އެމެރިކާގެ މަޝްހޫ ފާސްޓުފުޑް ޗެއިން މެކްޑޮނަލުގެ އިޒްރޭލު ރެސްޓޯރެންޓު ތަކުން އެގައުމުގެ ސިފައިންނަށް ހިލޭ ކޮއްތު ދޭނެ ކަމަށް ބުނުމުން އެކަމާ ދެކޮޅަށް އިންޑޮނޭޝިޔާގެ އިމާމުން ތެދުވެއްޖެއެވެ. އެ ގައުމުގެ ދީނީ ކަންތައްތަކާ ބެހޭ ޖަމާއަތުގެ އިސް މުފްތީއަކު ވަނީ މިހާލަތުގައި މެކްޑޮނަލްޑުން ކެއުންބުއިމާއި ވިޔަފާރި ކުރުމަކީ ’ހަރާމް‘ ކަމެއްގެ ގޮތުގައި ފަތުވާ ނެރެފައެވެ. އިޒްރޭލު ސިފައިން ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ދޭ ލާއިންސާނީ ހަމަލާތަކާއި ހޮސްޕިޓަލުތަކާއި ސްކޫލުތަކަށް ސިފައިންވަދެ ހިންގަމުންދާ ގަތުލުއާއްމުތަކުގެ ސަބަބުން ލޭކެކެމުންދާ އިންޑޮނޭޝިޔާގެ ރައްޔިތުންވަނީ އެ ގައުމުގައި ހިންގަމުންދާ މެކްޑޮނަލްޑު ރެސްޓޯރެންޓު ތަކާއި އެމެރިކާގެ މަޝްހޫރު ކޮފީޝޮޕް ސްޓަބަކް ބޮއިކޮޓްކޮށް އެތަންތަނުން ހިދުމަތް ހޯދުން ހުއްޓާލާފާއެވެ. ދުނިޔޭގައި މުސްލިމުންގެ އަބާދީ އެންމެ ބޮޑު ގައުމު ކަމަށްވާ އިންޑޮނޭޝިޔާއިން އެ ގައުމުގެ އެކި ކަންކޮޅުތަކުގައި ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް މަގުތަކަށް އެއްވެ، އިޒްރޭލަށް ނުރުހުން ފާޅުކޮށް ފަލަސްތީނާއެއްކޮޅަށް ޝުއޫރުފާޅުކުރަމުންދެއެވެ.
އިންޑޮނޭޝިޔާ ރައްޔިތުންގެ ރުޅިވެރިކަން އަމާޒުވުމުން، މެކްޑޮނަލްޑު (އިންޑޮނޭޝިޔާ) ގޮފިންވަނީ ފަލަސްތީނު ރައްޔިތުންނަށް އެހީގެ ގޮތުގައި އެއްލައްކަ ޑޮލަރު ހަދިޔާކޮށްފައެވެ.
އިޒްރޭލުގެ މެކްޑޮނަލްޑުގެ އިތުރުން މަޝްހޫރު ދޮންނަ ކުނޑިއެއް ކަމަށްވާ އެރިއަލް ބްރޭންޑުންވެސް ވަނީ ފާޅުގައި އިޒްރޭލު ސިފައިންނަށް އޮތް ތާއިދު ހާމަކޮށަފައެވެ. މިގޮތުން އިޒްރޭލު ސިފައިންނަށް ހިލޭ ދޮންނަ ކުނޑި ޕެކެޓު ބަހަމުންދާ ވީޑިއޯއެއް ސޯސަލް މީޑިއާގައިދަނީ ދައުރުވަމުންނެވެ. މި ކަމުގެ ސަބަބުން މުސްލިމު ގައުމުތަކުން މި ފަދަ ބްރޭންޑުތައް އަންނަނީ ބޮއިކޮޓް ކުރަމުންނެވެ.