އިސްލާމްދީނުގައި ވިޔަފާރީގައި ކުރުވޭނެ ކަންތައްތަކާއި ނުކުރެވޭނެ ކަންތައްތައް، ހާއްސަކޮށް މިއަދުގެ ދިވެހި މުޖުތަމައުގައި ދިވެހި ވިޔަފާރިވެރިން ކުރަމުން އަންނަ ހުއްދަ ނޫން ކަންކަމަށް މިއަދުގެ ހުތުބާގައި ވަނީ ވަރަށް ފުރިހަމައަށ ފާހަގަކޮށްފައެވެ. މި ހުތުބާ އަކީ ކޮންމެ ވިޔަފާރިވެރިއެއްވެސް އަޑުއަހާ އަމަލުކުރަން މަޖުބޫރު މިއަދުގެ ހާލަތަށް ވަރަށް ގުޅޭ ހުތުބާއެކެވެ. މިގޮތުން މިއަދުގެ ހުތުބާގައި ބަޔާންކޮށްފައިވަނީ މުދަލާ ތަނަވަސްކަން ހޯދުމަކީ އިސްލާމްދީން މަނާކުރާ ކަމެއް ނޫނެވެ. ހަލާލުގޮތުގައި މަސައްކަތްކޮށްގެން އާމްދަނީ ހޯދުމަށް އިސްލާމްދީން ހިތްވަރުދެއެވެ.
އިސްލާމްދީނުގައި ރިބާގެ ދޮރުތައް ބަންދުކޮށް، ވިޔަފާރީގެ ދޮރުތައް ހުޅުވާލައިފައިވަނީ ހަލާލުގޮތުގައި ވިޔަފާރިކޮށްގެން އާމްދަނީ ހޯދުމަށްޓަކައެވެ. އިސްލާމްދީނުގައި ވަނީ ވިޔަފާރީގައި ކޮށްގެން ނުވާނެ ކަންތައްތަކާއި ކުރެވޭނެ ކަންތައްތައް ބަޔާންކޮށްދެއްވާފައެވެ. މަކަރާއި ހީލަތްހެދުމާއި އޮޅުވާލުންވަނީ ހަރާމްކުރައްވާފައެވެ.
ދުނިޔޭގެ ފެންވަރުގެ މަޝްހޫރު ބްރޭންޑުތަކުގެ މުދާ އެތެރެކޮށްވިއްކުމަކީ ރާއްޖޭގައި އާއްމުކަމެއް ކަމަށްވިޔަސް ބައެއް ވިޔަފާރިވެރިން އެފަދަ މުދަކުގެ ނަމުގައި އެއަށްވުރެ ފެންވަރުދަށް މުދާ އެ ނަމުގައި އެތެރެކޮށްގެން ވިއްކަމުންދާ ކަމުގެ ޝަކުވާ އަޑުތައް އިވެމުންދެއެވެ. މިއީ ވެސް ވިޔަފާރީގައި މަކަރާއި ހީލަތް ހެދުމުގެ ތެރޭގައި ހިމެނޭ ހުއްދަނޫން ކަންތައްތަކެވެ. މިކަމުގެ ސަބަބުން މުދާ އުފައްދާ ފަރާތާއި ގަންނަ ފަރާތަށްވެސް ގެއްލުންތަކެއްވާ ކަމެކެވެ. އަދި ހާއްސަކޮށް މިފަދަ ވިޔަފާރިވެރިންނަށް އާއްމުންކުރާ އިތުބާރުވެސް ދާނީ ކުޑަވަމުންނެވެ.
މަކަރާއި ހީލަތްހެދުމަކީ ވިޔަފާރީގެ ގެއްލުން ލިބުމުގެ އިތުރުން މީހާ ދެދުނިޔޭންވެސް އަބާއްޖަވެރިކަން ލިބޭނެ ކަމެކެވެ. މަކަރާއި ހީލަތް ހަދައިގެން، އޮޅުވާލައިގެން ހޯދާ ފައިސާ ތިމާގެ އާއިލާ ނުވަތަ އަނބިދަރިންނަށް ހަރަދުކުރަމުންދާއިރު، އެމީހުންގެ ކުށަކީ ކޮބައިތޯއެވެ. ހަރާމް މުދަލުން ނުވަތަ ފައިސާއިން ’މަސްޖަހާފައިވާ ހަށިގަނޑު‘ ސުވަރުގެއަށް ނުވަންނާނެކަމުގައި ރަސޫލާ ހަދީސް ކުރައްވާފައިވާ ބަސްފުޅު ހަނދުހުންނަ ނަމަ މިފަދަ ގެއްލުން ބޮޑު ކަންކަމެއް ނުކުރާނެއެވެ.
