މުލިއާގެ އާއި މެދު ތާރީޚީ ޚުލާސާއެއް
މުލިއާގެއަކީ ޒަމާންވީ ދިގު ތާރީޚެއް އޮތް މީގެ 100 ވަރަކަށް އަހަރުކުރިން ފެށިގެން ދިވެހި ދައުލަތުގެ އާޘާރެއްގެ ގޮތުގައި އަހަރުމެންނާއި ހަމަޔަށް އައިސްފައިވާ ރަސްކަމާއި ޖުމްހޫރީ ވެރިކަމާއި ގުޅިފައިވާ ބިނާއެކެވެ. މުލިއާގޭގެ ތާރީޚަށް ނަޒަރުކުރާއިރު މާލޭ ހުކުރުމިސްކިތު ކުރިމަތީގައި ބިނާކުރެވުނު މިބިނާ ވެރިކަމުގެ ޚާއްސިޔަތުގެ ތެރެއިން ޚާއްސަވާ ގޮތަކަށް ބިނާކުރެއްވީ 1903 އަހަރު ދިވެހި ތަޚުތަށް އިސްކުރެވުނު އަދި އެތަޚުތުގައި ރެނދަލިކުރައްވަމުން ގެންދެވި މުލީގޭ މަނިއްޕުޅު ( އައްސުލްޠާން މުހައްމަދު ޝަމްސުއްދީން) އެވެ. ތާރީޚީ ފަތްފުއްތަކުންނާއި، މުލިއާގެއާއި ގުޅިގެން ލިޔެފައިވާ ލިޔުންތަކުން ހާމަވާގޮތުގައި މުލިއާގެ( ހެންވޭރު ގަނޑުވަރުގެ) ގޮތުގައި ޚާއްސަކުރެވުނީ ޝަމްސުއްދީން ރަދުންގެ ދަރިކަލުން ވަލީޢަހުދު ހަސަން ޢިއްޒުއްދީން ސަރަންދީބުން (ސިލޯނުން) ކިޔަވާ ވިދާޅުވުމަށްފަހު އެނބުރި ވަޑައިގަންނަވާއިރު ވެރިކަމުގެ ތަޚްތަށް އިސްކުރެވޭ ވަލީޢަހުދު ހަސަން ޢިއްޒުއްދީނަށްޓަކައި ބިނާކުރެވުނު ރޯޔަލް ގަނޑުވަރުކޮޅުގެ ގޮތުގަވެ.
ޝަރަފާއި ގަދަރު ދެވުނު މުލިއާގޭގެ ’ބަރަކާތް‘ ކެނޑުން
ޝަމްސުއްދީނު ރަދުންނަށް މ.މޫލީގެ ( މުލިއާގެ ) ވާރުތައިން ލިބުމުގެ ކުރީން، މިގެއަކީ ދިވެހި ދައުލަތް ހޮޅީންގެ ކިބައިން މިނިވަންކުރުމުގެ މަތިވެރި ޖިހާދުކުރެއްވި މުލީގޭ ހަސަން މަކިކުފާނު ( ދޮންބަންޑާރައިންގެ) މައިފުނުގެ ގެކޮޅެވެ. އެހެންނަމަވެސް ޝަމްސުއްދީން ރަނދުން ރަސްކަންލިބި އެކިލަގެފާނުގެ ދަރިކަލުން ހަސަން ޢިއްޒުއްދީނަށްޓަކައި ނަވާރަސަތޭގައިގެ ތެރޭގައި އިސްތިޢުމާރީ ކުލަވަރުތަކާއި ވައްޓަފާޅިއަށް މުލިޔާގެ ޢިމާރާތްކުރެއްވިއެވެ.