ރާއްޖޭގައި އެކި ދުވަސްވަރުގައި ތަފާތު ނިރުބަވެރި (ޓެރެރިސްޓު) ހަމަލާ އެކި ގޮތްގޮތަށް ދެމުން އައިސްފައިވެއެވެ. ވަކިވަކި ފަރުދުންނަށާއި ޖަމާއަތް ހަދައިގެން، އެއްބަޔަކު އަނެއް ބަޔަކަށާއި، މީހުންނަށާއި މީހުންގެ މުދަލަށެވެ. ވެރިންނަށާއި އެކި ފަންތީގެ މީހުންނަށެވެ. މި ފަދަ ކޮންމެ ކަމެއްގެ ތަހުގީގަށް މީހުންތަކެއް ހައްޔަރުކޮށް އަދަބު ދެވިފައިވެސް އެބަހުއްޓެވެ. ހިތާމައަކީ ގިނަ ފަހަރަށް އެއްވެސް އަދަބެއް ހުކުމެއް ނުކޮށް ސަލާމަތްވެފައި ވެސް ގިނަ އަދަދެއްގެ ބަޔަކު ތިބިކަމެވެ. މިއީ ހަގީގަތެކެވެ. މި ހަގީގަތްގޮސް ގުޅެނީ މި ފަދަ ލާއިންސާނީ އަމަލުތައް ކުރާ މީހުންނަށާއި އެމީހުންގެ އަމަލުތަކަށް ތާއިދުކުރާ މީހުންނަށެވެ. އެމީހުން ތިބޭކަން މި ކަން ކުރާ މީހުންނަށް އިނގެއެވެ. ސިއްރާއި ފާޅުގައެވެ. ހިތްވަރުގެ ބަސްތަކުންނާއި އަދި އެނޫންވެސް ގޮތްގޮތުންނެވެ.

މިއަދު މި ދިވެހިރާއްޖެ ކޮވިޑްގެ އެންމެ ނުރައްކާތެރި ދަނވަޅުގައި މި ވަނީ އެހެން ނުރައްކާތެރި ކަމަކާ އުޅެން ޖެހިފައެވެ. ރޭގެ ވަގުތެއްގައި ރާއްޖޭގެ ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖުލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގައި އެމަނިކުފާނަށް ސީރިއަސް ޒަހަމްތަކެއް ލިބި ހޮސްޕިޓަލުގައި ފަރުވާދޭން ޖެހުމެވެ. މި ހަމަލާއަކީ ރާއްޖޭގެ ގިނަ އަދަދެއްގެ ބަޔަކު، އެކަކު އެކަނި ފަރުދަކަށް ބަލާނަމަ އެންމެ ސަޕޯޓާއި ލޯބި ލިބިފައިވާ އެއް ފަރާތެވެ. އަދި ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ލީޑަރުގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެންމެ ގާތް މިތުރެވެ.
މި ހަމަލާދިން ފަރާތަށް މި ހުރިހާ ކަމެއް ނޭންގިއެއް ނުދާނެއެވެ. މިކަމުން ނިކުންނާނެ ހިތި ނަތީޖާ ތަކާ އުފެދޭނެ ފިތުނައި އަލިފާން މީއިން ޒަމާނަކުވެސް ނިއްވާ ނުލެވޭނެކަން ވެސް އިނގޭނެއެވެ. މި ކަން ގޯހުން ގޯހަށް ގޮސްފި ނަމަ ރައީސް ނަޝީދުގެ ސަޕޯޓަރުން މަގުތަކަށް ނިކުމެ އިތުރު ހަމަނުޖެހުމަކަށް ގައުމު ދިއުމުގެ ފުރުސަތުއޮތްކަން މާ ބޮޑަށްވެސް އިނގޭނެއެވެ. މި ވަގުތު އެމްޑީޕީއާއި ސަރުކާރުގެ އެތެރޭގައި އެއް ބަޔަކު އަނެއް ބަޔަކަށް ހިޔާލުތަފާތުވުން ތަކެއް އުފެދި، މި ހަމަލާއިން އެ ދެބައި މީހުންގެ ރެނދު ފުން ވަޅުގަނޑެއްހާ ބޮޑުވެގެން ދާނެ ކަންވެސް އެނގޭނެއެވެ. މަގުސަދަކީވެސް އެއީއެވެ. މި ކަހަލަ ކަންތައްތައް ކުރާ ’ޓެރަރިސްޓު ފިކުރު‘ ގެ މީހުން މި ބާވަތުގެ ކަންތައްތައް ކުރަނީ މި ކަހަލަ ހައްސާސް ދަނޑިވަޅުތަކުގައެވެ. އެމީހުންނަށް ހިތްވަރުދެނީވެސް މަގުތައް ފަހިކޮށްދެނީވެސް މި ފަދަ ދަނޑިވަޅުތަކެވެ. އެމީހުންގެ ހަމަލާގެ މަގުސަދާއި ކޮޅު ގެއްލުވާލަނީވެސް މި ކަހަލަ ހުރިހާ ފަރާތްތަކެއްގެ އޮޅުންބޮޅުން ބޮޑު ވާހަކަ ތަކުގެ ތެރެއަށް، އެއިރެއްގައި އޮތް ހުރިހާ ފިތުނައެއް ވައްދުވާފައެވެ.
