ހައްޖުގެ މަތިވެރި އަޅުކަމަކީ އެހެން އަޅުކަންތަކާއި ހިލާފަށް ކުޅަދާނަވެގެންވާ މީހާއަށް ފަރުލު ކުރެވިފައިވާ އަޅުކަމެކެވެ. މި ހިކުމަތް މިކަމުގެ ތެރޭގައި ހިމެނޭތީ އަދި ސަލާމަތީ އެތައް ސަބަބުތަކަށްޓަކައި، ކޮންމެ އަހަރަކުވެސް ހައްޖަށް ދިއުމަށް މައްކާއަށް އެތެރެވެވޭ ގޮތަށް ހަމަޖައްސާފައިވަނީ ވަކި އަދަދެކެވެ. މުސްލިމު ގައުމުތަކުގެ އާބާދީގެ ނިސްބަތުން، ސައުދީ އަރަބިއްޔާއިން ވަނީ ވަރަށް އިންސާފުވެރިކަމާއެކު އެކި ގައުމުތަކަށް ލިބޭނެ ކޯޓާ ނުވަތަ ހައްޖަށް ދިއުމަށް މައްކާއަށް އެތެރެ ވެވޭނެ އަދަދެއް ކަނޑައަޅާފައެވެ. މި ގޮތުން ސައްތައިން ސައްތަ މުސްލިމުން އުޅޭ ދިވެހިރާއްޖެއަށް އާއްމުކޮށް ލިބެނީ 1000 މީހުންގެ ކޯޓާއެކެވެ. މި އަހަރު ފިޔަވައި އެހެން އަހަރު ތަކުގައި ރާއްޖެއަށް ލިބޭ ކޯޓާތައް އަމިއްލަ ކުންފުނި ތަކަށްވެސް ދޫކުރެއެވެ. ސަރުކާރުގެ ހައްޖު ކޯޕަރޭޝަން އުފެދުނު ފަހުން ބޮޑުބައި ލިބެނީ ހައްޖު ކޯޕަރޭޝަނަށެވެ. އެ ކުންފުނި އުފެދުނީއްސުރެ ހައްޖަށް ދިއުމަށް ހުޅުވާލާފައިވާ ފުރުސަތުގައި އެތައް ބަޔަކު ވަނީ ކުރިއަށް ފައިސާ ދައްކާފައެވެ. ފައިސާ ދެއްކި ތަރުތީބުން އެމީހުންނަށް ހައްޖަށް ދެވޭނެ އަހަރުވެސް އެނގޭނެ ގޮތަށް ކޮންމެ އަހަރަކު ލިސްޓު އަޕްޑޭޓު ކުރެއެވެ. އެންމެ ފުރަތަމަ ފައިސާ ދެއްކި މީހުން އަބަދުވެސް ކުރިއަށް އަރާ ގޮތަށް، މި ތަރުތީބުން އިންތިޒާރުގައި ތިބޭއިރު، މި ލިސްޓު ތަރުތީބުން އަހަރަކު 1000 މީހުން ހައްޖަށް ދާ ނަމަ 1000 ނަމްބަރުގެ ކުރިއެރުމެއް އެމީހުންނަށް ލިބޭނެއެވެ.
