މަސްތުވާތަކެތީގެ މައްސަލައެއްގައި ރ.ދުވާފަރުން މީހަކު ހައްޔަރު ކޮށްފިއެވެ.
ޕޮލިހުން މައުލޫމާތުދޭ ގޮތުގައި އޭނާ ހައްޔަރުކުރީ ރ. ދުވާފަރު ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައެވެ.
މި ޖުލައި މަހުގެ 26 ވަނަ ދުވަހު ދުވާފަރުގައި ހިންގި އެ އޮޕަރޭޝަނުގައި، އޭނާ ހުއްޓުވައި ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަަމަށް ބެލެވޭ އެއްޗެއްހުރި 30 ރަބަރު ޕެކެޓާއި ސެލޯފިންކޮޅެއް ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ދުވާފަރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 30 އަހަރުގެ ފިރިހެނެކެވެ.
މި މައްސަލަ ދުވާފަރު ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.