ސަރުކާރުގެ ކުންފުނިތަކުގެ ވެރިންނަށް ބޭފުޅުން އައްޔަން ކުރައްވައިފިއެވެ.
މިގޮތުން އެމްޑަބްލިއު އެސްސީގެ މެނޭޖިންގ ޑިރެކްޓަރަކަށް ހަމަޖައްސާފައިވަނީ ރ.ހުޅުދުއްފާރު، ނާރެސް، އަބްދުލް މަތީނެވެ. މަތީން މީގެ ކުރިން އަދާކުރެއްވި ވަޒީފާތަކުގެ ތެރޭގައި ސްޓެލްކޯގެ އިންޖިނިއަރ ކަމާއި، ނޯދަން ޔުޓިލިޓީސްގެ މެނޭޖިންގ ޑިރެކްޓަރ ކަމާއި، ރައީސް ޔާމީނުގެ ވެރިކަމުގައި އެންވަރުމެންޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓާރުކަމުގެ މަގާމުވެސް އަދާކުރެއްވިއެވެ.
ސަރުކާރުގެ އެންމެ ބޮޑެތި ޕްރޮޖެކުޓުތައް ހިންގާ ކުންފުނި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރަކަށް ހަމަޖައްސާފައިިވަނީ ހ.ލައިނޫފަރުގެ އަބްދުﷲ ޒިޔާދެވެ.
ސަރުކާރުގެ ކަރަންޓުގެ ހިދުމަތްދޭ ކުންފުނި ސްޓެލްކޯގެ މެނޭޖިންފ ޑިރެކްޓަރަކަށް އައްޔަން ކޮށްފައިވަނީ އެ ކުންފުނީގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވަމުން ދެންދަވާ މ.ފަތަހަ، ހުސެއިން ފަހުމީއެވެ.
ފަހުމީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމު ލިބުމުގެ ކުރިން ހުންނެވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރުގެ މަގާމުގައެވެ. 1998 ވަނަ އަހަރު ސްޓެލްކޯ ގެ ފުރަތަމަ ވަޒީފާއެއްގެ ގޮތުގައި ފަހުމީ އަދާކުރެއްވީ އެކައުންޓް އެސިސްޓެންޓް ޓްރެއިނީ ގެ މަގާމެވެ. އޭގެ ފަހުން އޭނާ އިނގިރޭސި ވިލާތުން ކިޔަވާ ވަޑައިގެން އެ ކުންފުނީގެ އެކައުންޓިން ޑިޕާޓްމެންޓްގެ ގިނަ ވަޒީފާތަކެއް އަދާކުރެއްވި އެވެ.