އިނގިރޭސި ފުޓުބޯޅައިގެ ގަދަބާރު ލިވަޕޫލަށް ކުލެމުންދާ ފުޓުބޯޅަ ތަރި ލުއިސް ޑިއާސްގެ އާއިލާ ކިޑްނެޕްކޮށްފިއެވެ. ލުއިސް ޑިއާސް ނިސްބަތްވާ ކޮލަމްބިއާގެ ބަޔަކު އޭނާ އާއިލާގެ ބަޔަކު ކިޑްނެޕްކުރީ ކޮން މަގުސަދެއްގައި އަދި ކޮން އިރަކު ކަމެއް އަދި ނޭންގެއެވެ. ކޮލަމްބިއާގެ ރައީސް ގުސްޓާވޯ ޕެޓްރޯ ސޯސަލް މީޑިއާގައި ހާމަކޮށްފައިވާ ގޮތުގައި ރަހީނު ކުރި މީހުންގެ ތެރެއިން ލުއިސް ޑިއާސްގެ މަންމަ ވަނީ ފެނިފައެވެ.
ހަތިޔާރު އެޅި ބަޔަކު މި އާއިލާއިން ކިޑްނެޕް ކުރުމުން ކޮލަމްބިއާގެ ސަލާމަތީ ބާރުތަކުގެ މަސައްކަތުން ލުއިސް ޑިއާސް ގެ މަންމަ ސަލާމަތް ކުރެވުނަސް އަދިވެސް އޭނަގެ ބައްޕަ ވަނީ ކިޑްނެޕް ކުރި މީހުންގެ އަތްދަށުގައެވެ.
ކޮލަމްބިއާގެ ރައިސް ވިދާޅުވީ އެ ގައުމުގެ ހުރިހާ ދިފާއި ބާރެއް (ޕޮލިހުންނާއި ސިފައިން) ގުޅިގެން ލުއިސް ޑިއަސްގެ ބައްޕަ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މިހާރު ކުޅެމުންދާ ލިވަޕޫލާއި ނޮޓިންގހަމް ފޮރެސްޓު މެޗަށް ލުއިސް ޑިއާސް ނަގާފައި ނުވެއެވެ. ލިވަޕޫލުގެ މުހިއްމު ކުޅުންތެރިޔާގެ ހާލަތާ ބެހޭގޮތުން ލިވަޕޫލް ކޯޗު ޖާގެން ކުލޮޕް ބުނީ ލުއިސް ޑިއަސް އާއި އާއިލާއަށް ދިމާވި ހިތާމައިގައި ކުލަބާއި ކުޅުންތެރިން ބައިވެރިވާ ކަމަށާއި މިވަގުތައް ކުލަބުން ދެވެން އޮތް އެހީތެރިކަމެއް ދެމުންދާނެ ކަމަށެވެ.
ކޮލަމްބިއާގެ ފުޓްބޯޅަ ފެޑެރޭޝަނުންވެސް ވަނީ އެކަމާ ގުޅިގެން ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައިވަނީ ކޮލަމްބިއާގެ ފުޓްބޯޅައާއިލާއިން މިހިތާމައިގައި ބައިވެރިވެ، މި ތިބީ ލުއިސް ޑިއާސްއާއި އެކުގައި ކަމަށާއި މި ކަމާ ގުޅުން ހުރި ހުރިހާ އިދާރާތަކުން މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ހައްލު ކޮށްދިނުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ.