ފަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތެއް ކަމަށްވާ ހަމާސް ޖަމާއަތުގެ ހަނގުރާމަވެރިން އިޒްރާއިލަށް ރޮކެޓް ހަމަލާތަކެއް ދީފިއެވެ. މި އަހަރު ތެރޭގައި އިޒްރޭލަށް ކުރިމަތިވި އެންމެ ގެއްލުން ބޮޑު ހަމަލާގައި 5000އަށް ވުރެ ގިނަ އަދަދެއްގެ ރޮކެޓުން އިޒްރޭލުގެ އެތަން މިތަނަށް ހަމަލާދީފައިވާ ކަމަށް ހަމާސްއިން ބުނެފައިވެއެވެ.
ހަމާސްގެ މި ހަމަލާތަކުގެ ސަބަބުން މުޅި އިޒްރޭލުގައިވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައެވެ. ހަމާސްގެ މިލިޓަރީ ކޮމާންޑަރަކު ބޭރުގެ މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ މި ހަމަލާތަކަކީ ޔަހޫދީން ގަދަކަމުން ވެރިވެގަނެފައިވާ ސަރަހައްދުތައް މިނިވަން ކުރުމަށް ފަށާފައިވާ އޮޕަރޭޝަނެއް ކަމަށާއި ހާއްސަކޮށް ޖެރޫސަލަމްއާއި އަލްއަގްސާ މިސްކިތް ހިމެނޭ ސަރަހައްދުގައި އިޒްރާއިލުން އަތްގަދަކުރަން ފަށާފައިވާތިވެ އެކަން ހުއްޓުވުމަށް ދީފައިވާ އިންޒާރުގެ ހަމަލާތަކެއް ކަމަށެވެ. މި ހަމަލާތަކުގައި ފަލަސްތީނުގެމިނިވަން ކަމަށް މަސައްކަތްކުރާ އެހެން ޖަމާއަތެއް ކަމަށްވާ އިސްލާމިކް ޖިހާދުގެ ހަނގުރާމަވެރިން ބައިވެެރިވަމުންދާކަމަށް އެ ޖަމާއަތުންވެސް ވަނީ ބުނެފައިވެއެވެ.
ފަލަސްޠީނުގެ ޣައްޒާއިން އިޒްރާއިލް ރައްޔިތުން ދިރިއުޅޭ ސަރަހައްދުތަކަށް ދެމުންދާ މިހަމަލާ ތަކުގައި ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ޣައްޒާގެ ޔުނިވާސިޓީ ކޮލެޖް ތަކާއި ސްކޫލްތަކާއި ޕްރީސްކޫލް ތައްވެސް ވަނީ ބަންދުކޮށްފައެވެ.
މިހާތަނަށް ލިބިފައިވާ މައުލޫމާތުން އެނގޭ ގޮތުގައި އިޒްރާއިލް ސިފައިންގެ 10 މީހަކު ވަނީ މަރުވެފައެވެ. އަދި އެތައް ބަޔަކު ޒަހަމްވެސް ވެފައިވެއެވެ.
ފަލަސްތީނުގެ މި ހަމަލާތަކުގެ ރައްދުގައި އިޒްރޭލުގެ ދިފާއީ ވަޒީރު ބުނެފައިވަނީ މި ކަމުގެ ބަދަލު ވަރަށް ވޭންދެނިވި ގޮތަކަށް ހިފާނެ ކަމަށާއި މިއީ ހަނގުރާމައިގެ ހާލަތު ކަމަށެވެ. މި ހަމަލާތަކުގެ ބަދަލު ހިފުމަށް އިޒްރާއިލުން ވަރުގަދަ މިލިޓަރީ އޮޕަރޭޝަނެއް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް މެދުއިރުމަތީގެ މީޑިއާތަކުން މައުލޫމާތުދެއެވެ.