ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ފަށާފައިވާ އުދުވާނި ހަމަލާގައި އެންމެ ބޮޑު ގެއްލުމެއް ދެމުންދާ ގައްޒާއަށް އެޓޮމިކް ބޮމެއް އެޅުމަށް އިޒްރޭލުގެ މިނިސްޓަރަކު ގޮވާލައިފިއެވެ.
މިދިޔަމަހު 7 ވަނަ ދުވަހުން ފެށިގެން ކެނޑިނޭޅި އިޒްރޭލުން ގައްޒާއަށް ދެމުންދާ ޓެރަރިސްޓު ހަމަލާތަކުގައި އެތައް ބަޔަކު ޝަހީދުވެ ލައްކައަކަށްވުރެ ގިނަ ބައެއްގެ ގެދޮރު ސުންފާތިކޮށްލާފައިވިޔަސް އިޒްރޭލުން ބޭނުންވާ މަގުސަދު ހާސިލުނުވާތީ އެކަން އަވަހަށް ނިންމާލެވެން އޮތީ އެޓޮމިކް ބޮމެއް އަޅައިގެން ކަމަށްވެސް މިނިސްޓަރު ބުނެފައިވެއެވެ. އިޒްރޭލުގެ ޑިއަސްޕޯރާ މިނިސްޓަރު އަމިކާއި ޝިކްލީ އިތުރަށް ބުނެފައިވަނީ އެޓޮމިކް ބޮމެއް ވައްޓާލައިގެން ހަމާސްއާއި ގައްޒާ ރައްޔިތުންގެ ކަންތައް ނިންލާއިރު އެތަނުގައި އިޒްރޭލުގެ ރައްޔިތުންތަކެއް (އަސީރުންގެ ގޮތުގައި) ތިބިކަން އެނގޭ ކަމަށާއި ނަމަވެސް އިޒްރޭލު ސިފައިންގެ ފުރާނައަށްވުރެ އެމީހުންގެ ސަލާމަތް ކުރުން (އެމީހުންގެ ފުރާނަ) މުހިއްމެއް ނުވާނެ ކަމަށެވެ.




