ރަޝިޔާއިން ކަނޑައަޅާ ޓެރަރިސްޓުންނާއި ހަރުކަށި ފިކުރުގެ ޖަމާއަތްތަކުގެ ލިސްޓަށް ފޭސްބުކްގެ ބެލެނިވެރި ކުންފުނި މެޓާ އިތުރުކޮށްފިއެވެ.
ރަޝިޔާ-ޔުކްރެއިން ހަނގުރާމަ ފެށުނު ފަހުން ސޯސަލް މީޑިއާގައި ހާއްސަކޮށް މެޓާގެ ދަށުން ހިންގާ ފޭސްބުކްގައި ހަނގުރާމައާއި ބެހޭގޮތުން ދޮގު މައުލޫމާތު ފަތުރާކަމަށް ރަޝިޔާއިން ތުހުމަތު ކުރެއެވެ. ޔުކްރެއިނާ އެއްކޮޅަށް ހުންނަ ޕޯސްޓުތަކުގައި ދޮގުމައުލޫމާތު ހުއްޓަސް ރަޝިޔާއާއި އެއްކޮޅަށް ހުންނަ ޕޯސްޓުތައް ފޭސްބުކުން އުނިކުރާ މައްސަލަވެސް ވަނީ ފާހަގަކުރެވިފައެވެ. ރަޝިޔާއާއި ދެކޮޅު ޕްރޮޕެގެންޑާތަކަށް ފޭސްބުކުން އަޅާނުލުމާއި އެހެން ވިޔަސް ރަޝިޔާއިން ގެނެސްދޭ ހަބަރުތައް ސެންސަރުކުރުމުގެ ނަމުގައި ފޭސްބުކުން އުނިކޮށްފައިވެސް ހުރެއެވެ. މި ކަހަލަ އެތައް މައްސަލަތަކެއް ފާހަގަވުމުން ރަޝިޔާއިންވަނީ ި މައްސަލަ ކޯޓުތަކަށް ހުށައަޅާފައެވެ.
ރަޝިއާއިން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކާ ދެކޮޅަށް ފިޔަވަޅު އަަޅަން ފެށީ އެގައުމާއި ޔޫކްރޭނުގެ ހަނގުރާމައާ ގުޅިގެން ބައެއް މީހުން ދައްކަމުންދާ ވާހަކަތަކާ ގުޅިގެންނެވެ. އެގޮތުން ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން އާއި އެގައުމުގެ ސަލާމަތީ ފައުޖުތަކަށް ހަމަލާ ދިނުމަށް ޔޫކްރެއިންގެ ބައެއް މީހުން ގޮވާލާއިރު ފޭސްބުކާއި އިންސްޓަގްރާމުން ފިޔަވަޅު ނާޅާތީ ރަޝިއާއިން ވަނީ ނުރުހުން ފާޅުކޮށްފައެވެ.
މި އަމުރު ނެރެފައި ވަނީ، މެޓާއިން ”ހައްދުފަހަނަޅާފައިވާ ހަރަކާތްތަކެއް“ ހިންގާފައިވާކަން ސާބިތުވާ ކަމަށް މިދިޔަ މާޗު މަހު ރަޝިއާގެ ކޯޓަކުން ނިންމި ފަހުންނެވެ. މެޓާއިން އެ މައްސަލަ އިސްތިއުނާފު ކުރި ނަމަވެސް އިސްތިއުނާފު ކާމިޔާބެއް ނުވިއެވެ.
ރަޝިޔާގެ ފައިނޭންޝަލް މޮނިޓަރިން އެޖެންސީ ރޮސްފިންމޮނިޓޯރިން އިން އެމެރިކާގެ ޓެކް ޖަޔަންޓް މެޓާ ޕްލެޓްފޯމްސް އިންކް ”ޓެރަރިސްޓުންނާއި ހަރުކަށި ފިކުރުގެ“ ލިސްޓަށް އިތުރުކޮށްފި ކަމަށް އިންޓަފެކްސް ނިއުސް އެޖެންސީން ބުނެފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.
ކޯޓުގައި މެޓާގެ ވަކީލު އޭރު ވިދާޅުވީ މެޓާއަކީ ހަރުކަށި ފިކުރުގެ ހަރަކާތްތަކެއް ހިންގާ ބައެއް ނޫން ކަމަށާއި މެޓާއިން އަބަދުވެސް އަމަލުކުރާނީ ހަމަހަމަ ކަމާއި، ސުލުހަވެރިކަމާއެކު ކަމަށެވެ.
ރަޝިޔާގެ ހަނގުރާމައާ ގުޅިގެން މިއަހަރު ކުރީކޮޅު އެ ކުންފުނިން ވަނީ ފޭސްބުކާއި އިންސްޓަގްރާމް ހިމެނޭ މެޓާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބޭނުންކުރެވޭ މިންވަރު ކުޑަކޮށްފައެކަމެވެ.