ޑިމޮކްރެޓްސް ޕާޓީން ފަށާފައިވާ މެމްބަރުން އިތުރު ކުރުމުގެ ކެމްޕޭނުގައި ’ވެރިކަންކުރާ ކޯލިޝަން‘ ބޭނުން ކުރަމުންދާ ކަމަށް ބުނާ މައްސަލަތަކެއް ފެންމަތިވެއްޖެއެވެ.
އިންތިހާބީ ރައީސް ޑރ.މުއިއްޒު މިވަގުތު ނިސްބަތްވާ ޕީއެންސީއަށް މެމްބަރުން އިތުރުކުރަމުންދާ ދަނޑިވަޅެއްގައި ޑިމޮކްރެޓްސް ޕާޓީންވެސް ވަނީ މެމްބަރުން އިތުރުކުރުމުގެ ހަރަކާތްތަކެއް މާލެއާއި ރަށްރަށުގައި ފަށާފައެވެ. ޕީއެންސީއަށް މެމްބަރުން އިތުރު ކުރުމުގެ ހަރަކާތުގައި ބޭނުން ކުރަނީ ވެރިކަން ކުރާ ކޯލިޝަނާ ގުޅުމަށެވެ. ހަމަ އެ ގޮތަށް ޑިމޮކްރެޓްސްއިން ރަށްރަށުގައި މެމްބަރުން އިތުރު ކުރުމުގެ ހަރަކާތުގައި ބުނަމުންދަނީ ވެރިކަންކުރާ ކޯލިޝަނާ ގުޅެން ބޭނުން ނަމަ ޑިކޮރެޓްސްއާއި ގުޅުމަށެވެ. މި ކަމުގެ ސަބަބުން މެމްބަރުންނަށް އޮޅުން އަރާ އަސްލު ގުޅެންވީ ކޮން ޕާޓީއެއް ކަމެއް ނޭންގޭ ހިސާބަށް ކަންތައް ދަމުންދާ ކަމަށެވެ.
ރަށަކުން ވާހަކަ ދެއްކި މީހަކު މުރާސިލަށް މައުލޫމާތު ދެމުން ބުނީ އަސްލު ވާގޮތަކީ ވަޒީފާ ހޯދަން ނުވަތަ މިހާރު ހުރި ސިޔާސީ ވަޒީފާތަކުގެ މީހުން ކައިރިވެސް ބުނަމުންދަނީ ޑިމޮކްރެޓްސްއަށް ސޮއި ކުރުމުން ވަޒީފާއެއް ނުގެއްލޭނެ ކަމަށާއި މިއީ ވެެރިކަންކުރާ ކޯލިޝަނުގެ ޕާޓީއެއް ކަމަށެވެ. އަލަށް މި ސަރުކާރުން ވަޒީފާއެއް ހޯދަންވެސް ޑިމޮކްރެޓްސްއާއި ގުޅުމަށެވެ. ޕީޕީއެމްގައި މެމްބަރުން ގިނަ ވުމުން އެންމެންނަށް ވަޒީފާދޭން އުނދަގޫވިޔަސް ޑިމޮކްރެޓްސްގަ މެމްބަރުން މަދުވީމާ ފަސޭހައިން ވަޒީފާ ލިބޭނެކަމަށެވެ. މި ކަމުގެ ސަބަބުން ރަށްރަށުގައި ފެނަކައާއި، ސްޓެލްކޯ ފަދަ ކުންފުނިތަކުގައި މަސައްކަތްކުރާ މުއައްޒަފުން ވެސް ޑިމޮކްރެޓްސްއަށް ސޮއިކުރަނީ ވަޒީފާގައި ދެމި ހުރެވޭނެކަމުގެ ޔަގީންކަން ހޯދުމަށެވެ. ރަށްރަށުގައި އެމްޑީޕީގެ މެމްބަރުންނަށްވެސް ބިރުދައްކައި ބުނަމުންދަނީ ވެރިކަން ބަދަލުވުމުން ވަޒީފާ ގެއްލޭނެ ކަމަށާއި ޑިމޮކްރެޓްސް އަށް ސޮއި ކުރުމުން ވެރިކަންކުރާ ކޯލިޝަނުގެ ޕާޓީއެއްގައި ހުރުމުން ލިބޭ ’ފަސޭހަ’ތައް ލިބޭނެ ކަމަށެވެ.
ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސް ޕާޓީން އެކި ޕާޓީތަކާއި ކޯލިޝަން ހެދުމަށް ކުރި މަސައްކަތް ނާކާމިޔާބު ވުމުން، އެންމެ ފަހުން ވާދަކުރީ އެ ޕާޓީގެ ކެންޑިޑޭޓެއް ވަކިން ނެރެގެންނެވެ. ފުރަތަމަ ބުރުން ނާކާމިޔާބު ވުމުން އެއްވެސް ޕާޓީއަކާއި ކޯލިޝަން ހަދާފައި ނުވެއެވެ. ޑރ. މުއިއްޒު އިންތިހާބު ކާމިޔާބު ކުރެއްވުމުން އެކަމުގެ ކުރެޑިޓް ނަގައި އެއީ ޑިމޮކްރެޓްސްގެ މަސައްކަތް ކަމަށްބުނެ، ކޯލިޝަނުގެ ޕާޓްނަރެއްކަމަށް އިއުލާންކޮށްފައިވަނީ އަމިއްލައަށެވެ. ޑރ. މުއިއްޒުގެ ސިޔާސީ މަގާމުތަކާއި ކެބިނެޓު މަގާމުތަަކަށް އައްޔަންކޮށްފައިވާ ކަމަށްބުނާ ފަރާތްތަކުގެ ލިސްޓު މީޑިއާތަކުގައި ދައުރުވަމުންދާއިރު ކެބިނެޓުގައިވެސް އަދި ކުންފުނިތަކުންވެސް ޑިމޮކްރެޓްސްގެ އެއްވެސް މެމްބަރަކަށް މަގާމެއް މިހާތަނަށް ހަމަޖެހިފައިވާ ނުވެއެވެ.