ސަރަންދީބުން ޝަމްސުއްދީނުގެ ދަރިކަލުން ކިޔަވާ ވިދާޅުވުމަށްފަހު ވަޑައިގެން މުލިއާގެ ،ހެންވޭރު ގަނޑުވަރުކޮޅުގައި ދިރިއުޅުއްވަން ފައްޓަވައި މޫސީޤީ ކުޅިވަރު މަޖާނަގައި ،ފިރިހެނުން އަންހެން ހެދުންއަޅައި، ކުޅިސަމާނަގައި ތަނުގެ ކަރާމާތްވަނީ ނަގާލާފައެވެ. ދޫދޫ މަތިން ނަޤުލުވަމުން އަންނަ ވާހަކަތަކުގެ ތެރޭގައި ’ގަނޑުވަރު ކުޅި’ފަދަ ފާޙިޝްކަންކަންކަން މިހިޔާދަށުގައި ހިނގާ، ތަނުގެ ’ބަރަކާތް‘ ވަނީ ކެނޑިގެންގޮސްފައެވެ. އެކި ޒަމާނުއްސުރެ ވެރިކަމުގެ ކޮއިލުތެރޭގައި ވެރިކަން ދެމެހެއްޓުމަށާއި އެހެނިގެން ބޭނުންތަކަށް ކަންވެރިކަމުގެ ހާހޫރަ ހެދުމުގެ ޘަޤާފަތް މިއަދާ ހިސާބަށްވެސް ނަޤުލުވެފައިވާއިރު މުލިއާގޭ ޙަރިންމަ ތެރޭގައިވެސް މިފަދަ ހާހޫރަ ހަދާނޭކަމީ އެއްވެސް ޝައްކެތް އޮތްކަމެއް ނޫނެވެ. ފަހުގެ ތާރީޚުތަކުގައި މީހުން ދައްކާ ވާހަކަތަކުގެ ތެރޭގައި ބޮނޑިބަތަށް ލޭއެޅުން ،ފެންފޯއްރުއް ޖެހުން ، ފެންފޯއްރުއް ކަނޑާލުން ފަދަ ވާހަކަތަކަކީ ވެރިކަމުގެ މަޙައްލުތެރޭގައި މިފަދަ ކަންކަން ކޮންމެވެސްވަރަކަށް މިހާރުވެސް ހިނގާކަމަށް ބާރުލިބޭ ވާހަކަތެކެވެ. ރާއްޖޭގެ ވެރިކަމުގެ ނިޡާމް 2008 ވަނަ އަހަރު ބަދަލުވުމަށް ފަހު އިންތިޚާބު ކުރެވެނު ރައީސުލް ޖުމްހޫރިއްޔާގެ ވެރިކަމުން 7 ފެބްރުއަރީގައި ދުރުކުރެވުނު ދުވަހު މުލިޔާގޭ ތެރެއިން ބަނގުރަލުގެ ގިނަޢަދަދެއްގެ ފުޅި ކަމާއި ބެހޭ އިދާރާތަކުގެ މީހުން ނެރެގެން ގެންދިއުމަކީ ފަހުގެ ތާރީޚެއްގައި މުލިއާގޭތެރޭގައި ނާޗަރަންގީގެ ކަންކަން ހިނގާ ދިޔަކަމުގެ ހެކިތަކެކެވެ.
ޖުމްހޫރީ ވެރިކަން އައުމަށްފަހު މުލިއާގޭގައި ރައީސުން އަވަހާރަ ލެއްޕެވުން
1953 ވަނަ އަހަރު ރާއްޖެ ރަސްކަމަކުން ޖުމްހޫރިއްޔަތަށް ބަދަލުވުމަށްފަހު ރިޔާސީ ގަނޑުވަރުގެ ގޮތުގައި މުލިޔާގެ ބޭނުންކުރެވުނެވެ. އޭރުގެ ރައީސުލް ޖުމްހޫރިއްޔާ މުޙައްމަދު އަމީނު ރިޔާސީ ގަނޑުވަރުކޮޅަށް ( ދާރުއް ރިޔާސާ) ވެރިކަންކުރާ ގެޔަށް ހެއްދެވިޔަސް އަވަހާރަފުޅު ލައްޕަވަނީ އަތިރީގޭގައި ކަމަށް ތާރީޚު ދިރާސާ ކުރައްވާ ބޭފުޅުން ބުނެވެއެވެ. ހަމަ މިފަދައިން ދެވަނަ ޖުމްހޫރިއްޔާގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި 2 ވަނަ ފަހަރަށް މުލިއާގެ ރިޔާސީ ގަނޑުވަރުކޮޅަށް ބަދަލުކުރެއްވުމަށް ފަހުގައިވެސް އެމަނިކުފާނުގެ މުލިއާގޭގައި އަވަހާރަފުޅު ލައްޕަވާފައެއް ނުވެއެވެ. ޖުމްހޫރިއްޔަތުގެ 3 ވަނަ ރައީސުލް ޖުމްހޫރިއްޔާ ރައީސް މައުމޫނަށް ވެރިކަމުގެ ކުރީކޮޅުގެ ދުވަސްވަރު މުލިޔާގޭގައި ދިރިއުޅުއްވުމަށްފަހު ތީމުގެއަށް ބަދަލުވެވަޑައިގަތެވެ. އަދި ރާއްޖެއަށް އައި ޢުދުވާނީ ޙަމަލާއަށް 1988 ކަށް ފަހު ސަލާމަތީ ސަބަބުތަކަށްޓަކައި އަލުން އެނބުރި މުލިއާގެއަށް ވަޑައިގެން ، ތީމުގެ ރިޔާސީގަނޑުވަރުގެ ގޮތުގައި ތަރައްޤީކޮށް ޢިމާރާތްކުރުމަށްފަހު ތީމުގެ ރަސްމީކޮށް ރިޔާސީ ގެކޮޅަށް މައުމޫނުގެ ރިޔާސަތުގައި ބަދަލުކުރެއްވިއެވެ. 1994ގެ ފަހުން 2008 ގެ ވެރިކަން ހަވާލުވުމާއި ހަމައަށް ސަރުކާރުގެ އެކިބޭނުންތަކަށް މުލިއާގެ ބޭނުން ކުރުމަށްފަހު ޖުމްހޫރިއްޔަތުގެ ހަތަރުވަނަ ރައީސް ރައީސް މުޙައްމަދު ނަޝީދުގެ ރަސްމީ ރިޔާސީ ގެކޮޅަށް މުލިއާގެ އަލުން ހެއްދެވިއެވެ. އަދި 2012 ވަނަ އަހަރު ވެރިކަމުގެ ނިޡާމުގެ ތެރޭގައި ހިނގާދިޔަ ސިޔާސީ ހަލަބޮލިކަމެއްގައި ވެރިކަމުން މުޙައްމަދު ނަޝީދު ދުރުކުރެވި އޭރުގެ ނާއިބް ރައީސް ޑރ. ވަޙީދު މަޤާމާއި ޙަވާލުވެ ވަޑައިގެން މުލިއާގެއަކަށް ވަޑައިގެންފައި ނުވެއެވެ. އެބޭފުޅާގެ ދޮޅުއަހަރުގެ ވެރިކަމުގައި ރިޔާސީ ގެކޮޅުކަމަށް ޚިޔާރުކުރެއްވީ ނާއިބް ރައީސް ކަމުގައި ދިރިއުޅުއްވި ހިލާލީގެއެވެ. ޖޫމްހޫރިއްޔަތުގެ ފަސްވަނަ ރައީސް ޔާމީން ޢަބްދުލް ޤައްޔޫމުގެ ވެރިކަމުގެ ފަސްއަހަރު ރިޔާސީ ގަނޑުވަރުގެ ގޮތުގައި ރަސްމީގޮތުން މުލިޔާގެ ބޭނުން ކުރެވުނަސް އެމަނިކުފާނުގެ ދިރިއުޅުއްވުމާއި ، އަވަހާރަފުޅު ލެއްޕެވުމަށް ޚިޔާރުކުރެއްވީ އެމަނިކުފާނުގެ އަމިއްލަފުޅުގޭގައެވެ. ރައީސް ޔާމީނަށް ފަހު 2018 ގައި އިންތިޚާބު ކުރެވުނު ރައީސް އިބްރާހިމް މުޙައްމަދު ސާލިގެ ވެރިކަން ނިމުމާއި ހަމައަށް ދިރިއުޅުއްވުމާއި ، އަވަހާރަ ލެއްޕެވުމާއި އެމަނިކުފާނުގެ ރިޔާސީ ގެކޮޅުކަމުގައި މުލިޔާގެ ބޭނުން ކުރެވުނެވެ.
