އިނގިރޭސި ޕްރެމިއަރ ލީގުގައި ރޭގައި ކުޅުނު މެޗުތަކުން އިނގިރޭސި ގަދަ ދެ ބާރު މެންޗެސްޓަރ ލިވަރޕޫލު މޮޅުވެއްޖެއެވެ.
ރޭގެ މެޗުގައި ވެސްޓުހެމް ޔުނައިޓެޑާއި ދެކޮޅަށް ލިވަޕޫލްގެ ހަމައެކަނި ގޯލު ޖެހީ 22 ވަނަ މިނިޓްގައި ނޫނޭޒް އެވެ. މިއީ ކޮސްޓާސް ސިމިކާސް ނެގި ހުރަހަކުން ނޫނޭޒް ބޮލުން ޖެހި ގޯލެކެވެ. ނޫނޭޒް އިތުރު ގޯލެއް ޖަހަން ފޮނުވާލި އެއް ހަމަލާ ދަނޑިއަށް އަމާޒުވިއިރު، އަނެއް ޝޮޓް ވެސްޓް ހޭމް ކީޕަރު ލޫކަސް ފަބިއާންސްކީ ވަނީ މަތަކޮށްފަ އެވެ. ލިވަޕޫލްގެ މުހައްމަދު ސަލާހަށް ގޯލު ޖަހަން ލިބުނު ފުރުސަތުތަކުގައި ޖެހި ބޯޅަތައް ގޯލާ ސީދާނުވެ އެވެ.
ވެސްޓް ހޭމް އަށް އެއްވަރުކޮށްދޭން އެ ޓީމުގެ ޖެރޮޑް ބޮވެން ޖެހި ޕެނަލްޓީ ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ ވަނީ މަތަކޮށްފަ އެވެ. މިއީ ބޮވެން އަށް ލިވަޕޫލްގެ ޖޯ ގޯމޭޒް ކުރި ފައުލަކަށް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައިފައި ދިން ޕެނަލްޓީ އެކެވެ.
ޔުނައިޓެޑުން ރޭ ޓޮޓެންހަމް ކޮޅަށް ދެ ގޯލު ވެސް ޖެހީ ދެ ވަނަ ހާފުގަ އެވެ. ފުރަތަމަ ހާފުގައި ޔުނައިޓެޑްގެ ފްރެޑް އާއި މާކަސް ރެޝްފޯޑް ފޮނުވާލި ހަމަލާތައް ޓޮޓެންހަމްގެ ކީޕަރު ހޫގޯ ލޮރީސް މަތަކުރި އެވެ. އެކަމަކު، ދެ ވަނަ ހާފު ފެށިގެން ކުޑައިރުކޮޅެއްގެ ތެރޭގައި ޔުނައިޓެޑުން ލީޑުނެގީ ފްރެޑް ޖެހި ގޯލަކުންނެވެ. އޭރިއާބޭރުން ފްރެޑް ޖެހި ބޯޅަ ގޯލަށް ވަނީ ޓޮޓެންހަމްގެ ކުޅުންތެރިއަކު ފައިގައި ޖެހިފަ އެވެ.
ޓޮޓެންހަމް އިން ނަތީޖާ ހަމަހަމަކުރަން ކުރިއަށް އަރައި ތިބި ވަގުތެއްގައި ޔުނައިޓެޑުން ކުރި އަވަސް އެޓޭކެއްގައި އެ ޓީމުގެ ދެ ވަނަ ގޯލު ޖެހީ ބްރޫނޯ ފެނާންޑޭސް އެވެ. ފެނާންޑޭސް އޭރިއާތެރެއިން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ކަނަށެވެ.
މިދިޔަ ސީޒަނުގައި ޔުނައިޓެޑުން ޓޮޓެންހަމް ބަލިކުރީ ކްރިސްޓިއާނޯ ރޮނާލްޑޯގެ ހެޓްރިކުންނެވެ. ރޭގެ މެޗުގައި ރޮނާލްޑޯ އިނީ ބެންޗުގަ އެވެ. އަދި މެޗުގެ 89 ވަނަ މިނިޓްގައި ޔުނައިޓެޑުން ކްރިސްޓިއަން އެރިކްސަން އާއި އެންތަނީ އެލަންގާ ކުޅެން އެރުވި ވަގުތު، ރޮނާލްޑޯ ވަނީ ދަނޑުން ގޮސްފަ އެވެ. މެޗަށް ފަހު، ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ބުނީ މެޗު ނުނިމެނިސް ދިޔަ ސަބަބު އޮޅުންފިލުވަން ރޮނާލްޑޯއާ ވާހަކަ ދައްކާނެ ކަމަށެވެ.
ރޭގެ މެޗުގައި ގިނަ ފުރުސަތުތަކެއް ނަގާލި އަދި މިހާތަނަށް ވަރަށް ދަށް ކުޅުމެއް ދައްކަމުން އަންނަ ފޯވަޑް މާކަސް ރަޝްފޯޑު ފުރަތަމަ އެގާރައިގަ ފުލްކޮށް ކުޅުވާތީ ގިނަ ބައެއްގެ ފާޑުކިޔުން ކޯޗަށްވަނީ އަމާޒުވެފައެވެ. ޓީމު ނަގާގޮތާ ބެހޭ ގޮތުން ޓެންހާގަށް މީގެ ކުރިންވެސ ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.




