އިޒްރޭލުގެ ވަރުގަދަ ވައިގެ ދިފާއީ ނިޒާމު އަޔަން ޑޯމް (އެކަތައިގެ ގުއްބަށް) ދިމާވި ޓެކްނިކަލް މައްސަލައަކުން އަމިއްލަ ގައުމަށް މިސައިލު ހަމަލާއެއް ދެވިއްޖެ ކަމަށް އިޒްރޭލުން އެއްބަސްވެއްޖެއެވެ. ލުބުނާނުން ފޮނުވާލި މިސައިލު އަޔަން ޑޯމުން ގޮއްވާލަން އުޅުމުގެ ތެރޭގައި އަނބުރާ ފޮނުވާލެވުނީ ނުބައި މިސްރާބަކަށެވެ. މި މިސައިލު ހަމަލާ އަރާފައިވަނީ ތެލް އަވީވްގެ ހޮސްޕިޓަލަކަށް ކަމަށް ބައެއް ފަރާތްކުން ބުނަމުންދާއިރު އިޒްރޭލުން ބުނަނީ މިސައިލު ހަމަލާ އަރާފައިވަނީ އާއްމުން ދިރިއުޅޭ ސަރަހައްދަކަށެވެ. މި ހަމަލާއިން ލިބުނު ގެއްލުންތަކެއް އިޒްރޭލުން ހާމައެއް ނުކުރެއެވެ.
އިޒްރޭލުން ތުހުމަތު ކުރަނީ މި ހަމަލާ ދިނީ ލުބުނާނުގެ ހިޒްބުﷲ ޖަމާއަތުން ކަމަށެވެ. މި ހަމަލާ ނާކާމިޔާބު ކޮށްނުލެވުނީ އަޔަން ޑޯމު އެ ވަގުތު ރަނގަޅަށް މަސައްކަތް ނުކުރެވި ޓެކްނިކަލް މައްސަލައެއް ދިމާވުމުން ކަމަށެވެ. އިޒްރޭލުގެ ބައެއް އޮފިސަރުން ތުހުމަތު ކުރަނީ މިސައިލު ހަމަލާ ދިނީ އިޒްރޭލުގެ ބޯޑަރާ ވަރަށް ކައިރިން ކަމަށާއި އެކަމުގެ ސަބަބުން ވައިގެ ދިފާއީ ނިޒާމަށް ނުބައި ކަލްކިއުލޭޝަނެއް (ހިސާބެއް) ހެދުނީ ކަމަށެވެ.
އެމެރިކާގެ އެހީތެރިކަމާ އެކު މުޅި އިޒްރޭލުގެ ވައިގެ ދިފާއި ނިޒާމު ބަލަހައްޓާ އަޔަން ޑޯމަކީ ދުނިޔޭގައި މިހާތަނަށް ބޭނުންކުރާ މި ފަދަ އެންމެ ފުރިހަމަ ނިޒާމެވެ. މިހާރު ކުރަމުންދާ ހަނގުރާމައިގެ ތެރޭގައިވެސް އަޔަން ޑޯމުވަނީ އިތުރަށް ފުރިހަމަކޮށް ތަރައްގީކޮށްފައެވެ.