ހައްޖު ކޯޕަރޭޝަނުން މާފުށީގައި މަތީފަންތީގެ ގެސްޓުހައުސް (ޓުއަރިސްޓު) ހޮޓަލެއް އެޅުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މި ހޮޓަލުގެ ކުރެހުންތައް ކުރަހައި، އިމާރާތަށް ހަރަދުވާނެ ވަރު ހޯދައި އިމާރާތް ކުރާނެ ބަޔަކު ހޯދަން އިއުލާންވެސް ވަނީ ކޮށްފައެވެ. މި ކަމަށް ބޭނުންވާ ބިން މާފުށިންވެސް ވަނީ ހަމަޖައްސާފައެވެ. އެހެންކަމުން މިއީ ރާއްޖޭގައި ހުޅުވޭ އެންމެ ފުރަތަމަ ’ހަލާލު ޓުއަރިޒަމު‘ ގެ ހޮޓަލަށްވެދާނެއެވެ.
ހައްޖު ކޯޕަރޭޝަނުން ބުނަނީ އެންމެ ފަސޭހައިން ފައިސާ ލިބޭނެ ގޮތަށް ޓުއަރިސްޓު ހޮޓަލެއް ހެދެން އޮތީ މާފުށީގައެވެ. މި ވަގުތު ގެސްޓުހައުސް ވިޔަފާރިން އެންމެ ބޮޑު އާމްދަނީ އެއް ހޯދަމުން ދަނީ މާފުށިންނެވެ. ރިސޯޓުތައްވެސް ހިމަނައިގެން، ދިވެހިރާއްޖެގޭ ރަށެއްގައި އެންމެ ގިނަ އަދަދެއްގެ ޓުއަރިސްޓު ބެޑު ހުރީ މާފުށީގައެވެ. މިހާރުވެސް 300 ކޮޓަރީގެ ގެސްޓުހައުސްއެއްގެ މަސައްކަތް ކުރަމުންދާއިރު، ހައްޖު ކޯޕަރޭޝަނުގެ ހޮޓަލާއެކީ މާފުށީގެ ގެސްޓުން އާބާދީ ވަރަށް ބޮޑުތަނުން އިތުރުވާނެއެވެ. ސުވާލަކީ ދުނިޔޭގެ އެކި ސަގާފަތާއި ދީންތަކަށް ނިސްބަތްވާ ޓުއަރިސްޓުންނާއެކު ހައްޖު ކޯޕަރޭޝަނުގެ ހަލާލު ޓުއަރިސްޓުން ޗުއްޓީ ހޭދަކުރާނީ ކިހިނެތްހެއްެޔެވެ.
އެންމެ ފުރަތަމަ ކަމަށްކަށް މާފުއްޓާއި އެއަޕޯޓާއި ދެމެދު ދަތުރުކުރާ ލޯންޗުތަކަކީ ދެ ޖިންސުގެ މީހުންނާ އެކީ މަސްހުނިވެގެން، ކޮނޑާއި ކޮނޑުޖެހިގެން ތިބޭގޮތަށް ހުރި ލޯންޗުތަކެކެވެ. މިއީ އާއްމުކޮށް ރާއްޖޭގައި ބޭނުންކުރާ ހުރިހާ ލޯންޗުތަކެއްވެސް ފަރުމާކޮށްފައިވާ ގޮތެވެ. ހައްޖު ކޯޕަރޭޝަނުގެ ހަލާލު ޓުއަރިސްޓުންނަށް ވަކިން ކެބިންއެއް ހަދައިގެން އެހެން ފަތުރުވެރިންގެ އައުރަ ނުފެންނާނެ ގޮތަކަށް ދަތުރުކުރާނެ ގޮތެއްނެތެވެ. ފަހަރެއްގައި ހައްޖު ކޯޕަރޭޝަނުން އަމިއްލައަށް ސްޕީޑު ބޯޓުގެ ހިދުމަތް ދިނުމަކީ މިކަމުގެ ހައްލަކަށް ވެދާނެއެވެ. މި ލޯންޗުގައި ހިލޭ އަންހެނުންނާއި ފިރިހެނުން ނުހިމެނޭ ގޮތަށް ދަތުރުކުރާނީ ހައްޖު ކޯޕަރޭޝަނުގެ ހަލާލު ފަތުރުވެރިންނެވެ.