މުލިއާގެ ބިރުވެރި ނާމާން ’ހޯންޓެޑް‘ ތަނެއްކަމަށް ބުނާބުނުމުގެ ހަޤީގަތަކީ ކޮބާ ؟
މަތީގައި ދެންނެވުނު ގޮތަށް ، ވަލީޢަހުދު ހަސަން ޢިއްޒުއްދީނުގެ ދުވަސްވަރު ނާޗަރަންގީ ކުޅިސަމާގެ މަރުކަޒަކަށް މުލިއާގެވުމާއި އެކުގައްޔާއި، އެކިއެކި ކަންކަމާ ހުރެ ތަނުގެ ކަރާމަތާއި ބަރަކާތް ކެނޑި ތަނުގެ ތެރޭގައިވާ އީޖާބީ ހަކަތަ ނެތިގޮސް ފަޅުކަން އިޙްސާސް ކުރެވޭ ފަދަތަނެއްގެ ގޮތުގައި ގިނަ މީހުން ދެކެއެވެ. އަމީން ދީދީ އަދި ، އިބްރާހިމް ނާސިރު އެގޭގައި އަވަހާރަފުޅު ނުލައްޕަވާނީ ކޮންމެވެސް ސަބަބަކާ ހުރެއެވެ. ވެރިކަމުގެ ކުރީކޮޅު މައުމޫން ތީމުގެއަށް ބަދަލުވާނީ ވެސް ކޮންމެވެސް ސަބަބަކާ ހުރެގެން ކަމަށް ބެލެވެއެވެ. ރައީސް ނަޝީދު ވެރިކަމާއި ޙަވާލުވެވަޑައިގެން ބައެއް އިރުޝާދު ދެއްވާ ބޭފުޅުން ސަފަރުމަހުގެ 10 އެއްގެ ކުރިން އެގެއަށް ނުވަނުމަށާއި ، ރަބީޢުލް އައްވަލުގައި ގެއަށް ވަނުމަށް އިރުޝާދު ދެއްވިއެވެ. އެހެން ނަމަވެސް ރައީސް ނަޝީދަކީ ތަފާތު މިޒާޖެއްގެ ބޭފުޅެއްގެ ގޮތުން މުލިޔާގޭގެ އެފަދަ ވާހަކަތަކާއި އެކުވެސް ސަފަރު މަހު ހަވަނަ ދުވަހު މުލިޔާގޭގައި ދިރިއުޅުއްވާން ފެއްޓެވިއެވެ. އަދި އެމަނިކުފާނު އަވަހާރަފުޅު ލައްޕަވަން ދާންކޮޅުގައި އޮންނަވަނިކޮށް ރޫޙާނީ އުނދަގޫތަކެއް ކުރިކަމުގެ ވާހަކައާއި ، ފަސްޓްލޭޑީ ލައިލާއަށްވެސް އެފަދަ ކަންކަން ކުރިމަތިވި ވާހަކައަކީ، ދެކެވޭ އަޑުއިވޭ ވާހަކަތަކެވެ. އަދި މުލިއާގެ ތެރޭގައި ހުރި ބައެއް ގަޑިތަކުގެ ކަށިހިނގާ އަޑުއިވޭތީ އެކަމުގެ ތެރޭގައި ބަދަލުކުރި ވާހަވެސް ކިޔާއުޅެއެވެ. މައުމޫންގެ ވެރިކަމުގައި ، އެމަނިކުފާނުގެ ދަރީންނަށްވެސް މިފަދަކަންކަން ދިމާވެފައި ހުރިވާހަކަވެސް ކިޔާއުޅެތެވެ. ރައީސް ވަޙީދުގެ ވެރިކަމުގައި މުލިއާގެއަށް ދިރިއުޅުން ބަދަލުނުކުރީ ރައީސް މައުމޫން ވިދާޅުވެގެން އެއިރުޝާދުގެ މަތީންކަމަށްވެސް ވާހަކަ ދެކެވެއެވެ. އަދި ރައީސް ޔާމީނުގެ ދުވަސްވަރު ތަން އަމާންކުރުމަށް މެދުނުކެނޑި މުލިއާގެ ގޭތެރޭގައި ޤުރުއާން ޖަހާފައި ބަހައްޓާކަމަށް ތަނުގައި ހަރަކާތްތެރިވި މުވައްޡަފުންގެ ފަރާތުން ޚަބަރުލިބުނެވެ. އަދި ބައެއް މުވައްޡަފުންނަށް ކަޅުކުއްޖާ ފެނުމާއި ، ކަޅުހިޔަނި ފަދަ ރޫޙާނީ ތަކެތި ފެނިފައިވާ ކަމަށް ބުނެފައިވެއެވެ.