އިހްތިކާރުކޮށްގެން ފައިދާ ހޯދުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއްނޫނެވެ. އިހުތިކާރު ކުރުމަކީ މީހުންނަށް ބޭނުން ޖެހިފައިވާ މުދަލެއް ބާޒާރަށް ނުނެރެ، ހިފެހެއްޓުމަށްފަހު އެ މުދަލެއްގެ އަގު ބޮޑުވުމުން އެ މުދަލެއް ވިއްކަން ނެރެ ބޮޑު އަގުގައި ވިއްކާ ވިއްކުމެވެ. މި ކަމަކީ މާތް ނަބިއްޔާގެ ސުންނަތުން ނުހަނު ބޮޑަށް މަނާކޮށްފައިވާ ކަމެކެވެ. ވަކިން ހާއްސަކޮށް ކޮއްތުގެ ގޮތުގައި މީސްތަކުން ބޭނުންކުރާ ބާވަތްތައް އިފްތިކާރު ކުރުމުގެ ފާފަ ނިކަން ބޮޑެވެ. އަހަރުމެންގެ މާތް ނަބިއްޔާވެސް ހަދީސްކުރައްވާއިވަނީ ފާފަވެރިއަކުމެނުވީ އިހްތިކާރު ނުކުރާނެކަމެވެ.
މިނެކިރުމުގައިވެސް އުނިއިތުރު ކުރުމަކީ ގެއްލުމާއި ހަލާކު ކުރިމަތިވާނެ ކަމެކެވެ. އެއީ ވިޔަފާރީގައި މަކަރާއި ހީލަތް ހެދުމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ކީރިތި ގުރުއާނުގައިވެސް އަންގަވާފައިވަނީ މިނެކިރުމުގައި މަކަރާއި ހީލަތް ހަދާމީހުންނަށް ގެއްލުމާއި ހަލާކު ހުރިކަމެވެ.
ވިޔަފާރީގައި ނެތް ސިފައެއް ހުރި ކަމަށް ބުނެ މުދާ ވިއްކުމަކީވެސް ހުއްދަވެގެންވާ ކަމެއްނޫނެވެ.
މީގެ އިތުރުން މުދާ ގަޑުބަޑުކޮށްގެން ވިއްކުމަކީވެސް ހުއްދަކަމެއްނޫނެވެ. މިކަމުގެ ސަބަބުން މީހުންގެ ފުރާނައަށްވެސް ގެއްލުންވުމަކީ އެކަށީގެންވާ ކަމެކެވެ. މި ގޮތުން ރާއްޖޭގެ ބައެއް މީހުން ރިހާކުރަށް ގޮދަންފުށް އަޅައިގެން ރިހާކުރުގެ މިންވަރު އިތުރުކުރުމާއި، މަސް ރަނގަޅަށް ނުކައްކާ ދިލަ ޖައްސައިގެން ހިކިމަސް ނަމުގައި ވިއްކުން ފަދަ ވިޔަފާރީގެ ގަޑުބަޑުކޮށްގެން ހުއްދަނޫން ފާފަ ލިބޭ ގޮތަށް ބައެއް މީހުން އާމްދަނީ ހޯދުމަށް މަސައްކަތްކުރެއެވެ.
މީގެ އިތުރުން ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން މީހުންނަށް އޮޅުވާލައިގެން ފައިސާ ހޯދުމަމީވެސް ހުއްދަ ކަމެއްނޫނެވެ. މި ގޮތުން މިހާރަކަށް އައިސް ފޯނުކޮށްގެން މީހުންގެ އެކައުންޓުގެ މައުލޫމާތު ހޯދައިގެން ފައިސާ ފޭރުމާއި އަދި އެހެނިހެންވެސް ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން މީހުންގެ ހަލާލު ފައިސާ ހޯދުމަށް އުޅުމަކީ ބޮޑުވެގެންވާ ހަރާމްކަމެއްކަމަށްވެސް މިއަދުގެ ހުތުބާގައި ވިދާޅުވިއެވެ.




