ފޭދޫ ފިނޮޅު ކައިރިން ދަތުރުކުރަމުން ދިޔަ ދެ ލޯންޗެއް ޖެހި މިއަދު ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި މީހާ މަރުވެއްޖެއެވެ.
މިކަމާ ގުޅުގެން ފުލުހުން ބުނީ ފޭދޫ ފިނޮޅު ކައިރިން ދެ ލޯންޗު ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް މިއަދު 4:42 ހާއިރު ފުލުހުންނަށް ރިޕޯޓު ލިބިފައިވާ ކަމަށެވެ. އަދި, އެކްސިޑެންޓުގައި 53 އަހަރުގެ މީހަކަށް އަނިޔާވެގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައިވާ ކަމަށެވެ.
މުރާސިލަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓުގައި މަރުވީ ސާސް ކޮންސްޓްރަކްޝަންގެ ވެރިޔާ ސައުދުالله އަހުމަދު (ސައުދު) އެވެ. އެވަގުތު ލޯންޗުގައި ތިބީ އޭނާގެ އިތުރުން ދެ ކްރޫ މެމްބަރުންނެވެ. ލޯންޗު ދަތުރު ކުރަމުންދިޔައީ ގުޅީފަޅުން ހުޅުމާލެއަށެވެ.
ސައުދު އަކީ ގިނަ ރަށެއްގައި ފެނާ ނަރުދަނާގެ މަސައްކަތް ކުރަމުންދާ ސާސް ކޮންސްޓްރަކްޝަން ގެ ވެރިޔާއެވެ. މީގެ އިތުރުންވެސް ތަފާތު އެކި ވިޔަފާރިތަކުގައި އުޅުއްވައި، އެ ދާއިރާގެ މީހުންގެ މެދުގައި މަގުބޫލު ބޭފުޅެކެވެ.
ފޮޓޯތަކުން އެނގޭ ގޮތުގައި ބާރަށް ދުއްވާފައި އައި ލޯންޗު އަރާފައި ވަނީ ފަހަތު ސީޓާ ދިމާލުން ސާސް ކޮންސްޓްރަކްޝަން ލޯންޗުގެ ވާތް ފަޅިންނެވެ.




