- 5.5 މިލިއަނަށްވުރެ ގިނަ އަދަދެއްގެ ޔުކްރެއިނު ރެފިއުޖީން ރަޝިޔާގައި: ޔުކްރެއިނާއި ރަޝިޔާގެ ހަނގުރާމަ ފެށުނު ފަހުން ރަޝިޔާއަށް އެތެރެވި ޔުކްރެއިނުގެ ރެފިއުޖީން ގެ ތެރޭގައި 749000 ކުޑަކުދިން ވެސް ހިމެނޭ ކަމަށް ރަޝިޔާގެ ކަމާބެހޭ ފަރާތް ތަކުން މައުލޫމާތުދެއެވެ. މީގެ ތެރެއިން ގިނަ ބަޔަކަށް ރަޝިޔާގެ ސަރުކާރުން ބޯހިޔާވަހިކަން ދީފައިވާއިރު ބައެއް ފަރާތްތައް ދިރިއުޅެމުންދަނީ އެމީހުންގެ ރަޝިޔާ އާއިލާއާއި އެކުގައެވެ.
- ރަޝިޔާގެ ގޭސް ހޮޅި ގޮއްވާލުމުގެ ތަހުގީގު ލަސްވާ މައްސަލާގައި ރަޝިޔާއިން އދ އަށް ކަނޑައަޅާފައި ހުންނަ ސަފީރު ކަންބޮޑުވުން ފާޅުކޮށްފިއެވެ. މިހާތަނަށްވެސް އދ ގެ އެއްވެސް އިދާރާއަކުން މި ކަމަށް މާބޮޑު އަހަމިއްޔަތު ކަމެއްދޭ ތަނެއް ނުފެންނަ ކަމާއި މި ކަހަލަ ކަންކަމުގައި ފަހަތު ފަޔަށް ބުރަވާ ނަމަ މި ފަދަ ޓެރަރިސްޓު އަމަލުތައް ހިންގާ ގައުމުތަކަށް އެ ލިބެނީ ހިތްވަރެއްކަންވެސް ފާހަގަކުރިއެވެ. ރަޝިޔާއިން ތުހުމަތުކުރާ ގޮތުގައި ކަނޑުގެ އަޑިން އަޅާފައިވާ ގޭސް ހޮޅި ގޮއްވާލާފައިވަނީ އެމެރިކާއިންނެވެ. ނަމަވެސް މި ތުހުމަތަށް އެމެރިކާއިން އިންކާރު ކުރެއެވެ.
- އިނގިރޭސި ވިލާތާއި ޕޮލެންޑު ގުޅިގެން ޔުކްރެއިނުގައި ވަގުތީ ވިލެޖުތަކެއް ހެދުމަށް އެއްބަސްވެއްޖެއެވެ. މި ވިލެޖުތަކުގައި 700 ގެ ދޮރު ނުވަތަ ވަގުތީ ހިޔާތަކެއް ގާއިމުކޮށް، އެ ތަންތަނުގައި ޔުކްރެއިނުން ބޭރުގައި ދިރިއުޅެމުންދާ ފަރާތްތައް ވަޒަންވެރި ކުރުވާގޮތަށް ވަނީ ހަމަޖެހިފައެވެ. މިހާރުވެސް އިނގިރޭސި ވިލާތުގެ އާއިލާތަކުން ބަލަހައްޓާ ޔުކްރެއިނު ރައްވެހިންގެ އަދަދު 118000 ވުރެ ގިނައެވެ. މި މަޝްރޫއަށް 18 މިލިއަން ޑޮލަރުގެ ބަޖެޓެއް އިނގިރޭސި ސަރުކާރުން މިހާތަނަށް ވަނީ ހަމަޖައްސާފައެވެ.
- ޔުކްރެއިން ގެ ރައީސް ޒެލެންސްކީ އާއި ޗައިނާގެ ރައީސް ޒީ ޖީޕިން ގެ ބައްދަލުވުމެއް މިހާތަނަށް ޝެޑިއުލް ކުރެވިފައި ނުވާކަމަށް ޗައިނާގެ ފޮރިން މިނިސްޓްރީން މައުލޫމާތި ދީފިއެވެ. ދާދި ފަހުން ރަޝިޔާގެ ރައީސް އާއި ޗައިނާގެ ރައީސް ގެ ބައްދަލުވުމަށް ހުޅަނގުން ފާޑުކިޔާފައިވަނީ އެއީ ހަނގުރާމައަށް ރަޝިޔާއަށް ދެވޭ ހިތްވަރެއް ކަމަށް ބުނެއެވެ.
- މަރިއުޕޯލް ގެ މައި ޓްރެއިން ސްޓޭޝަން މަރާމާތުކުރުމުގެ މަސައްކަތް ރަޝިޔާއިން ފަށައިފިއެވެ. ކުރިން ޔުކްރެއިނުގެ ސަރަހައްދެއް ކަމަށްވާ މަރިޔުޕޯލް އަށް ވަނީ ހަނގުރާމައިގަ ބޮޑެތި ގެއްލުންތައް ލބިފައެވެ. މި ސަރަހައްދުގެ ބޮޑުބައެއް މިހާރު ކޮންޓްރޯލް ކުރަމުންދަނީ ރަޝިޔާއިންނެވެ.