މައްސަލަ ފެށޭ ހިސާބަކީ މިއެވެ. މި ފަހަރު ހައްޖު ކޯޕަރޭޝަނުގެ ލިސްޓުގައި ތިބި މީހުންގެ ތަރުތީބަށް މާބޮޑު ކުރިއެރުމެއް ނައެވެ. ބައެއް މީހުންނަށް 5 ދަރަޖައިގެ ކުރިއެރުމެއް އައި އިރު ބައެއް މީހުން ތިބީ ހުރި ހިސާބުގައެވެ. މިވާ ގޮތް އެކި މީހުން އެކި ގޮތަށް ވާހަކަ ދެކެވުނަސް ޔަގީނާ ގާތަށް އެނގެނީ ކޮންމެވެސް ބަޔަކު ކިއު ފަޅާލާފައި ހައްޖަށް ފުރައިގެން ގޮސްފިކަމެވެ. ކޮންމެވެސް ނުފޫޒެއް ނުވަތަ ބާރުވެރިކަމެއްގެ ތެރެއިން ބަޔަކު އެވަނީ ހައްޖުގެ އަޅުކަމުގައެވެ. ދެވަނަ ސަބަބަކަށް ފެންނަނީ ކުންފުނިތަކާއި ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހައްޖަށް ފޮނުވާ މީހުންގެ މައްސަލައެވެ. މި މީހުންވެސް ހައްޖަށް ދެވޭނީ މި 1000 ފުރުސަތުގެ ތެރެއިންނެވެ. ކުޅަދާނަކަން ލިބިގެންވާ މީހާ، ކުރިން ފައިސާ ދެއްކި މީހާ ހުރިގޮތަށް ހުއްޓާ ކުންފުނިތަކުން ގުރުއަތުލައިގެންނާއި ޒަކާތް ނަގާ މީހުންގެ ދަފުތަރުން ގުރުއަތުލައިގެން ހޮވުނު މީހުންވެސް މި ދަނީ މި ކޯޓާގެ ތެރެއިންނެވެ. ފުރަތަމަ ފައިސާ ދެއްކި މީހުން ތިބިގޮތަށް ތިއްބައެވެ.
ބައެއް ދީނީ އިލްމުވެރިން ވިދާޅުވަނީ ހައްޖަކީ ކުޅަދާނަވެގެންވާ މީހާއަށް ފަރުލު ވެގެންވާ އަޅުކަމެކެވެ. އެއީ ނަސީބު ނަމްބަރަކުން ނުވަތަ ވައުފެއް ފުއްދުމަށް ދެވޭނެ އިނާމެއް ނޫނެވެ. އެމީހެއްގެ ސިއްހަތާއި ތަނަވަސްކަން ހުރި ވަރަކުން ދެވެން އޮތްތަނަކަށް އެހެން ގޮތްގޮތުން ދިއުމަކީ މި ފުރުސަތަށް އެދިއެދި ތިބި މީހުންނަށް ދެވޭ ވަރަށް ބޮޑު އަނިޔާއެކެވެ. ހާއްސަކޮށް ނިކަމެތިންގެ ލިސްޓެއް ހަދައި އޭގެ ތެރެއިންވެސް ’ހިލޭ‘ ފުރުސަތު ހޯދައިގެން ރަނގަޅަށް އާމްދަނީ ލިބޭ މީހުން ދިއުމަކީ ކޮންފަދަ ނުބައި ކަމެއްހެއްޔެވެ.
ހައްޖަށް ފައިސާ ދެއްކި ބައެއް މީހުން މި ދުނިޔެއިން ވަކިވެގެން ގޮއްސިއެވެ. ބައެއް މީހުން ފައިސާ ދެއްކި އިރު ހުރި ސިއްހަތެއް މިހާރަކު ނެތެވެ. ބައެއް މީހުންނަށް ހައްޖަށް ދެވޭނީ 15 އަހަރު ފަހުން ކަމަށް ނޮޓިފިކޭޝަން ލިބުނު މީހުންގެ އުމުރާއި އެކު އެ 15 އެއްކޮށްލީމާ ދުނިޔޭގައި ގަދަ ސިއްހަތެއް ހުންނާނެ ކަމަށް ނުބެލެވެއެވެ.
