އިރާގާއި ސީރިއާ ގައި އާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ޑްރޯނުންނާއި ރޮކެޓުން ހަމަލާދީފިއެވެ. މި ހަހަމަލާގެ ޒިންމާ ވަކި ފަރާތަކުން އުފުލާފައި ނުވާއިރު އެމެރިކާއިން ތުހުމަތު ކުރަނީ މިއީ އިރާނު އަޑީގައި އޮވެގެން ދެމުންދާ ހަމަލާތަކެއް ކަމަށެވެ. މި ހަމަލާތަކުގައި ލިބުނު ގެއްލުން އެމެރިކާ ސަރުކާރުން މިހާތަނަށް ހާމަކޮށްފައި ނުވެއެވެ. މި ކަމާ ބެހޭގޮތުން އިރާގު ސަރުކާރާއި ސީރިއާ ސަރުކާރުންވެސް އިތުރު މައުލޫމާތެއް ނުދެއެވެ.
އިޒްރޭލުގެ ޓެރަރިސްޓު ހަމަލާތަކުގައި ފަލަސްތީނުގެ ގައްޒާ ބިމާ ހަމަކުރަމުންދާއިރު އެމެރިކާއިން އެކަމަށް ވާގިވެރިވެ ހަތިޔާރު ފޯރުކޮށްދެމުންދާތީ އެކަމާ ދުނިޔޭގެ ގައުމުތަކުން އަންނަނީ ނުރުހުން ފާޅު ކުރަމުންނެވެ. އެމެރިކާގެ ރައްޔިތުންގެ ތެރެއިންވެސް އެކަމާ ދެކޮޅަށް މުޒާހަރާތްތައްވެސް ވަނީ ބާއްވަން ފަށާފައެވެ. އިޒްރޭލުން ފަލަސްތީނު ކުޑަކުދިންނާ އަންހެނުންގެ ގިނަ އަދަދެއްގެ ބަޔަކު ޝަހީދުކުރަމުންދާތީ އިޒްރޭލާއި އެމެރިކާގެ ރައްޔިތުންނަށްވެސް އަމާންކަމެއް ނޯންނާނެކަން ފަލަސްތީނާ އެއްކޮޅަށް ހަނގުރާމުކުރާ މުޖާހިދުން ދަނީ ބުނަމުންނެވެ.
އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ހަނގުރާމަ ފެށިފަހުން އެމެރިކާގެ އަސްކަރިއްޔާއިންވަނީ ސީރިޔާގެ ބައެއް ތަންތަނަށް ބޮން އަޅާފައެވެ. އެކަމުގެ ދިފާއުގައި އެމެރިކާއިން ބުނަނީ އެމީހުން ހަމަލާދީ ނައްތާލަމުން މިދަނީ ސީރިޔާގައި އިރާނުން އޮޕަރޭޓުކުރާ ޓެރިސްޓު މަރުކަޒުތަކެއް ކަމަށެވެ.




