ސްކޫލެއްގެ ކިޔަވާކުދިންތަކެއްގެ އަބުރު ކަތިލާ ސޯސަލް މީޑިއާގައި ގަން ހިންގުމުގެ ކުރިން ތިމާއަށް ލިބިފައި ހުރި މައުލޫމާތާއި ފެންނަ މަޒާރައި އަޅާ ކިޔާލުމަކީ ކިހާ މުހިއްމުކަމެއްކަން އިއްޔެގައި ރާއްޖޭގެ އޮންލައިން ނޫހެއްގައި ޝާއިއުކުރި ހަބަރަކުން އެނގިގެން ދިޔައެވެ. އެއްޖިއްސުން ގުޅުން ހިންގުމަށް ޕްރޮމޯޓް ކުރާ ވާހަކައާއި އެތައްހާސް ސްކޫލް ކުދިންތަކެއް ކިޔަވާ ސްކޫލެއްގެ ޓީޗަރުން ބަދުނާމް ކުރިއިރު، އެ ކުދިން ގެ ފޮޓޯ އެއްވެސް ސެންސަރު ކުރުމެއްނެތި ހާމަކުރި އިރު ކަމުގެ ދެކޮޅު ބަލާނުލުމަކީ ތިމާމެންނަށް ނޫސްވެރިކަމުގެ އެއްވެސް އަހުލާގެއް އެތިކްސްއެއް ނެތްކަން ހާމަވާ ވަރަށް ބޮޑު ހަގީގަތެކެވެ.
ކަލާފާނު ސްކޫލް ކުދިންނާ ޓީޗަރުންގެ ފޮޓޯ އާއި އެކު ސޯސަލް މީޑިއާގައި އިއްޔެ ވައިރަލްވި ހަބަރުން ވާނުވާ ނޭންގޭ ހަމައެކަނި ހެޑްލައިން ކިޔާލައިގެން ހަބަރު ހޯދާ މީހުންނަށް ލިބުނީ ރަނުގެ ފުރުސަތެކެވެ. ހިތުހުރި ގޮތަކަށް ކޮމެންޓުކުރުމާއި ’މީމް‘ ތައް ހަދައިގެން ބުލީކޮށް މިއިން ޒަމާނަކު އެތަނުން ކުއްޖަކު މަގެއްގެ މައްޗަށް ނިކުންނަން ނުކެރޭ ވަރުކޮށްލިއެވެ.

މި ހަބަރު ޖަހަމުން އަންނަ ނޫހަކީ އާއްމުކޮށް ސަރުކާރަށް ފާޑުކިޔާ ދޭތެރެދޭތެރެއިން އިރުމެދު ޖެހޭ ނޫހެއްކަން އެ ނޫސް ކިޔާލީމަވެސް އިނގެއެވެ. މީގެ ކުރިން އެފްރިކާގެ ހަށިވިއްކާ އަންހެން ކުއްޖެއްގެ ދިފާއުގައި ހަބަރުތަކެއް ޖަހައިގެން އާއްމުންގެ ސަމާލުކަން ހޯދި ގޮތަށް މި ފަހަރުވެސް ބޭނުމަކީ އެފަދަ ގޮތަކަށް އާއްމުންގެ ސަމާލުކަން ހޯދުން ކަމަށް ވެދާނެއެވެ. ސިޔާސީ ގޮތުން ސަރުކާރު ބަލިކަށިކޮށްލުމާއި ބަޔަކު ހޫނު ފެނަށް ވައްޓާލުންވެސް މަގުސަދަކަށް ވެދާނެއެވެ. އެހެން ވިޔަސް ސީޔާސި ކަންކަމާއި ތިމާ އުޅޭ ޕާޓީގެ މަގާމުގެ ގޮތުން ސިޔާސީ ހަބަރު ޖެހުމަށްވުރެ، ތިމާމެންގެ މަގުސަދު ހާސިލުކުރަން ތުއްތު ކުދިންނާއި ކިޔަވާކުދިން ބޭނުން ކުރުމަކީ ކިހާ ނުރައްކާތެރި ކަމެއްކަން ނޭންގެނީއެއް ނޫނެވެ. ބޭނުން ވަނީ އެހެން މީހުން ކޮންމެ އަގެއް ދައްކައިގެންވެސް ތިމާމެންގެ މަގްސަދު ހާސިލު ކުރުމެވެ.
