އާއްމު ބޭނުންތަކުގައި ބޭނުންކުރާ، އެއް ފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކު މަދު ކުރުމަށް ނުވަތަ ބޭނުން ކުރުން ހުއްޓާލުމަށް، މި ފަހުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާ، ތަންފީޒުވެސް ކުރަން ފަށާފައެވެ. މި ގޮތުން ވަކި ސައިޒަކަށްވުރެ ކުދި ޕްލާސްޓިކް ކޮތަޅާއި ފުޅި އެތެރެ ކުރުން ވަނީ މަނާކޮށްފައެވެ. މި ކަމުގެ ސަބަބުން ދިވެހިންގެ ތެރޭގައި އެންމެ މަގުބޫލު ސުޕާރީ ޕެކެޓު އެތެރެކުރުން މަނާވީއެވެ. ކުދި ޕެޓް ފުޅިވެސް އުވުނީއެވެ.
މިއިން ކޮންމެ ފަހަރަކުވެސް އާއްމުންނާއި ވިޔަފާރިވެރިންގެ ހިތްހަމަ ނުޖެހުން އިންތިހާއަށް ސަރުކާރަށް އޮވެއެވެ. ވަކި ހިސާބަކުން އަޑު ކެނޑުނީމާ އެއީ އެކަންވެސް ބަލައިގަތީކަމަށް ބައެއް ސިޔާސީ މީހުންނަށް ހީވެދާނެއެވެ.
މި ފަހަރު ޕްލަސްޓިކަށް އައި ހުކުމަކީ ސީދާ އާއްމު ރައްޔިތު މީހާއާއި ގުޅުން ހުރި ކަމެކެވެ. ކުރިން ފަހަރު ތަކާ ހިލާފަށް ރައްޔިތުން ހިތުން ހަނދާނުން ނުފިލާ ވަރުގެ ކަމެއް ފުރަތަމަ ފަހަރަށް ތަޖުރިބާ ކުރަން ޖެހިފައެވެ. ޖީއެސްޓީ 8% ބޮޑުވި އަހަރު ކޮތަޅަކުން 2 ރުފިޔާ ނަގަން ފެށުނީމާ ނުސީދާކޮށް މުދަލުގެ އަގު އަނެއްކާވެސް ބޮޑުވީއެވެ.
ކުނި އުކާލަން ނެރެން ޖެހެނީ ޕްލާސްޓިކު ކޮތަޅުގައެވެ. ބާޒާރުން ހޯލްސޭލްކޮށް ކޮތަޅު ބޮނޑި ވިއްކާ މީހުން ވިއްކަނީ 4 ގުނަ ލާފައެވެ. އެއީ އެމީހުން މީރާއަށް ދައްކަން ޖެހޭ ވަރު ލާފައެވެ. ފިހާރަތަކުން އިސްތިސްނާ މުދަލަށް ލާރި ނުނެގޭނެ ކަމަށް ބުންޏަސް، ބާޒާރުން ކޮތަޅު ގަންނަ ހިސާބުން އެ އިންނަނީ ކޮތަޅަށް އިތުރަށް ފައިސާ ދެވިފައެވެ. އެހެން ކަމުން ދެން ޖެހެނީ މުދަލުން އެބައި ބޮޑުކުރާށެވެ.
މި ކަހަލަ ތާކުން ތާކު ނުޖެހޭ ކަންކަމުގައި ބަލަންވީ އާއްމު ގިނަ އަދަދެއްގެ ބަޔަކަށް ފަސޭހަވާނެ ގޮތެކެވެ. މީގެ ކުރިން އެމްޑީޕީން ރާއްޖެއަށް އަލަށް ކަންކަން ތައާރަފް ކުރަމުން ދިޔަ ދުވަސްކޮޅު އޭރުގެ ވެރިން ވިދާޅުވެފައިވާ ފަދައިން ’ބަލި ފަސޭހަކުރަން ހިތި ބޭސް ވެސް ބޯން ޖެހޭ ’ ކަންކަން ހުރެއެވެ. މި ފަހަރު ބޭސް ބޯން ޖެހިފައި މިވަނީ ޑޯޒުން މަތިންނެވެ.
ކޮތަޅަށް ލާރި ނަގާތީ އެކަން ސެލެބްރްޓްރޭޓް ކުރާ މީހުން މޫދަށް ކުނި އުކާފަ ހުންނަ ވީޑިއޯއާއި ފޮޓޯތައް ލަމުން، ”ކޮތަޅަށް ނަގާ ލާރި އަދިވެސް މަދޭ..“ ބުނެ ކޮތަޅު ލާރި ދިފާއު ކުރަން އުޅުނަސް އަސްލު މައްސަލަ މި ކަމުން ހައްލެއް ނާންނަކަން އެންމެންނަށްވެސް އިނގެއެވެ. ކުނި އުކާލުމާއި ނައްތާލުމުގައި ރަނގަޅު ނިޒާމެއް ނެތްތަނެއް އެކަހަލަ ކިތަންމެ މަންޒަރެއް ފެންނާނެއެވެ. ރިސޯޓުތަކުން ކަނޑަށް ކުނިއެޅުން ވަނީ ހުއްދަކޮށްފައެވެ. ތަރައްގީގެ ކަންކަމުގައި ރީތި ބޮޑެތި ފަޅުތައް ހިއްކަނީއެވެ. ކަނޑުގެ އަޑިން ވެލި ނަގާ ކަނޑުގެ އަޑީ ސަތަހަ އޮޅަގަނޑަކަށް ހަދާލާފައި ރަށެއް ކުޑަވެގެން ބޮޑުކުރާ ބައި ހަދަނީއެވެ. ރަށުގެ ރީތި ފަރު އެކީ ނޮޅާލާފައި ބަނދަރު ހަދަނިއެވެ. މިއިން ކޮންމެ ކަމެއް ކުރަނީ ރައްޔިތުންނަށް ފަސޭއަކަށެވެ.
ޕްލަސްޓިކް ކޮތަޅުން ނުލިބޭނެ އެތައް ގެއްލުމެއް ތަރައްގީގެ ނަމުގައި ތިމާވެއްޓަށް ވަނީ ލިބިފައެވެ. އެހެން ވިޔަސް ތމާވެއްޓަށް އެންމެ ގެއްލުންދެނީ އާއްމު ރައްޔިތު މީހާ ގެންގުޅޭ ޕްލާސްޓިކް ކޮތަޅެވެ،ފައިސާ ދައްކަންވީ އާއްމު ރައްޔިތު މީހާއެވެ.
ތިމާވެއްޓަށް އެވަރަށް އަޅާލާނަމަ، އަމަލީ މައިދާނަށް ނިކުމެ، ފޮތި ކޮތަޅާއި ކަރުދާސް ކޮތަޅު ބަހާނެ ބަޔަކު ނުފެންނަނީ ކީއްވެބާއެވެ. ޕްލާސްޓިކް ކޮތަޅު ނުފެންނަ ބޮޑު ސްޓޮކެއް ގެނެސް ފިހާރަތަކަށް ހަދިޔާކޮށްލާނެ ސިޔާސީ ފަރާތެއް ނުވަތަ ތިމާވެށީގެ އެކްޓިވިސްޓެއް ނެތީހެއްޔެވެ؟
ރައީސް ސޯލިހަށް މި ވާގޮތް ބުނެނުދީ، ވެރިކަމުގެ ފަހު ދައުރު އިތުރު ޕްރެޝަރަކަށް ވައްޓާލަން ބޭނުން ނަމަ މި ކަހަލަ ތާކުން ތާކު ނުޖެހޭ ކިތަންމެ ކަމެއް އެމަނިކުފާނު ލައްވާ ކުރުވިދާނެއެވެ. ވާދަވެރިންނަށް ރަނގަޅީވެސް މި ކަހަލަ ގޮތެކެވެ.
ހަގީގަތުގައި ކޮތަޅުން ލާރި ނެގުމަކީ، ދިވެހިންގެ ވިޔަފާރީގެ އާދަކާދަ ތަކާއި ބާޒާރު ކުރުމުގެ ވައްޓަފާޅިއަށް ބަލާފައި، މި އަހަރު މި ކަން ކުއްލިއަކަށް ކުރުމަކީ، ބޭކާރު ކަމެކެވެ. މި ކަމުން ލިބޭނެ ހަމައެކަނި ’ފައިދާ‘ އަކީ ސަރުކާރު ޕްރެސަރަށް ވައްޓާލުމެވެ. މި ކަމުން ތިމާވެށި ސަލާމަތެއްވެސް ނުކުރެއެވެ. ވެރިކަންވެސް ސަލާމަތެއް ނުވެއެވެ. އާއްމު ރައްޔިތުންނާ ކުދި މެދުފަންތީގެ ވިޔަފާރިވެރިންގެ ޝަކުވާއިންވެސް ސަލާމަތެއް ނުވެއެވެ. މިއީ ގައުމެއްގެ ގަޓު ހުރި ރައީސަކު ނިންމާނެ ވަރަށް ފުރިހަމަ ބޮޑު ނިންމުމެއް ކަމަށް ތިމާވެށީގެ ކަންކަމަށް ލޯބިކުރާ މީހުން ބުނަމުން އަޔަސް މިކަމުން ތިމާމެން ހަލާކުވަނި ތިމާވެއްޓާވެސް އެކީގައެވެ.
ނުވިސްނޭ ކުޑަކުއްޖެއް ތަ އިބްރާހީމް މުހައްމަދު ސޯލިހް އަކީ ،،، ނޫސް ލިޔަން ކަލޭމެން މޮޅު… އެކަމް ބުއްދި ސަލާމަތުން ރައްޔިތުންގެ ގިނަ މީހުން ތިބީ… ހަންޑި ހައްލަން ނޫޅޭ