ރައީސް ސޯލިހުގެ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން އެމަނިކުފާނުގެ ވެރިކަމުގެ ފަހު ދުވާހަ ހަމައަށް އިދިކޮޅު ޕާޓީތަކުން ބުނަމުން ދިޔައީ ރާއްޖޭގައި ގިނަ އަދަދެއްގެ އިންޑިޔާ ސިފައިން ތިބި ކަމަށާއި އެމީހުން ވަގުތުން ވަގުތަށް ފޮނުވާލުމަށެވެ. ރައީސް ސޯލިހުގެ ވެރިކަމާ ދެކޮޅަށް އެންމެ ބޮޑަށް ބޭނުން ކުރީ ވެސް އިންޑިޔާ އައުޓް ގެ ޝިއާރެވެ. އެންމެ ބޮޑު އިދިކޮޅު ޕާޓީގެ މުޒާހަރާތަކުގައި ބޭނުންކުރާ އުނުއަންނައުނުން ފެށިގެން މަގުމަތީ ބެނާ ތަކާއި ލީފްލެޓުތައް އަދި ޕީޕީއެމް ރަސްމީ ލެޓަރހެޑްގައިވެސް ބޭނުންކުރީ އިންޑިޔާއައުޓު ޝިއާރެވެ. އެ ފޯރި ގަދަވެގެން ގޮސް އިންޑިޔާ ސިފައިން ރާއްޖޭގައި ތިބި ތަންތަން ކަމަށް ބުނާ ސަރަހައްދު ތަކެއްވެސް ފާހަގަ ކުރިއެވެ. މި ގޮތުން އައްޑޫގައި ހަދަމުންދިޔަ ސިފައިންގެ މަރުކަޒާއި، އައްޑޫ ޕޮލިސް އެކަޑަމީއާއި، ލ.ކައްދޫ އެއަރޕޯޓާއި، އއ.ތޮއްޑޫ، އަދި ހދ.ހަނިމާދޫއާއި އެމްއެންޑީއެފުން ތަރައްގީ ކުރަމުންދާ އުތުރު ތިލަފަޅުގައި ގިނަ އަދަދެއްގެ އިންޑިޔާ ސިފައިން ހަރަކާތެރިވަމުންދާ ކަމަށް އެ ދުވަހު ތުހުމަތު ކުރިއެވެ.
މި ހުރިހާ ތުހުމަތުވެސް ސަރުކާރުން އަދި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން ތަކުރާރުކޮށް ދޮގު ކުރިއެވެ. އަދި އިންޑިޔާ ސިފައިން ތިބި ކަމަށް ބުނާ ރަށްރަށުގެ މީހުންވެސް އެކަން ދޮގު ކުރިއެވެ. ރިޔާސީ އިންތިހާބުގެ ބަހުސްގައި ރައީސް ސޯލިހާއި އެ ސުވާލު ކުރުމުން އެމަނިކުފާނު ވެސް އެކަން ދޮގު ކުރެއްވިއެވެ. ވިދާޅުވީ ހަތިޔާރު އެޅި އިންޑިޔާ ސިފައިން ރާއްޖޭގައި ނެތް ކަމަށެވެ. ތިބީ ކުރީގެ ވެރިކަންތަކުގައި (ރައީސް ނަޝީދުގެ ވެރިކަމުން ޔާމީނުގެ ވެރިކަމާ ހިސާބަށް) ތިބި ބައެއް ކަމަށެވެ. އެއީ ކުރީ ސަރުކާރުން އެއްބަސްވެ ހެލިކޮޕްޓަރު ދުއްވަން ތިބި ބައެއް ކަމަށެވެ. ހަތިޔާރު އެޅި މިލިޓަރީ އެއްވެސް ގައުމެއްގެ ސިފައިން ނެތްކަމަށެވެ. އެހެން ވިޔަސް ރައީސް ޑރ.މުއިއްޒުގެ ކެމްޕޭނުގައި ރާއްޖޭގެ އިސްތިގުލާލު ގެއްލޭ ހިސާބަށް އިންޑިޔާ ސިފައިން ތިބި ކަމަށް ތަކުރާރުކޮށް ދިޔައީ ވިދާޅުވަމުންމެވެ.. އާއްމު ރައްޔިތުންގެ ތެރެއިންވެސް ބައެއް މީހުން ވިސްނުން ހުރީ އެއީ ވަރަށް ބޮޑު ތެދެއް ކަމަށާއި އިންޑިޔާއިން ރާއްޖެ ހިފަނީ އެވެ. މިލޓަރީ ތަމްރީނު ތަކުގައި އެކި ގައުމުތަކުގެ ސިފައިންނާއި އެކު ކުރިން ހަދާފައިވާ ތަމްރީނުތަކާއި ޑްރިލްތަކުގެ ފޮޓޯތައް ސޯސަލް މީޑިއާގައި ދައުރުކުރާ ފަރާތްތަކުންވެސް ބުނަމުންދަނީ މިއީ ރާއްޖޭގައި ތިބި ސިފައިން ކަމަށެވެ. އޭރުގެ ހާލަތުން އާއްމުންނަށް ވިސްނެންފެށީ ރާއްޖެ މިއޮތީ އިންޑިޔާ ސިފައިން އަރާ ހިފާފައެވެ.
