ތަފާތު ބޮޑުކޮަށް ދަ ގުރާންޑޭ ބަލިކޮށް، ޓެންޓު ސްޕޯޓްސް ކުލަބުން ކުއާޓަރ ފައިނަލުގެ އުއްމީދު ބޮޑުކޮށްފިއެވެ.
ގަލޮޅު ދަނޑުގައި މިހާރު ކުރިއަށްދާ ދެވަނަ ޑިވިޝަނުގެ ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗު ޓެންޓު ސްޕޯޓްސް ކުލަބު ކާމިޔާބު ކުރީ 5-1 ނެވެ. ކުރިން އެއްވަނަ ޑިވިޝަނުގައިވެސް ވާދަކުރި ދަ ގުރާންޑޭ މިއީ މި އަހަރުގެ ދެވަނަ ޑިވިޝަނުގައި ކުޅުނު ފުރަތަމަ މެޗެވެ. މުބާރާތުގައި ކުރިން ހަމަޖެހިފައިވާ ނިއުރޭޑިއަންޓު – ދަ ގުރާންޑޭ ގެ މެޗުވަނީ ވިއްސާރައިގެ ސަބަބުން ފަސްކޮށްފައެވެ.
މިއަދުގެ މެޗު ފެށުނީއްސުރެ ނިމެންދެން، މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް ދީފައިވަނީ ޓެންޓުންނެވެ. ފުރަތަމަ ހާފުގައި ޓެންޓުން ލީޑުނެގީ މި މެޗުގައި މޮޅު ކުޅުމެއް ދެއްކި އަހުމަދު ފިރާޝް (ފިއްޓޭ) އެވެ. ޓެންޓުގެ ކަނާތް ފަރާތުން ޑިފެންސަށް ކުޅޭ ފިއްޓޭ މި ލަނޑު ކާމިޔާބުކުރީ މެޗުގެ 11 ވަނަ މިނެޓުގައެވެ. ދަ ގުރާންޑޭ ހާފުގެ ތެރެއިން ބޭރުވާން ދިޔަ ބޯޅަ އަރިމަތިން ހުރަސް ކޮށްލުމުން ކީޕަރަށް ވެސް މާބޮޑު ކަމެއް ނުކުރެވުނެވެ.
މި ލަނޑަށް ފަހުވެސް ގިނަިއރު ބޯޅަ ގެންގުޅެ، މެޗު ކޮންޓްރޯލްކޮށްގެން ކުޅެމުންއައީ ޓެންޓު ސްޕޯޓްސް ކުލަބުންނެވެ. ޓެންޓުގެ ދެވަނަ ލަނޑު މެޗުގެ 27 ވަނަ މިނެޓުގައި ކާމިޔާބުކުރީ ލިބުނު ހިލޭ ޖެހުމެއް ގޯލު ކުރިމަތިން ހުރަސްކޮށްލުމުން ލަންކާ ޑިފެންޑަރު ޗަމީރާއެވެ.. ޓެންޓުގެ ކުރިއަށް ކުޅެމުންއައި ކުރީގެ އެއްވަނަ ފޯވްޑް ރިލްވާން (ރިލޭ) އަށް ކުރި ފައުލަކަށް ލިބުނު ހިލޭ ޖެހުން، މިސްރަށް އުފަން އަހުމަދު ފޮނުވާލި ބޯޅަ ޗަމީރާ ކާމިޔާބުކުރީ މެއިން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. މި ލަނޑަށް ފަހު ދަ ގުރާންޑޭ ގެ ޑިފެންޑަރުންނަށް ހެދުނު ގޯހަކުން ޓެންޓުގެ ފޯވްޑު އިހުސާނަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އިހުސާނު ގޯލަށް އަމާޒުކޮށް ފޮނުވާލި ހަމަލާ ދަ ގުރާންޑޭގެ ކީޕަރުވަނީ ހުޝިާޔާރުކަމާއެކު ދިފާއުކޮށްފައެވެ. މީގެ އިތުރުންވެސް ޓެންޓުގެ ބައެއް ހަމަލާތަކުގައި ދަ ގުރާންޑޭގެ ކީޕަރުވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ.
