ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ކެބިނެޓަށް، ރައްޔިތުންގެ މަޖުލީހުގެ ރުހުން ހޯދުމަށް ފޮނުވި ވަޒީރުންގެ ތެރެއިން 3 ބޭފުޅަކަށް ރުހުން ނުދޭން ފާސްކޮށްފިއެވެ. މި ގޮތުން ރައްޔިތުންގެ މަޖުލީހުން ރުހުން ދޭން ނުފެންނަ ކަމަށް ނިންމީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދާއި، ގެދޮރުވެރިކަމާއި، ބިމާއި ޢުމްރާނީ ތަރައްޤީއާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ ހައިދަރު ޢަލީގެ އިތުރުން ބަންޑާރަ ނާއިބު އަހުމަދު އުޝާމް އެވެ.
ރައްޔިތުންގެ މަޖުލީހުގެ މިއަދުގެ އަށް ކެބިނެޓަށް ރުހުން ދިނުމުގެ މައްސަލާގައި އިދިކޮޅު މައި ޕާޓީ އަދި މަޖިލީހުގެ މެޖޯރިޓީ ޕާޓީ، އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ވަނީ ޑރ. ޝަހީމް، އުޝާމް، ޑރ. ހައިދަރު އަދި އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދަށް ވެސް ރުހުން ނުދިނުމަށް ވިޕްލައިން ނެރެފައެވެ. ނަމަވެސް ހަނިގޮތަކަށް އިކޮނޮމިކް މިނިސްޓަރު ސައީދަށް ވަނީ ރުހުން ލިބިފައެވެ. ސައީދަށް ލިބިވަޑައިގަތީ 37 ވޯޓެވެ.
-ބަންޑާރަ ނާއިބު އުޝާމް އަށް ރުހުން ދޭން 24 މެންބަރުން، ރުހުންދޭން ނުފެންނަ ކަމަށް 44 މެންބަރުން ވޯޓުލާފައިވެއެވެ.
- އިސްލާމިކް މިނިސްޓަރު ޝަހީމް އަށް ރުހުން ދިނުމަށް 30 މެންބަރުން، ރުހުން ނުދޭން 31 މެމްބަރުން
-ހައުސިން މިނިސްޓަރު ޑރ. ހައިދަރަށް ރުހުން ނުދޭން 46 މެންބަރުން ވޯޓު ދީފައި ވާއިރު އޭނާ އަށް ރުހުން ދިނީ 24 މެންބަރުންނެވެ.