މިހާރު މިއީ އެހެން ވިދާޅުވި ބޭފުޅުންގެ ވެރިކަމެވެ. ވެރިކަން ހަވާލުވީ އެކަމާ ދެކޮޅަށް މުޒާހަރާކުރި ޕީޕީއެމް ޕީއެންސީއެވެ. ވަޒީރުންނަށް ތިއްބެވީ އެ ބޭފުޅުންނެވެ. މިއަދު އެބޭފުޅުންނަށް އިންޑިޔާ ސިފައިން ތިބި ރަށްތަކާިއ އަދަދާއި ހަތިޔާރު ގެންގުޅޭވަރުވެސް ސާފުވާނެއެވެ. އެހެންކަމުން ގިނަ ބަޔަކު ހީކުރަމުން އައީ ރައީސް މުއިއްޒު ވެރިކަމުގެ ހުވާ ކުރައްވާ ދުވަހު ނުވަތަ ޖެހިގެން އަންނަ ދުވަހު ސަފަކަށް އަތުރާފަ ފަހަރަކު މީހަކު ފްލައިޓަށް އަރުވާ،އިންޑިޔާއަށް ފޮނުވާލާނެ ކަމަށެވެ. އެކި ރަށްރަށުގައި ތިބި އިންޑިޔާ ސިފައިން ހުޅުލެއަށް ޖަމާކޮށް ފަހަރަކު މީހަކު ބޯ ގުނަމުން ގައުމީ އެއަރލައިނުގައި ނުވަތަ އިންޑިޔާއިން ފޮނުވާ ފުލައިޓެއްގައި އެމީހުން ފުރުވާލާނެ ކަމަށެވެ. މިކަން ހިނގާއިރު ގައުމީ ޓީވީން ލައިވް ކުރަމުން ހަބަރު ފަތުރާ ވަސީލަތްތަކުން ވަގުތުން ދައްކަމުންދާއިރު އެކަމުގެ އުފަލުގައި މާލޭ ހުސްމައިދާން ތަކުގައި އުފާ ފާޅުކުރުން އޮންނާނެ ކަމަށެެވެ. މާލޭގ މަގުމަތީގައި ސައިކަލު ބުރު ޖަހާ ދިވެހި ދިދަ ހިފައިގެން ހިނގާލުންތައްވެސް އޮންނާނެ ކަމަށެވެ.
ހަގީގަތަކީ ހާރިޖީ ގުޅުންތަކަކީ އެތެރޭގެ ސިޔާސީ ނިންމުންތައް ނިންމޭ ގޮތަށް އޮންނަ ކަންކަމެއް ނޫނެވެ. ދޭދޭ ގައުމުތަކުގެ ގުޅުންތަކަކީ އާއްމު އާދައިގެ ރައްޔިތު މީހާގެ ސިކުނޑިން ވިސްނޭ ވަރަށްވުރެ ބޮޑެތި ކަންތައްތަކެވެ. ދިވެހިރާއްޖެއާއި ދީނީ ގޮތުން ނަސްލީ ގޮތުން އަދި ސަގާފީ ގޮތުން އެތައް ތަނެއް ތަފާތު ގައުމުތަކާ ގުޅުންބަދަހިކޮށް އެހީތެރި ވުމުގައި އެގައުމު ތަކުންވެސް ބަލާނެ ބައިނަލްއަގުވާމީ މިންގަނޑުތަކާއި އެމީހުންގެ އެތެރޭގެ މަސްލަހަތު ތަކާއި އަވައްޓެރި ގައުމުތައް އިސްކަންދޭ ތަރުތިބާއި ބޮޑެތި ގައުމުތަކާ އޮންނަ ގުޅުމާއި ވިޔަފާރީގެ ނަފާއިން ފެށިގެން އެތައް ކަމަކަށް ވިސްނާނެއެވެ. ހެލިކޮޕްޓަރާއި ބަލި މީހުން އުފުލުމުގައި ހަރަކާތްތެރިވާން އިންޑިޔާ ސިފައިން ތިބޭ ނަމަ އެ ތިބެނީ ރާއްޖޭގެ ދެ ރައީސެއްގެ ރުހުމާއެކު އޭރު ސަރުކާރުތަކުން އެއްބަސްވި ގޮތަށެވެ. އެހެން ވިޔަސް ސިޔާސީ ޖަޒުބާތުތަކެއްގައި އާއްމުންނަށް ނުވިސްނޭ ބަހުރުވައިން ހާރިޖީ ކަންތައްތަކުގެ ވާހަކަ ދެއްކީމާ ގިނަ ބަޔަކަށް މާނަ ނެގެނީ ނުބައިކޮށެވެ. އެހެންވިޔަސް އެ ވާހަކަ ދައްކާ ބަޔަކަށް އެކަމުން މަންފާތަކެއް ހާސިލުވާ ގޮތްވުމުން ކިތަންމެ ގެއްލުމެއް ވިޔަސް ފަރުވާލެއް ނެތް ގޮތަކަށެވެ.
