ފހުޅުމާލޭގައި ތަރައްގީ ކުރަމުން އަންނަ ކޭ-ޕާކް ފްލެޓުތައް މަކަރާއި ހީލަތުން ވިއްކި މައްސަލައިގައި ތުހުމަތުވާ އެ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) މައްޗަށް 225 ދައުވާއެއް ކުރުމަށް ނިންމާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ ވަކި ވަކި މީހުންގެ މައްސަލަތަކުގައި މަންޑޭގެ މައްޗަށް 225 ދައުވާއެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި އަންނަ ހަފުތާގެ ކުރީކޮޅުގައި ދައުވާކުރަން ކުރިމިނަލް ކޯޓަށް ހުށަހަޅާނެ ކަމަށް ވިދާޅުވިއެވެ.
ޝަމީމް ވިދާޅުވީ މަންޑޭގެ މައްޗަށް މަނީލޯންޑްރިންގެ މައްސަލައެއްވެސް ތަހުގީގު ކުރަމުންދާ ކަމަށެވެ. އެގޮތުން އަގުބޮޑެތި މުދާ ގަނެފައިވާ މައްސަލަ އާއި އޭނާ ގަނެފައިވާ ޕެންޓްހައުސްއެއް ގަނެފައިވާ މައްސަލައިގައި މަނީލޯންޑްރިންގެ ދަށުން މައްސަލަ ބަލަމުންދާ ކަމަށެވެ. މީގެ އިތުރުން ސައްހަ ނޫން މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާ އާއި ޓެކުމުގެ ކުށުގެ ދައުވާ އާއި މަނީލޯންޑްރިން ކުރުމުގެ ކުށުގެ ދައުވާ ކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެފްޑަބްލިއު ކޮންސްޓްރަކްޝަނުން ތަރައްގީ ކުރި ރެހެންދި އެޕާޓްމަންޓު ތަކުން މަންޑޭ ގަނެފައިވާ އަގުބޮޑު ޕެންޓުހައުސް މިހާރުވަނީ އެއް އަހަރު ދުވަހަށް ޕުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. އެ އެޕާޓްމަންޓަކީވެސް މަނީ ލޯންޑްރީގެ މުއާމަލާތުގެ ތެރެއިން ގަނެފައިވާ ތަނެއް ކަމަށް ބެލެވޭ ކަމަށް ޝަމީމު ވިދާޅުވިއެވެ.
މަންޑޭ އެޕާޓްމަންޓު ބަލާ ފާސްކުރިއިރު އަގުބޮޑު ގަހަނާ އަދި އެންމެ އަގު ބޮޑު ބުރޭންޑުތަކުގެ ކޮސްމެޓިކްސްވެސް ވަނީ ފެނިފައެވެ. އެ ސާމާނުގެ އަގުމަގު ކުރާއިރު ދައުލަތުގެ އިދާރާއެއްގެ 1 އަހަރުގެ ބަޖެޓާއި އެއްވަރުވެއެވެ.