މި ފަދަ މާތް އަޅުކަމެއްގައި ނުފޫޒު ބޭނުންކޮށް ތިމާއަށް ވުރެ ކުރިން ފައިސާ ދެއްކި މީހުން ފަހަތަށް ޖައްސާލާފައި ހައްޖަށްގޮސް، މިއަދު މައްކާގެ މާތް ބިމުގައި އެމީހުން ތިބޭނެއެވެ. އަރަފާތު ބިމުގައި ގިޔާމަތް ދުވަހުގެ ކުޑަ މިސާލެއް ގެނުވާ ފަދަ ހާލަތެއްގައި ހުންނައިރު ތިމާމެން ހައްޖައް އައި ގޮތް ހިތަށް އަރުވާލާފައި ބިރެއް ނުގަނޭ ހެއްޔެވެ؟ އެ ބިމުގައި މުއްސަނދިންނާއި ފަގީރުންނާއި ވެރިން ހަމަހަމަކޮށް އެއް ފޭރާމެއްގައި ތިބޭ މަންޒަރު ފެނި، ތިމާއަކީ ދިވެހިރާއްޖޭގައި މާ ގަދަ މީހަކަށްވެ ފުރުސަތު ލިބުނުގޮތް ތިމާ މިތަނުގައި މާ ހާއްސަ މީހެއް ކަމުގެ އިހުސާސް ކުރެވޭ ހެއްޔެވެ؟ މާތް ﷲ ހަޒުރަތުގައި ދެއަތް ނަގާފއި ދުއާ ކުޜާއިރު ތިމާމެންގެ މިފަދަ މާތް އަޅުކަމެއް އަދާ ކުރުމަށް އެ ދެ އަތުން ހޯދި ހައްގު ނޫން ބާރުމަތިން ހަނދުމަވާނެ ބާއެވެ.
ހައްޖުގެ އަޅުކަން ބަލަހައްޓާ މިނިސްޓްރީއާއި ހައްޖު ކޯޕަރޭޝަނުގެ ވެރިންވެސް މި ވަގުތު މައްކާގެ މާތް ބިމުގައި ތިބޭއިރު ތިމާމެންނަށްވެސް ގޯހެއް ހެދިފައިވާ ކަމަށް އިހުސާސް ކުރެވޭނެ ބާއެވެ. ތިމާމެން އެހިސާބަށް އާދެވުނީ އިމްތިހާނެއްގެ ތެރެއިން ކަމާއި މި އިމްތިހާނުން ފުރަތަމަ އަހަރުވެސް ލިބުނު މާކްސްއާއި ދޭތެރޭ ދެރަވެ ހިތާމެ ނުކުރާނެ ބާވައެވެ. ބާރަކީ ދާދި މަދު ދުވަސްކޮޅެއްގެ ކަމެއް ކަމާއި، ހައްޖު ފަދަ މާތް އަޅުކަމަކަށް ސިޔާސީ ބާރުވެރިންގެ މައްޗަށް މާތްﷲ ގެ ބާރުވެރިކަން މާބޮޑުވާނެ ކަން ބުނުމުގެ ހިތްވަރެއް ނެތީހެއްޔެވެ؟
ބައެއް ދިވެހިން ނުފޫޒުން ނުވަތަ އެހެންވެސް ހައްގު ނޫން މަގުމަގުން ކަންކަން ހޯދުމަކީ މިހާރު މާ ބޮޑުކަމެއް ކަމަކަށް ނުދެކެއެވެ. ހައްޖުގެ ކިއު ފަޅާލުންވެސް މިއީ މާބޮޑު ކަމަކަށް ނުވެދާނެއެވެ. އެއަޕޯޓުން ފުރާއިރު ނެގި ފޮޓޯތަކާއި އެނބުރި އައިސް އަލުން އެ ނަގާ ފޮޓޯއާއި ހިފައިގެން އަންނަ ޒަމްޒަމް ފެނުގެ ދެ ފުޅިފެނާއި، ރައްޓެހިން ކައިރި ތިމާއަށް ’މާ އަވަހަށް‘ ހައްޖަށް ދެވުނު ގޮތުގެ ވާހަކައަކީވެސް މާބޮޑު ހިތްހަމަޖެހުމަކަށް ވެދާނެއެވެ.