އިންޑިޔާ ސިފައިން މި ގައުމުގައި ތިބި ނަމަ އެކަން ރައީސް ޑރ.މުއިއްޒު ކުރައްވާނެއެވެ. ރިޔާސީ ވައުދުގެ އެއް ނަމްބަރު އައިޓަމެއްގެ ގޮތުގައި ބުނަމުން އަންނަނީވެސް އެ ވާހަކައެވެ. އެހެންވިޔަސް އެކަންތައް ކުރާނީ ޑިޕްލޮމެސީގެ ތެރެއިން ހާރިޖީ ގުޅުންތަކަށް ބުރު ނާރާ ގޮތަށެވެ. އެކަން އިންތިގާލީ މަރުހަލާއިން ފެށިގެން ރައީސް މުއިއްޒަށް އެނގިވަޑައިގަންނަވައެވެ. އެމަނިކުފާނު ފަހުން ވިދާޅުވިހެން އެއީ މަގުމައްޗަށް އެއްވެގެން ކުރެވޭނެ ކަމެއްނޫނެވެ. އާއްމު ރައްޔިތުން ހީކުރާ ގޮތަށް އިންޑިޔާ ސިފައިން ބާލާނީ ބޮޑު ވަލަކުން ބަނދެ، ދެއަތް ފުރަގަހަށްލާ ބިޑިއަޅައި ފައްޗަކަށް އަތުރާފައެއްނޫނެވެ.





މުރާސިލްގެ ނޫސްވެރިޔާ ޢަބުދުﷲ ޝަފީޤު ޢަލީ އަށް ތިޔައެނގުނީ ރަނގަޅަކަށް ނޫން. ނުވަތަ ގަސްދުގައި ރައްޔިތުންނަށް އޮޅުވާލުމަށް ތިޔަ މަސައްކަތް ކުރަނީ.
އެއިރުވެސް އަދި މިހާރުވެސް ގޮވީ ނޫނީ ބުނީ ނޫނީ ޕޯޑިއަމަށްއަރައި ދެއްކި ވާހަކައަކީ ސިޔާސީގޮތުން ވާހަކަ ދައްކައިގެން ބާލާނެވާހަކަ. އެންމެ ފުރަތަމަ ވޯޓުން ކަށަވަރުވީ ދުވަހުން ފެށިގެން މިހާރުވެސް އެވާހަ ދައްކަމުން ގެންދަނީ.
މިރާއްޖޭގައި މަރުކަޒުވެގެން އިންޑިޔާ ސިފައިން އެބަތިބި. އެމީހުންގެ އަތުގައި ހަތިޔާރަށް ބެލެވޭ އެއްޗެއް ހުރިތޯ ނެއްތޯ ބަލާކަށް އަހަރެމެން ބޭނުމެއްނޫން.
ގުއިރޯނުދަމައިގެން އަމިއްލައަށް އޭގައިޖެހި ނުނެއްޓެވިގެން އޮތަސް އެކަން އަހަރެމެން ބަލާކަށްނެތިން
Mohoru
ގުއިރޯނުގަ ޖެހި ބަނދެވުނީ ކޮން ބައެއްކަން ވަރަށް ސާފު ވެއްޖެ އިންޑިޔާ ސިފައިން ތިބިއްޔާ ތިބީ ތިޔަ ބުނާ ބަޅުރުއް ވެރިކަމުގަ ގެނައި ބަޔެއް އެހެންވީމަ ބާލާނީ ވެސް ގެނައި ބަޔަކު.!