އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ މިނިސްޓަރު ޑރ.އައިޝަތު ރަމީލާ ކެންސަރު ބައްޔަށް ފަރުވާ ހޯއްދެވުމަށް ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން ނިންމަވައިފިއެވެ.
މިނިސްޓަރު ރަމީލާ މިއަދު ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާއަށް ކެންސަރު ބަލި ޖެހިފައިވާ ކަމަށާއި މިހާރު ހުރީ އެޑްވާންސް ސްޓޭޖުގައި ކަމަށެވެ. އެހެންވެ ހައިޕަތާމިކް އިންޓްޕެރިޓޮނިއަލް ކިމޯތެރަޕީ އަދި ރޭޑިއޭޝަން ނެގުމަށް ރާއްޖެއިން ބޭރަށް މިއަދު ފުރާ ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށެވެ.
”ވަރަށް ބަރު ހިތަކާ އެކު މި ވަގުތަށް އެންމެންނާ މި ވަކިވަނީ. ﷲގެ އިރާދަފުޅާ އެކު އަލުން ބައްދަލުވާނެ، އަޅުގަނޑަށް ހެޔޮދުއާ ކޮށްދިނުން އެދެން،“ މިނިސްޓަރު ރަމީލާ ވިދާޅުވިއެވެ.
ކުރިން ނަރުސްކަމުގެ އިތުރުން އެވިޑު ކޮލެޖު ގެ ޑިން ކަމުގެ މަގާމު އަދާކުރެއްވި ޑރ.ރަމީލާއަށް މިނިސްޓަރުގެ މަގާމު ދެއްވާފައިވަނީ މިމަހު 17 ގައެވެ.