މި ހުރިހާ ކަމެއްކޮށްދެނީ މި ފަދަ އަމަލުތަކަށް ތާއިދުކޮށް ހިތްވަރުދޭ މީހުންނެވެ. ކަމާ ބެހޭ ފަރާތްތަކުން ކުރާ ތަހުގީގަށް ހުރަސް އެޅޭ ގޮތަށް ވާހަކަދައްކައި، އާއްމުންގެ ތެރެއަށް ފާޑުފާޑުގެ ’ކޮންސްޕިރަސީ ތިއަރީތައް‘ ނެރެނީވެސް މި މީހުންނެވެ. ހަރުކަށި ދީނީ މީހުންނާއި އިދިކޮޅު ސިޔާސީ މީހުންނާއި އެއްކޮޅު ސިޔާސީ މީހުންގެތެރެއިންވެސް މައްސަލަތައް ޖެހިފައިވާ މީހުންގެ ނަންތައް ކިޔައި އެކި އެކި ގޮތްގޮތަށް އެމީހުންނާ ގުޅުވައި ސޯސަލް މީޑިއާގައި ދޮގު ހަބަރުތައް ފަތުރަނީވެސް މިމީހުންނެވެ. އަސްލު ހަގީގީ މުޖުރިމު ފިލާ ރައްކާވެ ނުވަތަ އޭނާއާއި އެކު ރޭވުންތައް ރާވާ މީހުންނ އެހެން ’ސިފަސިފައަށް‘ ބަދަލުވާން ލިބެނީ މި ބުނާ ވަގުތުގައެވެ.
ރައީސް ނަޝިދަށް ދެވުނު ނުރައްކާތެރި ހަމަލާގައިވެސް މިހާރުވެސް މި ފެންނަނީ މި މަންޒަރެވެ. ފާޅުގައި މި ކަމަށް ތާއިދުކޮށް އަތް ޖަހާ އަދި ކުރެވުނު ވަރު ކުޑަކަމަށް ބުނާ އެތައް ބަޔަކު ސޯސަލް މީޑިއާގައި ހިޔާލުފާޅުކުރަމުން ދަނީއެވެ. މި އަމަލު ހިންގަން ޖެހޭ ކަމާއި އެކަން ޖަސްޓިފައިކޮށްދީފައި ސްޓޭޓަސް ތަކާ ޓުވީޓުގެ ޕޯސްޓުތައްވެސް ކުރަނީއެވެ. އަނެއް ބަޔަކު މި ހަމަލާ އަކީ ވަރަށް އާދައިގެ ކަމެއް ކަމަށް ބުނެ ރައީސް ނަޝީދު އެކްޓުކުރަނީ ކަމަށްވެސް ލިޔަމުންދަނީއެވެ. ޑޮކްޓަރުންގެ ބަހާއި ހޮސްޕިޓަލުން ނެރެފައިވާ ބަޔާންތަކުގެ އަޑުކަނޑުވާލާހާ ބާރުގައެވެ. އަނެއް ބަޔަކު މަލާމާތުގެ ނިޝާންތައް ދައްކާ ޖޯކު ޖަހާ ’އިދު ފާހަގަ‘ ކުރަނީއެވެ.

ހިތާމައަކީ މިއިން ކޮންމެ އަމަލެއްގެ ސަބަބުން އަނެއްކާވެސް އުފެދޭނީ މި ފަދަ ނިރުބަވެރި ހަމަލާއެކެވެ. މިފަދަ ކަންތައްތައް ކުރާ ބަޔަކަށް މި ދެވޭ މެސެޖަކީ އެމީހުންނާއެކުވެސް ބަޔަކުވާ ކަމެވެ. އެމީހުންގެ އަމަލުތައް ރަނގަޅުކޮށް ޖަސްޓިފައިކޮށްދޭނެ މީހުން ތިބިކަމެވެ. އެމީހުންގެ ސަޕޯޓަރުން ތިބި ކަމާއި މުޖުތަމައުން ބާކީ ނުވާނެކަމެވެ. ހިތާމައަކީ މި ގޮތަށް ހިތްވަރުދޭ މީހުންގެ ތެރޭގައި ސަރުކާރު ކުންފުނިތަކުގެ މުއައްޒަފުން ގިނަ އަދަދަކަށް ތިބި ކަމެވެ. ކުރީ ސަރުކާރުގެ ހެޔޮފުޅު ކަމުން ’ލިސްޓަކަށް‘ ވަޒީފާ ލިބުނަސް މި ސަރުކާރުގެ އަދި މާ ހެޔޮފުޅުކަމުން ވަޒީފާއަށް ގޮތެއް ނުހަދާ ބެހެއްޓުމަކީ މި ތިމާ ނުރުހޭ ސިޔާސީ ލީޑަރު ކަތިލާއިރު އަތް ޖަހަން ތިބުމެއްނޫނެވެ. ހިތާމައަކީ މި ކަމަށް ހިތްވަރުދޭ މީހުންގެ ތެރޭގައި ކުޅިވަރު ކުލަބުތައް ހަދާ ރާއްޖޭގެ ނަން މަޝްހޫރު ހިސާބުތަކުގެ ވެރިން ކަމަށް ބަލާ މީހުންވެސް ތިބިކަމެވެ.
