ޗާގޯސް މައްސަލާގައި އިޓްލޮސްގެ ހުކުމުގެ ސަބަބުން، ދެކުނުގެ މަސްވެރިންނަށް ނޭދެވޭ އަސަރެއް ނުކުރާނެ ކަމަށް، މިނިސްޓަރ އޮފް ފިޝަރީސް، މެރިން ރިސޯސާސް އެންޑް އެގްރިކަލްޗާ، ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.
ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއެރި ސަރަހައްދާ މެދު ގޮތެއް ނިންމުމުގެ މައްސަލާގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ކުރި ހުކުމާއި ގުޅޭ ގޮތުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން، ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ހުންނެވި މިނިސްޓަރ ވިދާޅުވީ، އެ ސަރަހައްދުގައި، ގާއިމްކޮށްފައި އޮތް ކޮންޒަވޭޝަން ޒޯން އެގޮތަށް ދަމަހައްޓާނެ ކަން މޮރިޝަސްއިން ފާހަގަކޮށްފައިވާ ކަމަށެވެ.
އެގޮތަށް ދެމެހެއްޓުމަކީ މުހިންމު ކަމަށާއި، މޮރިޝަސްއިން ކޮންޒަވޭޝަން ޒޯން އެގޮތަށް ދަމަހައްޓާނަމަ، އެއީ ރާއްޖެއަށް ފައިދާހުރި ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އެޓްލޮސްއިން އެ މައްސަލައިގައި ކުރި ހުކުމުގެ ސަބަބުން ނޭދެވޭ އަސަރެއް ރާއްޖޭގެ ދެކުނުގެ މަސްވެރިކަމަށް ނުކުރާނެ ކަން ފާހަގަކުރައްވާ، އެ ސަރަހައްދުގައި ދާޖަހައިގެން މަސްވެރިކަން ކުރަން ލައިސެންސެއް ދިނުމަށް މޮރިޝަސް އިން މަސައްކަތް ކުރާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މީގެއިތުރުން، މިނިސްޓަރ ވިދާޅުވީ، އިންޑިއާ ކަނޑުގެ ކޮންމެ ތަނެއްގަވެސް ދާޖަހައިގެން މަސް ބޮޑުވުމުގެ ކުރިން، މަސްބާނާނަމަ އޭގެ ނޭދެވޭ އަސަރު ރާއްޖެއަށް ކުރާނެ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ، އިޓްލޮސްގެ ނިންމުމާއިއެކު، ރާއްޖޭގެ ދެކުނުގެ އިގްތިސޯދީ ސަރަހައްދުގެ ތެރެއަށް އެއްވެސް ބަޔަކު ވަދެ ދާއެޅާނަމަ، ނުވަތަ ގާނޫނު ހުއްދަ ނުކުރާ ކަމެއް ކުރަނަމަ އެކަން ހުއްޓުވޭނެ ކަމަށާއި، އެގޮތުން ބަލާއިރުވެސް އެ ނިންމުމަކީ މަސްވެރިކަމަށް ލިބުނު ކުރިއެރުމަކަށްވާނެ ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ރާއްޖެއިން ބައެއް ގެއްލުނީ ކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކާ ވާހަކަ ދިފާއު ކުރަމުން ރޭ ބޭއްވި ނިއުސް ކޮންފަރެންސުގައި ސަރުކާރުން ބުނަމުން އަންނަނީ ރާއްޖެއިން ބައެއް ނުގެއްލޭ ކަމަށާއި ބައެއް އިތުރަށް ލިބުނީ ކަމަށެވެ. އެއްވެސް އިރެއްގައި ޗާގޯސް އަކީ ރާއްޖޭގެ ބައެއް ކަމަށް ނުވާއިރުވެސް އަދި އެއްވެސް ވެރިކަމެއްގައި އެކަމާ ދެކޮޅަށް ދައުވާކޮށް ބަޔާނެއް ނެރެފައިނުވާ އިރު މި ސަރުކާރުން ކުރި ހަމައެކަނި ކަމަކީ ޗާގޯސް މޮރިޝަސް ގެ ތަނެއް ކަމައް ނިންމާފައިވާތީ އެކަމާ ބެހޭ ގޮތުން ދެ ގައުމުގެ އިން ވަކި ކުރުމުގެ މައްސަލައެވެ. އެެ މައްސަލަ ވަނީ ރާއްޖެއިން އެދުނު ގޮތަށް ކާމިޔާބުކޮށްފައެވެ.