ޑރ. މުހައްމަދު ޖަމީލަކީ ރާއްޖޭގެ ފަހުގެ ތާރީހެއްގައި ރައީސްކަން ކުރެއްވި ހުރިހާ ރައީސުންގެ އެންމެ އަރިހުގައި މަތީ މަގާމުތަކުގައި މަސައްކަތް ކުރެއްވި މަދު ބޭފުޅުންތަކުގެ ތެރެއިން އެއްބޭފުޅެވެ. ރައީސް މައުމޫނުގެ ފަހު ދައުރުގައި ކެބިނެޓުގައި ހިމެނުނެވެ. ރައީސް ނަޝީދު ވެރިކަމަށް ގެނައުމަށް އެކުލަވާލި ކޯލިޝަނުގައި ހިމެނި، ރައީސް މައުމޫނުގެ ވެރިކަން ނިމުމަކަށް ގެނައުމަށް މަސައްކަތްކުރެއްވިއެވެ. ރާއްޖެއަށް އައި ސިޔާސީ ޕާޓީތަކުގެ އޮއިވަރުގައި އަމިއްލަ ޕާޓީއެއް ހަދައި އެޕާޓީގައި އިސްވެރިއެއް ގޮތުގައި ސިޔާސީ ދާއިރާގައި މަސައްކަތް ކުރެއްވިއެވެ. ރައީސް ނަޝީދުގެ ވެރިކަން ބަގާވާތަކުން ވައްޓާލުމަށް އިދިކޮޅުން ހެދި ކޯލިޝަނުގައި އިސްކޮށް މަސައްކަތްކޮށް ވެރިކަން ބަދަލުކުރުމުން އޭރުގެ ނައިބު ރައީސް މުހައްމަދު ވަހީދު ރައީސް ކަމަށް އިސްވެ ޖަމީލަށް ކެބިނެޓުން ޖާގަ ދެއްވިއެވެ. ރައީސް ޔާމީނުގެ ވާދަވެރި ނައިބް ރައީސް ކަމުގެ ރޭޙުގައި ކުރި ހޯދައި ހީނުކުރާ ގޮތަކަށް ރައީސް ޔާމީނު އިންތިހާބު ކާމިޔާބުކޮށް، ޖަމީލަށް ރާއްޖޭގެ ނައިބް ރައީސްކަން ލިބުނެވެ. އޭގެ ފަހުން ދުވަސް ކޮޅެއްގެ ތެރޭގައި ރައީސް ޔާމީނު ގެ ނައިބް ރައީސް ކަމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖްލީހަށް ފޮނުވައި އޭރުގެ ރައީސް ޔާމީންގެ ޕާޓީ (ޕީޕީއެމް) ގެ މެޖޯރިޓީއޮތް ރައްޔިތުންގެ މަޖުލީހުގެ އަގުލަބިއްޔަތުން ޑރ. މުހައްމަދު ޖަމީލުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި ނައިބް ރައީސް ކަމުން ވަކިކުރެވުނެވެ. މިއީ ރާއްޖޭގެ ފަހުގެ ތާރީހެއްގައި ރައްޔިތުންގެ މަޖުލީހުން ނައިބް ރައީސެއްގެ އިތުބާރު ނެތް ކަމަށް ފާސްކޮށް ވަކި ކުރެވުނު ފުރަތަމަ ފަހަރެވެ. އޭގެ ފަހުން އަމިއްލަފުޅަށް އިނގިރޭސިވިލާތަށް އަރުވާލައިގެން ހުންނަވާ އަދިކޮޅު ކޯލިޝަންގެ އިސްސަފުގައި މަސައްކަތްފެށިއެވެ. އެ ދުވަސްވަރު ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުކިޔައި، ބޮޑެތި ތުހުމަތުތަކެއްވެސް ކުރެއްވިއެވެ.
