ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލެއް ފުރަތަމަ ފަހަރަށް އެކުލަވާލައިފިއެވެ.
ރައީސް އޮފީހުން މައުލޫމާތުދޭ ގޮތުގައި މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދާ އެއްގޮތަށް މީޑިއާތަކާއި ނޫސްވެރިކަން ކުރިއެރުވުމަށްޓަކައި ދައުލަތުގެ ބަޖެޓުން އިންސައްތައެއް އެކަށައަޅުއްވައި މީޑިއާތަކަށް ހަމަޖެއްސެވުމަށް ކުރައްވާ މަސައްކަތްޕުޅުގެ ތެރެއިން އެކުލަވާލެއްވި އުސޫލެކެވެ.
ރައީސް ޑރ.މުއިއްޒު، ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު އިންތިގާލީ މަރްޙަލާގައި، ރާއްޖޭގެ ހުރިހާ މީޑިއާ ތަކާއެކު ”މީޑިއާ ގުންޒަރު“ގެ ނަމުގައި ބޭއްވެވި މަޝްވަރާ ބައްދަލުވުމުގައި އެ މަނިކުފާނު ވަނީ މީޑިއާގެ ކަންކަން ގެންދާނެގޮތުގެ ހިޔާލު ހޯއްދަވައި، މީޑިއާތަކަށް ދިމާވެފައިވާ ދަތިތަކަށް ހައްލުހޯއްދަވައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަގީންކަން މީޑިއާތަކަށް ދެއްވާފައެވެ. އެގޮތުން އެ ރޭ އެމަނިކުފާނު ވަނީ މީޑިއާތައް ބާރުވެރިކުރުވުމަށް ސަރުކާރުން ގެންގުޅުއްވާ ޕްލޭންގެ ތެރެއިން މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމަށް ދައުލަތުގެ ބަޖެޓުން އިންސައްތައެއް ކަނޑައަޅުއްވައި، އެ މިންވަރު މީޑިއާތަކަށް ހަމަޖެއްސެވުމުގައި ދެފުށްފެންނަ، ޒިންމާދާރު އުސޫލެއް އެކުލަވާލައްވާނެކަން އިއުލާންކުރައްވާފައެވެ.
މިއަދު ގެޒެޓުކުރެވުނު މި އުޞޫލުގައި ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް މާލީ އެހީ ދިނުމުގެ އެންމެހާ އުޞޫލުތަކާއި މިންގަނޑުތައް ބަޔާން ކުރައްވާފައިވެއެވެ. https://gazette.gov.mv/gazette/7307