ފުރަތަމަ ހާފު ނިމުނީ 2-0 ގެ ނަތީޖާއިން ޓެންޓިު ކުރީގައި އޮވެއެވެ. މެޗުގެ ފަހު ހާފު ޓެންޓުން ފެށީ ކުރިއަށްވުރެ ވަރުގަދަކޮށެވެ. ނަތީޖާއަކަށްވީ 62 ވަނަ މިނެޓުގައި ޓެންޓުގެ 3 ވަނަ ލަނޑު ޒުވާން ކުޅުންތެރިޔާ ހަސަން ނިމާލު (ނީމޯ) ކާމިޔާބު ކުރުމެވެ. އަހުމަދު ފިރާޝް (ފިއްޓޭ) ގެ ބާރު ހަމަލާއެއް ދަ ގުރާންޑޭގެ ޑިފެންޑަރަށް ރަނގަޅަށް ދިފާއު ނުކުރެވުމުން އެ ބޯޅަ ނީމޯ ވަނީ ވަރަށް ހަމަޖެހިލާފައި ކީޕަރުގެ ބޯމަތިން ބޮލުން ގޯލުތެރެއަށް ފޮނުވާލާފައެވެ. މެޗުގެ 4 ވަނަ ލަނޑުވެސް ކާމިޔާބު ކުރީ މެދުތެރޭގައި މޮޅު ކުޅުމެއް ދެއްކި ނީމޯއެވެ. އޭރިއާ ތެރެއަށް ހުރަސްވި ބޯޅަ ހަމަޖެހިލާފައި ފޮނުވާލުމުން ގޯލަށް ވަނީ ކީޕާރުގެ ފައިގަވެސް ޖެހިފައެވެ. މި މެޗުގައި ދަ ގުރާންޑޭއިން ޖެހި ހަމައެކަނި ލަނޑު ކާމިޔަބުކުރީ މެޗުގެ 71 ވަނަ މިނިޓުގައި މުޝްރިފު މޫސާއެވެ.
މެޗު ނިމުމުގެ ކުރިން ޓެންޓުގެ 5 ވަނަ ލަނޑު، 81 ވަނަ މިނެޓުގައި ޖެހީ އާދަމް އާޒިމް (ކަނޯ) އެވެ. ޕެނެލްޓީ އޭރިއާ ތެރެއިން އިހުސާނަށް ގޯލަށް ފޮނުވާލަން ލިބުނު ޗާންސުގައި ކޮންޓްރޯލު ނުވެ، އަނެއްކާވެސް އެ ބޯޅަ ހޯދާފައި ޖައްސާލީ އޭރިއާ ބޭރުގައި ހުރި އާދަމް އާޒިމަށެވެ. އާދަމް އާޒިމް ވަނީ ގޯލުގެ ދުރުކަނަށް އަމާޒުކޮށް ހިތްގައިމު ލަމނޑެއް ކާމިޔާބުކޮށްދީ ފެއެވެ.
މި ނަތީޖާއާއި އެކު މި ގުރޫޕުން ކުއާޓަރ ފައިނަލަށް ދިއުމުގެ އެންމެ ބޮޑު ފުރުސަތެއް އޮތީ ޓެންޓު ސްޕޯޓްސް ކުލަބަށެވެ. ކުޅުނު 2 މެޗުންވެސް މޮޅުވެ ޓެންޓު ވަނީ 6 ޕޮއިންޓާއެކު ގުރޫޕު އެއްވަނަ ހޯދާފައެވެ. ޓެންޓަށް ބާކީ އޮތީ މިދިޔަ އަހަރު ދެވަނަ ޑިވިޝަނުގެ ރަނަރަޕް ޓީނޭޖާއި ފުޓުބޯޅައިގެ ގަދަބާރު ނިއުރޭޑިއަންޓާއި ދެކޮޅަށް ކުޅޭ މެޗެވެ.