ވެރިކަން ކުރާ ޕާޓީ، ޕީޕަލްސް ނެޝަނަލަ ކޮންގްރެސް (ޕީއެންސީ)ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި ޝިފާގު މުފީދު (ހިސްޓޯ) އެ މަގާމުންނާއި ޕާޓީން ވަކިވެއްޖެއެވެ.
އެ ޕާޓީން ވަކިވި ސަބަބު ބަޔާންކޮށް ޕީއެންސީގެ ރައީސް ޑރ.މުހައްމަދު މުއިއްޒަށް އެޑްރެސް ކުރައްވާ ފޮނުވި ސިޓީގައި ބުނެފައިވަނީ ”މަނިކުފާނާއި އަޅުގަނޑު ނިސްބަތްވާ ޕާޓީ ހިންގަމުންދަނީ ’ހައްދުންމަތިން‘ އަންނަ މީހަކު ޕާޓީ އޮފީސް ތެރެއިން އަޑަފި ހިއްޕަވައިގެން ނުކުންނަވައި، ޕްރޮގްރެސިވް ކޮންގްރެސް ގެ އެހެން މެމްބަރުންގެ މޫނަށް ހައްޕުނޑު ބުރުވުމުގެ ނޭއްގާނީ އުސޫލު ކަމަށްވެ، މި ފަދަ ހާލަތެއްގައި މެމްބަރުންގެ މޫނުމަތި މާލިސް ކޮށްގެންވެސް އެ މެމްބަރުންގެ މާޔޫސްކަން ފިލުވައި ދިވެހރާއްޖޭގެ ދިވެހިން އެދޭ މަގަށް ގެންދެވޭނެ ކަމަށް ގަބޫލު ނުކުރެވޭތީ މި ހިސާބުން ފެށިގެން ޕީޕަލްސް ނެޝެނަލް ކޮންގްރެސްގެ ސެކެޓްރީ ޖެނެރަލް ކަމުގެ މަގާމާއި ޕާޓީގެ މެމްބަރުކަމުގެ މަގާމުން އަޅުގަނޑު އިސްތިއުފާ ދީފީމެވެ.“
ޝިފާގު މުފީދު (ހިސްޓޯ) ގެ ސިޓީގައި ޕާޓީގެ ރައީސް އަދި މިހާރުގެ ރައީސުލް ޖުމްހޫރިއްޔާއަށް އެޑްރެސްކޮށް ޝަކުވާކޮށްފައިވަނީ ޕާޓީގެ ޗެއަރމަން އަދި ރައީސް ގެ ހާއްސަ މުޝީރު އަބްދުއްރަހީމު އަބްދުﷲ އާއި ބެހޭގޮތުންނެވެ. މިގޮތުން ވެރިކަން ލިބުނު ފަހުން ޕީއެންސީގެ ބައެއް މެމްބަރުންގެ މަޝްވަރާ ނުހޯދުމާއި ވަޒީފާތަކަށް މީހުން އައްޔަން ކުރުމުގައިވެސް ކުރިން ޕާޓީއަށް ހިދުމަތްކުރި މެމްބަރުންނަށް އިސްކަން ނުދޭ މައްސަަލަވެސް ވަނީ ފެންތަމިވެފައެވެ.
ޕީއެންސީން ވަކިވެ ހިސްޓޯ ވަނީ ރައީސް ޔާމީން އުފައްދަވާ ޕީއެންއެފްއާއި ގުޅިފައެވެ. ހިސްޓޯ ގެ އިތުރުން ޕީޕީއެމް އަދި ޕީއެންސީގެ ބައެއް ކަންތައްތަކާ ހިތްހަމަ ނުޖެހި ބައެއް މެމްބަރުން އެ ދެ ޕާޓީ (ކޯލިޝަނުން) ވަކިވެ، ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމު ގެ ޕީއެންއެފްއާއި އަންނަނީ ގުޅެމުންނެވެ.