ދެން އޮތީ މާފުށީގެ ފަތުރުވެރިންގެ މާހުލެވެ. އެންމެ ގޮންޖެހުން ބޮޑު އެއް ކަންތަކެވެ. ހައްޖު ކޯޕަރޭޝަނުންވެސް ބާރު ނުފޯރުވެވޭނެ އަދި އިތުރު މާމޮޅު ގޮތެއް ހެދެން ނެތް ކަންތައްތަކެވެ. އެއީ މާފުށީގެ ގޮނޑުދޮށްތަކާއި މޫދުބޭނުން ކުރުމެވެ. މިހާރުވެސް ތޮށްޖެހިފައިވާ މާފުށި ގޮނޑުދޮށުގައި ފަތުރުވެރިންނަށް ބިކިނީ ބޭނުން ކުރެވޭިއރު ހައްޖު ކޯޕަރޭޝަނުގެ ހަލާލު ޓުއަރިސްޓުން މި ފަދަ ގޮނޑުދޮށްތައް ބޭނުން ކުރާނީ ކިހިނެތްހެއްޔެވެ. އައުރަ ނިވާ ނުކޮށް ދެޖިންސު މީހުން މަސްހުނިވެގެން، އަވީލެވިގެން ތިބޭ ގޮނޑުދޮށެއްގައި ހަލާލު ޓުއަރިސްޓުންނަށް އެ މަންޒަރު ސައްހަ ވާނެ ހެއްޔެވެ.
ސަރުކާރުން ހަލާލު ޓުއަރިޒަމަށް ފަޅުރަށްތަކެއް ހަމަޖެއްސި މަގުސަދަކީވެސް އެހެނިހެން ޓުއަރިޒަމް ކޮންސެޕްޓުތަކުގައި އަންނަ ޓުއަރިސްޓުންނާއި ހަލާލު ޓުއަރިސްޓުންނާ މަސްހުނި ނުކުރުމުގެ ވިސްނުމުގައެވެ. ނަމަވެސް މިވަގުތު އެންމެ ގިނަ ފަތުރުވެރިން، ވަރަށް މިނިވަންކަމާއެކު ޗުއްޓީ ހޭދަކުރުމަށް ބޭނުންކުރާ މާފުށީގައި ހަލާލު ޓުއަރިސްޓުންނަށް އެ ބުނާ ކޮންސެޕުޓުގައި ޗުއްޓީ ހޭދަކުރުމަކީ ވަރަށް އުނދަގޫ ކަމެކެވެ. ދެ ޖިންސު ވަކިން ބޭނުންކުރާކަށް ގޮނޑުދޮށެއް ނެތެވެ. މާފުށީގެ ފަތުރުވެރި އަންހެނުން ތިބެނީ ހަށިގަނޑު އެކީގައި ނިވާވެގެން ނޫނެވެ. ފިރިހެން ފަތުރުވެރިން ތިބެނީ ފޫޅާއި ކަލުލާ ދެމެދު ފޮރުވޭ ވަރުގެ ހަރުވާޅުލައިގެނެއްވެސްނޫނެވެ. މި ފަދަ މަންޒަރުތައް ނުބެލުމަށް ހަލާލު ޓުއަރިސްޓުން މާފުށީ ގޮނޑުދޮށުގައި ތިބެން ޖެހޭނީ ކަނުބަދެގެންނެވެ. މޫދާއި ގޮނޑުދޮށުގެ ރީތިކަން ކިޔައިދޭން ކޮންމެ ފަތުރުވެރިއެއް ކައިރީ ހުންނަން ޖެހޭނީ ހަލާލު ގައިޑެކެވެ. ތި އަތްލެވެނީ ހުދު ދޮންވެލީގައެވެ. ރާޅު ބީއްސާލަނީ ވިލުކުލައިގެ ރީތި މޫދުން އަންނަ ހުދު ފޮނުލީ ރާޅެކެވެ. މިތަނުގައި ދެން ހުރި މަންރުތަކެއް ކިޔައިދެވޭކަށް ގައިޑަކަށް ހުއްދައެއް ނޯންނާނެއެވެ.




