ދެވަނަ ޑިވިޝަނުގެ ފުޓްބޯޅަ މުބާރާތުގައި މިއަދު ކުޅުނު މެޗު ޓެންޓު ސްޕޯޓްސް ކުލަބުން ކާމިޔާބު ކޮށްފިއެވެ. ކުރިން އެއްވަނަ ޑިވިޝަނުގައިވެސް ވާދަކުރި ބީޖީ ސްޕޯޓްސް ކުލަބާއި ވާދަކޮށް ޓެންޓު މޮޅުވީ 1-0 ންނެވެ.
ދެ ޓީމުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ މެޗުގައި ދެ ޓީމަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެން ދިޔައެވެ. ޓެންޓު ސްޕޯޓްސް ކުލަބުގެ ޑިފެންސާއި ކީޕާރު މޮޅު ކުޅުމެއް ދެއްކި އިރު ބީޖީންވެސް ވަނީ ޓެންޓުގެ އެޓޭކުތައް ހުއްޓުވުމުގައި މެޗުގައި 79 މިނިޓާއި ހަމައަށް ވަރަށް ފުރިހަމަ މަސައްކަތެއް ކޮށްފައެވެ.
މެޗުގެ ހަމައެކަނި ލަނޑު ކާމިޔާބު ކުރި، 79 ވަނަ މިނިޓުގައި ޓެންޓުގެ މުހައްމަދު އަހަދުﷲއެވެ. ގައުމީ ޓީމާއި ކުލަބުތަކުގައިވެސް މޮޅަށް ކުޅުނު ފޯވަޑު އަސަދުﷲ ގެ ކޮއްކޮ އަހަދުﷲ ގެ ގޯލު ކާމިޔާބު ކުރީ ޓެންޓަށް ލިބުނު ކޯނަރެއްގައި ބިޖީގެ ގޯލް އޭރިޔާ ތެރެއަށް ހުރަސްވި ބޯޅައެއް ގައެވެ. މި ހަމަލާގައި ޓެންޓުގެ ލަންކާ ކުޅުންތެރިޔާ މުހިއްމު ދަުރެއް އަދާކުރިއެވެ. މުޅި މެޗުގައިވެސް މޮޅަށް ކުޅުނު ޗަންމަ ވަނީ ޓެންޓުގެ ޑިފެންސުގައި ބީޖީގެ ފޯވަޑުން ހުއްޓުވުމުގައި ކާމިޔާބު ހޯދާފައެވެ.
މި މެޗުގައި ބީޖީއަށްވެސް ވަނީ ލީޑު ނަގަން ރަނުގެ ފުރުސަތެއް ލިބިފައެވެ. މި ގޮތުން ފުރަތަމަ ހާފުގައި ޓެންޓުގެ މިސްރު ކުޅުންތެރިޔާ އަހުމަދު ފައުލު ކުރިކަމަށް ބުނެ ދިން ޕެނެލްޓީ ހުށިޔާރުކަމާއެކު ޓެންޓު ކީޕަރު ޝިފާން ވަނީ މަތަކޮށްފައެވެ. މުޅި މެޗުގައިވެސް މުހިއްމު ސޭވްތަކެއް ކުރި ޝިފާންވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކާފައެވެ.
ބީޖީއަށް ލިބުނު ހިލޭ ޖެހުމެއް ހުރަސް އަޅައި މެޗު ލަސްކުރަން މަސައްކަތް ކުރި ކަމަށް ބަލައި ޓެންޓުގެ މިފްރާހަށް ވަނީ ދެވަނަ ރީނދޫ ކާޑަކާއެކު ރަތްކާޑެއް ދައްކާފައެވެ. ޓެންޓުން މެޗުގެ ފަހު 3 މިނިޓު ކުޅުނީ 10 ކުޅުންތެރިންނާ އެކުގައެވެ.
މި މެޗުގައި ދެ ޓީމުގެ ބެންޗުގައިވެސް ތިބީ އެއްވަނަ ޑިނިޝަނާއި ކުލަބުތަކުގައި ކުރިން މަސައްކަތްކޮށްފައި ތިބި ތަޖުރިބާކާރު ކޯޗުންނެވެ. ބީޖީގެ ކޯޗަކީ އަހުމަދު ނާހިދު (ނާދު)އެވެ. ޓެންޓު ގެ ކޯޗަކަށް ހުރީ މާޒިޔާގެ ކާމިޔާބު އެސިސްޓެންޓު ކޯޗު އަހުމަދު ސުޒޭރު (ކޮއްކޮ) އެވެ. ސުޒޭރަކީ ގަލޮޅު ދަނޑުގައި މި ފަހުން ފާހަގަވި އެންމެ ކާމިޔާބު ދިވެހި ކޯޗެވެ.