ރައްޔިތުންގެ މަޖުލީހުގެ ރައީސް މުހައްމަދު ނަޝީދު ވަކި ކުރުމުގެ ޖަލްސާއަށް ނައިބްރައީސް އީވާ ހާޟިރުނުވާތީ އެހެން މެމްބަރަކު ރިޔާސަތާއި ހަވާލު ނުކުރެވޭނެ ކަމަށާއި، އިތުރަށް އެއްބާރުލުން ދޭން ޖެހޭ ކަމެއް ނެތް ކަމަށް މަޖުލީހުގެ އަމީން އާއްމު ފާތުމަތު ނިއުޝާ ބުނެފިއެވެ.
މިއަދުގެ ރައްޔިތުންގެ މަޖުލީހުގެ ޖަލްސާ ނިންމާލަމުން ނިއުޝާ އިއްވި ބަޔާނަށް އެމްޑީޕީ މެމްބަރުން ދެކޮޅު ހެދުމުންވެސް އިތުރު ފުރުސަތެއްނުދީ މަޖުލިސް ނިންމާލިކަން ވަނީ އިއުލާންކޮށްފައެވެ. ރައްޔިތުންގެ މަޖުލީހުގެ ބައެއް މުއައްޒަފުން މައުލޫމާތުދޭ ގޮތުގައި މި މައްސަލާގައި ނިއުޝާ ހުރީ ދޫދޭގޮތަކަށް ނޫން ކަމަށާއި ކޮންމެ ގޮތަކުންވެސް ނަޝީދު ދިފާއުކުރަން ތައްޔާރަށް ކަމަށެވެ. ނަޝީދަށްޓަކައި އަމީންއާއްމު މި ވަރުގެ ގުރުބާނީއެއްވާ ސަބަބެއް ބުނެދޭން މަޖުލީހުގެ މުއައްޒަފުން ބޭނުން ނުވެއެވެ.
ރައްޔިތުންގެ މަޖުލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީގެ ޕާލިމެންުޓު ގުރޫޕުންވެސް ވަނީ އަމީންއާއްމު އެއްބާރުލުން ނުދޭ ކަމަށް ތުހުމަތުކޮށްފައެވެ. ރައީސާއި ނައިބްރައިސް ގަސްތުގައި މަޖުލީހަށް ހާޟިރު ނުވެގެން މަޖުލިސް ހުއްޓާލާ އާއްމު ރައްޔިޔުންނާ ގުޅުން ހުރި އެތައް ބިލެއްގެ މައްސަލަ މަޖުލީހުގެ ތަޅުމަށް ނުފޮނުވާއިރުވެސް އަމީންއާއްމު އިސްކުރަނީ ނަޝީދުގެ އަމިއްލަ މަސްލަހަތު ކަމަށްވެސް ބައެއް މެމްބަރުން ތުހުމަތު ކުރެއެވެ.
މި މައްސަލާގައި ރައްޔިތުންގެ މަޖުލީހުގެ އަމީން އާއްމު ފާތުމަތު ނިއުޝާއަށް އާއްމުންނާއި ސިޔާސީ ބައެއް ފަރާތްތަކުން ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. މިއީ ރައްޔިތުންގެ މަޖުލީހުގެ ތާރިހުގަވެސް އަމީންއާއްމަކަށް ހުންނެވި ބޭފުޅަކު ސިޔާސީ ޕާޓީއެއްގެ ވެރިއަކު ދިފާއުކުރަން ފާޅުގައި ނިކުތް ފުރަތަމަ ފަހަރު ކަމަށެވެ. އަމީންއާއްމުގެ ސަރުތުތަކުގެ ތެރޭގައި އެއްވެސް ޕާޓީއެއްގެ މެމްބަރަކު ކަމުގައި ނުވުން ހިމަނާފައި އޮތަސް ނިއުޝާ މިހާތަނަށް މަސައްކަތް ކުރަމުން އަންނަނީ ނަޝީދުގެ ޕާޓީ ދަ ޑިމޮކްރެޓްސްއާއި އެކު ކަމަށްވެސް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ.
thanehga huri beethaa akah e maqaam dheeneema vaane ethi thivanee.