ރާއްޖޭގެ ވަރުގަދަ ސިޔާސީ ލީޑަރުން ކަމަށްވާ އެމްޑީޕީގެ ރައީސް ރައީސް މުހައްމަދު ނަޝީދާއި، ޖުމްހޫރީ ޕާޓީގެ ރައީސް ގާސިމް އިބްރާހިމް، އެމްއާރުއެމް ގެ ރައީސް ރައީސް މައުމޫނު އަބްދުލްގައްޔޫމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އިސްވެ ހުންނަވައި ހެދި ކޯލިޝަނުގެ ކެންޑިޑޭޓަކަށް އެމްޑީޕީގެ އިބްރާހިމް މުހައްމަދު ސޯލިހު އިސްކޮށް ޖުމްހޫރީ ޕާޓީގެ ފައިސަލް ނަސީމް ރަނިންމޭޓަކަށް ނެރެ ފެށި ކެމްޕޭން ކާމިޔާބުކޮށް އިބްރާހިމް މުހައްމަދު ސޯލިހު ރާއްޖޭގެ ވެރިކަމަށް އައުމުން، ރައީސް ސޯލިހުއަށް ތާއިދުކޮށްގެން ހުރެވުނީ މަދު ދުވަސްކޮޅެއްގައެވެ. ފާޅުގައި ސަރުކާރަށް ފާޑުކިޔައި ރައްޔިތުންގެ މަޖުލީހުގެ އިންތިހާބުގައި ވިލިމާލެއަށް ވާދަކޮށް ބޮޑު ތަފާތަކުން ވަނީ ބަލިވެފައެވެ. އެދުވަސްވަރު ސިޔާސީގޮތުން ގުޚުނު ޖުމްހޫރީ ޕާޓީއާ ވަކިވެ އިދިކޮޅު ކޯލިޝަނަށް ތައުރީފުކުރަން ފެށިއެވެ.
މިހުރިހާ ކަމަކަށް ފަހު ޑރ. ޖަމީލް އަނެއްކާވެސް ހުންނެވީ ޕީޕީއެމްއާ އެކު ރައީސް ޔާމީނުގެ ދިފާއުގައެވެ. މަނީ ލޯންޑްރިންގެ ކުށުގައި ރައީސް ޔާމީނު ޖަލަށް ލާފައި ވުމުން އެކަމުގެ ދިފާއުގައި ވަކާލާތުކުރާ ދިފާއީ ވަކީލުންގެ އިސް ވަކީލަކީވެސް ކުރިން ކޯޓުތަކުގެ ގާޒީކަން ކުރެއްވި ޖަމީލެވެ. ޕިޕީއެމް ޕީއެންސީ ކޯލިޝަނުގެ އިސް ލީޑަރެއްގެ ގޮތުން ބޭރުގެ ފަރާތްތަކާއި އަދި ރާއްޖޭގެ މީޑިއާ ތަކާ ބައްދަލުކޮށް ރައީސް ޔާމީނުގެ ’ނަމުގައި‘ ވާހަކަފުޅު ދައްކަވަނީވެސް ޖަމީލެވެ.