އަސްލު ކަމުގެ ހަގީގަތް މިހާރު ގާލްގައިޑު ކުދިންނާއި ސްކޫލުން އަދި އެކަމުގެ މައުލޫމާތު އިނގޭ ފަރާތްތަކުން ސޯސަލް މީޑިއާގައި އެދަނީ ހާމަކުރަމުންނެވެ. ތިން އަކުރެއް ގުޅުނީމާ ތިމާއަށް ވަހުޝީ ހިޔާލު އަންނަ ކޮންމެ އެއްޗެއް އިންނަނީ އިއްޔެ މެންދުރުގެ ކާޅެއްހެން އުޅޭ މީހުން މާނަ ކުރާ ގޮތަކަށް ނޫންކަން އެ އަންނަނީ މީހުން ހާމަކުރަމުންނެވެ. ތިމާމެން ކިޔަވާފައި ނެތުމާއި ގާލްގައިޑާއި ސްކައުޓާއި ފުޓްބޯޅަ ފަދަ އިތުރު ހަރަކާތްތަކުގަ ނޫޅޭ ފަރާތްތަކުން އެފަދަ ކަންކަމުގައި ގެންގުޅޭ ބަސްކޮށާރާއި ކުޅިވަރުތަކުގެ މައުލޫމާތު ހޯދާލުން މުހިއްމެވެ.

ތިމާމެންގެ ނަފްސާނީ މައްސަލައިގެ ޝިކާރައަކަށް މައުސޫމް ކުދިން ތަކެއް ވުމުގެ ކުރިން ނަފްސާނީ ފަރުވާ ހޯދި ނަމަ މިއަދު މި ބޭޒާރެއްވެސް އާއްމުންގެ ރުޅިވެރިކަމެއްވެސް ނާންނާނެކަން ކަށަވަރެވެ. ފެންނަ އަކުރަކުން ދިއްލޭ ކުލައަކުން ތިމާއަށް އެއްޖިއްސުން ގުޅުން ހިންގިދާނެ ކަމުގެ ބިރު ހީވާ ނަމަ ވީހާވެސް އަވަހަށް ނަފްސާނީ ފަރުވާ ހޯދުމަކީ ވަރަށް މުހިއްމު ކަމެކެވެ. ދޯންޏެއްގެ ކުނބެއް ފެންނަ އިރަށް ފިރިހެނެއްގެ ޖިންސީ ގުނަވަން ސިފަވާނަމަ، ގަހަކުން ފަތެއް ފެނުނީމާ އަންހެނެއްގެ ޖިންސީ ގުނަވަނެއް ސިފަވާ ނަމަ ތި ހުރެވުނީ ވަރަށް ނުރައްކާތެރި ހާލަތެއްގައެވެ.
އާސަންދައިގެ ދަށުން ނަފްސާނީ ފަރުވާގެ ކަންތައްތައް ހަމަޖެހުމުގެ ޔަގީންކަން އޮތަސް މިދުވަސްވަރު އެކަމާ ބެހޭ ކުލިނިކްގެ ކިއު ދިގުވުމުން ވަގުތުން ފަރުވާ ނުހޯދޭ ނަމަ ނޫސްތަކާއި ސޯސަލް މީޑިއާ މެދުވެރިކޮށް ފާޑުފާޑުގެ ވާހަކަތައް ފެތުރުމާ ދުރުގަ ހުރުމަކީ މި ވަގުތައް ތިމާއާއި އެހެން މީހުންގެ ރައްކަލަކަށްޓަކައިވެސް ވަރަށް މުހިއްމު ކަމެކެވެ. މާދަމާ ތިމާމެންގެ ދަރިންގެ ފޮޓޯއެއް ޖަހާލައިގެން ބަޔަކު ހެޑްލައިނެއް ހަދާލުމުގެ ކުރިންނެވެ. ނޫސްތަކާއި ނޫސްވެރިކަން ޖޯކަކަށް ވުމުގެ ކުރިންނެވެ. އެހެން މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައެވެ.