްތަކުގައި މަނިކުފާނުގެ ސަރުކާރު ބަދުނާމުކޮށް ދޮގު މައުލޫމާތު ފެތުރުމުގައި އަވަދިނެތިއެވެ. ބައެއް މެމްބަރުން އަމިއްލަ ބޮޑެތި ވިޔަފާރިތައް ފަށައިގެން އެކަމާ ވަރަށް ބިޒީކޮށް އެބަ އުޅުއްވައެވެ. މިއިން އެއްވެސް މެމްބަރެއް ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމާއަތެއް ހަދައިގެން ނުވަތަ ނިކަމެތިންނަށް އެހީވުމުގެ ޕްރޮގްރާމެއް ފަށައިގެން އުޅޭތަނެއް ވެސް ނުފެނެއެވެ.
މި ބޭފުޅުންނަށް މި ލިބޭ ފައިސާގެ އިނާޔަތްޔަކާއި ވީއައިޕީ ލޯންޖާއި އަދި އެކި ގައުމުތަކުން ލިބޭ ބޭސްފަރުވާގެ އިނާޔަތްތައް ކަނޑާލުމަކުން އެއްވެސް ނިކަމެތިކަމެއް އަންނާނެ ކަމަކަށް ނުބެލެވެއެވެ. އާއްމު ރައްޔިތުންނަށް ލިބޭ އާސަންދައިން ބޭސްފަރުވާގެ ކަންތައްތައް ހަމަޖައްސާލެވޭނެއެވެ. ކިޔަވަން ބޭނުންފުޅުވާ ކުރީގެ މެމްބަރުންނަށް ހިލޭ ޑިގްރީ ޕްރޮގްރާމާއި އެހެނިހެން ސްކިލް ޕްރޮގްރާމްތައް އެހެރީ ހުޅުވާލާފައެވެ. ހިލެއެވެ. އަލުން އޯލެވެލް ހަދާލުމާއި ރިސޯޓުތަކުގެ އެޕްރެންޝިޕް ޕްރޮގްރާމް ތަކާއި ޓިވެޓްގެ ކަރަންޓު ވައިރުކުރުމާއި އެހެނިހެން ޓެކްނިކަލް ކޯސްތައްވެސް އެހެރީ ހުޅުވާލާފައެވެ. ހިލެއެވެ. ބޯހިޔާވަހިކަމާއި ގެދޮރުވެރިޔާގެ ލޯނާއި އެސްއެމްއީ ބޭންކުގެ ފުރުސަތުވެސް މި ބޭފުޅުން ބޭނުން ނަމަ ކުރިމަތިލެވިދާނެއެވެ.
ވީމާ ކުރީގެ މަޖްލިސް މެމްބަރުންނަށް ދެމުން އަންނަ ހުރިހާ އިނާޔަތް ހުއްޓާލުމަށް ފަހު އެ ފައިސާއިން ރައްޔިތުންނަށް ސީދާ ގުޅުން ހުރި ކަމަކަށް ހަރަދު ކުރައްވާށެވެ. މި ފައިސާއިން ކިތަންމެ ރަށެއްގައި މަގުތަކާއި ބަނދަރުތައް ހެދޭނެއެވެ. ނިކަމެތިންގެ ބޭސްފަރުވާގެ ކަންތައްތައް ހަމަޖެއްސޭނެއެވެ. ބަޖެޓަށް ބަރުވެގެން އިތުރަށް ބޮޑު ކުރަން އުޅޭ ޓެކްސްތަކުން މަނިކުފާނަށް އަންނަމުންދާ ރުޅިވެރިކަމުގެ ބަސްތަކަށްވުރެ ބަޖެޓަށް ލުއިވެ އާއްމުންގެ ލޯބި ލިބޭ މިކަހަލަ ކަމެއް ކުރުމުން މަނިކުފާނުގެ ނަފްސަށްވެސް ހަމަޖެހުން އަންނާނެކަން ކަށަވަރެވެ. މާދަމާވެސް މަނިކުފާނުގެ ވެރިކަން ބަލިކަށިވެ އަޑިއަޅާލާ ދުވަހު މިއިން އެއްވެސް މެމްބަރެއްގެ އެހީތެރިކަމެއް ނުލިބޭނެއެވެ. މިއީ ދުނިޔެ ދައްކާ ހަގީގަތެވެ.
އިހުތިރާމް ގަބޫލުކުރެއްވުން އެދެމެވެ.
16 އޮގަސްޓު 2022
މަނިކުފާނަށް ހެޔޮއެދޭ އާދައިގެ ރައްޔިތު މީހާ