އެއްވެސް ހަމަޖެހުމެއް ނެތި ސިޔާސީ ދާއިރާގައި އުޅުއްވާ ޑރ. ޖަމީލު އަނެއްކާވެސް މި ދުވަސްކޮޅު ފެންނަނީ އާދަޔާ ހިލާފު ގޮތަކަށެވެ. ރައީސް ޔާމީނުގެ މައްޗަށް އިތުރު ޝަރީއަތްތަކެއް ކުރިއަށްދާތީއާއި ރައީސް ޔާމީނު ޖަލުގެ ހުކުމް އިސްތިއުނާފުކޮށްފައިވާތީވެ އެކަމުގައި ކޯޓުގައި އިސްވެ ވަކާލާތުކުރައްވަނީ ޖަމީލެވެ. ވަކީލުންގެ ޓީމުގެ ފަރާތުން ވާހަކަ ދައްކަވަނީވެސް ޖަމީލެވެ. އެއީ އާދިއްތަ ދުވަހެއް ނަމަ މުޅި ދުވަސް ކަހަލަ ގޮތަކަށެވެ. ޖެހިގެން އަން ހޯމަ ދުވަހަކީ ޖަމީލު ރައީސް ޔާމީނާ ދެކޮޅަށް ކޯޓުގައި ވާހަކަދައްކާ ދުވަހެވެ. އެ ދުވަހު މި ހުންނަނީ އެމަނިކުފާނު ނައިބްރައީސް ކަމުން ވަކިކުރި މައްސަލަ ކޮޅެއްގައި ޖެހި ’އިންސާފުވެރި ބަދަލެއް‘ ލިބޭތޯ އޭރު ޔާމީނު ދިން އަނިޔާގެ ބަދަލެއް ލިބޭތޯ ކޯޓުގައެވެ. ކޯޓުގައި ތަކުރާރުކޮށް ވިދާޅުވަމުން ގެންދަނަވަނީ އެމަނިކުފާނު ނައިބްރައީސް ކަމުން ވަކިކުރަން ރައްޔިތުންގެ މަޖްލީހަށް ފޮނުވީ އިންސާފުން ނޫން ކަމަށެވެ. މި ކަން ކުރެއްވީ އޭރުގެ ރައީސް ޔާމީނެވެ. މިހާރު ޑރ. ޖަމީލު ގުޅިވަޑައިގެން ހުންނެވި ޕާޓީގެ ލީޑަރެވެ.
ދެން ފެންނީ ރޭގަނޑާއި ހަވީރުގެ ޕާޓީ ހަރަކާތްތަކުގައި ޕާޓީގެ އާއްމު މެމްބަރުންނާ ޕީޕީއެމަށް ނިސްބަތްވާ މަޖްލިސްގެ އެހާރާއި މިހާރުގެ މެމްބަރުންގެ މަގުމަތީ ހަރަކާތްތަކެވެ. ރައީސް ޔާމީނު ދޫކޮށްލުމަށް ގޮވާލާ ކުރާ މުޒާހަރާއާއި ’ކޮބާ ފްލެޓު‘ ނަމުގައި ކުރަމުންދާ މުޒާހަރާތަކެވެ. ޕީޕީއެމް އޮފިސް ކުރިމަތިންނާއި ބައެއް ފަހަރު މާލޭގެ ބައެއް މަގުތަކުގައެވެ. މިއިން އެއްވެސް ހަރަކާތެއްގައި ޖަމީލެއް ނުފެނެއެވެ. ޖަމީލުގެ ބަހެއް އަޑެއްވެސް ނީވެއެވެ.
މިހުރިހާ ޝަހުސުތަކުގެ ސަބަބުން ޕީޕީއެމްތެރެއިން ވެސް އަންނަނީ ފާޑުކިޔުން އަމާޒުވަމުންނެވެ. ޕީޕީއެމްގެ ރައްޔިތުންގެ މަޖްލިސް މެމްބަރު އަހުމަދު ތޯރިގް (ޓޮމް) ފާޅުގައި ޖަމީލަށް ވަނީ ފާޑުކިޔާ ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ.
ސުވާލަކީ ޖަމީލު އެއިރެއްގައި ތާއިދުކުރާ ފިކުރެއް ޕާޓީއަކަށް ވަފާތެރިވާނީ ކިހާވަރަކަށްތޯ ކުރެވޭ ސުވާލެއްނޫނެވެ. ސުވާލަކީ ޑރ.ޖަމީލަށް އެކަމުގައި ދެމިހުރެވޭނީ ކިހާ ދުވަހެއްތޯ ކުރެވޭ ސުވާލެވެ. ކުރު މުއްދަތެއްގެ ތެރޭގައި ސިޔާސީ ދާއިރާއިން ނުފެންނަ އެއްވެސް ދިމާލެއް ނެތީމައެވެ.