މި އެންމެންވެސް ދަންނަން ޖެހޭ ހަގީގަތަކީ މާދަމާވެސް އަނިޔާ އަރާ ހަމަކުރާނެކަމެވެ. މިތަނުން ކޮންމެވެސް އެއްބައެއްގެ ލޯބިވާ ކޮންމެވެސް ފަރާތަކަށެވެ. އަނިޔާއަށް ނޫނެކޭ ބުނާ ގަޑިއަކީ އެކަމެއް އައިސް ތިމާގެ ދޮރުގައި ޓަކިދޭ ވަގުތުކަމުގައި ބަލާ ނަމަ ވަގުތު މާބޮޑަށް ވެސް ފާއިތުވެ ހިނގައްޖެއެވެ. ވަގުތަކީ މިހާރެވެ. މިއަދެވެ. މިއަދުގެ ލާއިންސާނީ އަމަލުތައް ހިންގާ ވަގުތެވެ. މި އަދު އެކަން ކުރި މީހުންނަށް ހިތްވަރުނުދީ، އެމީހުންގެ ނުރައްކާތެރި ވިސްނުމަށް ހިތްހަމަ ޖެހުން ލިބޭނެ ބަސްތައް ނުބުނެ އަނިޔާ އާއި ލާއިންސާނީ އަމަލަށް ފާޅުގައި ނޫނެކޭ ބުނަން ޖެހޭ ވަގުތަކީ މިއަދުގެ މި ހާލަތެވެ.
މި ކުޑަކުޑަ ދިވެހިރާއްޖޭގައި އެއްބަޔަކު އަނެއް ބަޔަކަށް ހަމަލާ ދީގެން އެއްވެސް ބަޔަކަށް ސަލާމަތެއް ރައްކާތެރި ކަމެއް ނެތެވެ. މިއީ ޕާކިސްތާނާއި އަފްގާނިސްތާނުގެ ކަހަލަ ބިން ބޮޑު އެކި ގަބީލާ ތަކާ ޝަހަރުތައް އޮތް ތަނެއް ނޫނެވެ. ފިލަން ދާނެ ހޮހޮޅައެއް ބިންގަރާހެއް ފަރުބަދައިގެ ވާދިއެއް ނެތެވެ. މި މާލެ އަކީ އަފްގާނިސްތާނުގެ ނަރުދަމާ ސްޓޭޝަނަށްވުރެވެސް ކުޑަ ތަނެކެވެ. ސީރިއާގެ ކާޑު ގުދަންވެސް މި މާލެއަށްވުރެ ބޮޑެވެ. ދެތިން ބޮމެއް ގޮއްވާލާއިރަށް އަހަރުމެން އެންމެން ތިބޭނީ ’އެއް ޒަމާނެއްގައި ދުނިޔޭގައި އުޅުނު ކަމަށް ބުނާ‘ ބައެއްގެ ލިސްޓުގައެވެ.
އަހަރުމެން އުފާވެރި ދިރިއުޅުން ބޭނުމެވެ. އާއިލާއާއި ރައްޓެހިންނާ އެކީ އުފާވެރި ސަމާސާ ވަގުތުތައް ހޭދަކުރަން ބޭނުމެވެ. ފައިސާއާއި މުދަލާއި ތަނަވަސްކަމަށް މަސައްކަތް ކުރަން ވަގުތާއި އަމާން މާހައުލު ބޭނުމެވެ. ލިބިފައިވާ ހުނަރުން ކުރިއަށްދާން ބޭނުމެވެ. އަޅުކަމާއި ތަގުވާވެރިކަން މަތީގައިހުއްޓާ މި ދުނިޔޭގެ ފަހުނޭވާ ލާން ބޭނުމެވެ. ރަނގަޅީކާކުތޯ ބަލަން ހަތަރު އަނގޮޅި ކަންމައްޗެއްގައި ހުއްޓާ މާ ދުރުން ބުރައިގެން އަންނަ ގާބުރިއަކުން ޖެހި، ކާނު މީދަލެއްހެން މި ދުނިޔޭގެ ފަހުން ނޭވާލާކަށް ބޭނުމެއްނޫނެވެ. އެއަށްވުރެ އަހަރުމެން ދިވެހިންނަށް ލިބިފައިވާ ނަސީބާއި ނިއުމަތްތަށް މާބޮޑެވެ.