މުޢިއްޒަކީ ޛިކުރުކުރުމުގެ ބޭކަލެއް ، ގަޓް ބޭފުޅެއް މުލިއާގޭގައި ދިރިއުޅުމަށް ޖެހިލުމެއް ނެތް !
ނިމިދިޔަ ވެރިކަމުގެ ފަސްޓްލޭޑީ މެޑަމް ފަޒުނާގެ އިންޓަވިއުއެއް ރާއްޖެ ޓީވީން ދުށީމެވެ. އެކަމަނާ ވިދާޅުވީ އިބްރާހިމް މުޙައްމަދު ސާލިހް އަދި އެކަމަނާވެސް ދަމުނަމާދު ކުރުމާއި ، އަޅުކަމުގައި އުޅުއްވާކަމަށެވެ. މުލިޔާގޭތެރޭގައި އިބްރާހިމް މުޙައްމަދު ސާލިހުގެ ވެރިކަމުގައި ނާމާންކަމެއް ބިރެއް ނޭއްގާނީކަމެއް ހިނގާދިޔަ ކަމުގެ އެއްވެސް ސަނަދެއް މިލިޔުން ލިޔުމާއި ހިސާބަށް އަޅުގަނޑަށް ލިބިފައި ނުވެއެވެ. 2023 އިންތިޚާބުކުރެވުނު ރައީސުލް ޖުމްހޫރިއްޔާ ހުވާކުރެއްވުމަށް ފަހު ރަސްމީ ގެކޮޅުކަމުގައި ކަނޑައަޅާނެކަމަށް ބެލެވެނީ ރިޔާސީ ގެކޮޅު މުލިއާގެއެވެ. ތުންތުންމަތިން ދެކެވޭ ވާހަކަތަކުގައި މުލިއާގޭގެ ވާހަކަތަށް ތަފާތު ބީދައިން ދެކެވުނަސް ، އިންތިޚާބީ ރައީސަކީ އަޅުކަމާއި ޛިކުރުކުރުމުގައި ނަމޫނާ ރައީސެކެވެ. ވެރިކަން ލިބުމުގެ ކުރީންވެސް އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު މ. ދިމްޔާޠުން ، މަސްޖިދް މުޙައްމަދު ބިން ޢަބްދިﷲ އަށް ފަސްވަގުތު ޖަމާޢަތުގައި ވަޑައިގަންނަވާ ހެނދުނާއި ހަވީރުގެ ޛިކުރުމަތީ ހުންނެވި ބޭފުޅެކެވެ. އަޅުގަނޑުމެންގެ އެދުމަކީ އިސްލާމީ ދައުލަތެއްގެ ވެރިކަމުގެ ތަޚްތަށް ރެނދަލިކުރެވުނު ޑރ. މުޢިއްޒުގެ 5 އަހަރު މުލިޔާގޭ ހަރިންމައާއި ، ވަށައިގެންވާ ތަންތަނާއި ، އެސަރަޙައްދަކީ އަމާން އުޖާލާ ރައްކާތެރި ތަންތަން ކަމުގައި ލެހެއްޓެވުމަށް މަސައްކަތްކޮށް އަދި މިބީދައިން ދެކެވޭ ވާހަކަތަކުގައި ކޮންމެވެސް ހަޤީގަތެއް އެކުލެވޭ ކަމުގައިވާނަމަ ، އެކަމެއް ކުރާން އޮންނަ ގޮތަކަށް އެކަންކޮށް، ތަން ރިޔާސީ ގަނޑުވަރުކޮޅު އަމާންވެގެން ދިއުމެވެ.
ފުރަތަމަ ރިޕޯޓަކީ: ޢިލްމީ ގޮތުން މުއްސަނދި, ހަމަ އާއި ޒަމާން ހިފެހެއްޓުން ރީތި, އެތުރުން ފައްކާ, އިބާރާތްކުރުން މޮޅު ރިޕޯޓެއް.
އަޅުގަނޑަށް މަދުވީ: މަޢުލޫމާތު އެއްކުރެއްވި ބައެއް މަސްދަރު.
ފަންނު އެބަހުރި. މިފަދަ ގަޔާވާ ކަހަލަ ރިޕޯޓުތަކަކަށް އިންތިޒާރު ކުރާނަން.
muliaage ah raa vehdheee villa resort in genes