ރައީސް ޑރ.މުހައްމަދު މުއިއްޒު ގެ ސަރުކާރުގެ ކެބިނެޓަށް އައްޔަން ކުރެއްވި ބައެއް މިނިސްޓަރުން އެހެން ގައުމުތަކުިގެ ޕާސްޕޯޓު ގެންގުޅުއްވީ ކަމަށާއި ނަމަވެސް މިހާރު އެ ޕާސްޕޯޓު ދޫކޮށްލާފައިވާ ކަމަށް ބުނެފިއެވެ. ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ ވަޒީރު ކަމުގެ މަގާމަށް އައްޔަން ކުރެއްވި އިރު އެކަންތައް ބެއްލެވި ކަމަށާއި އެގޮތަށް ބޭރު ގައުމެއްގެ ޕާސްޕޯޓު ގެންގުޅުއްވި މިނިސްޓަރުން ވަޒީރުކަން ލިބުމުން އެ ޕާސްޓު މިހާރު ވަނީ ދޫކޮށްލާފައެވެ.
މިނިސްޓަރުންނަށް ރުހުން ދިނުމުގެ މައްސަލާގައި ރައްޔިތުންގެ، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓިން ވަޒީރުންގެ މައުލޫމާތު ސާފު ކުރުމުގެ ގޮތުން މިނިސްޓަރުން އެހެން ގައުމުތަކުގެ ޕާސްޕޯޓު ގެންގުޅުއްވާތޯ ބެލުމަށް އިމިގްރޭޝަނަށް ސުވާލު ކުރުމުން އެ ފަރާތުން ބުނެފައިވަނީ އެއީ އެ ބޭފުޅުންނަށް ދެވޭނެ މައުލޫމާތެއް ނޫން ކަމަށެވެ. އެހެން ކަމުން ރައީސް އޮފީހަށް ފޮނުވައިގެން އެ ބޭފުޅުންގެ މައުލޫމާތު ސާފު ކުރުމަށް ކޮމެޓީން ވަނީ ފާސްކޮށްފައެވެ.
އެހެން ގައުމެއްގެ ރައްވެހިކަން އޮންނަ ފަރާތަކަށް ދައުލަތުގެ ވަޒީރެއްގެ މަގާމަށް އައުމަށް ރާއްޖޭގެ ގާނޫނު ތަނެއް ނުދެއެވެ.
މުރާސިލަށް އެނގިފައިވާ ގޮތުގައި ހައުސިން މިނިސްޓަރު ޑރ.ހައިދަރު ދެ ޕާސްޕޯޓު ގެންގުޅުއްވިއެވެ. އެއީ އިނގިރޭސި ވިލާތުގެ ޕާސްޕޯޓާއި ރާއްޖޭގެ ޕާސްޕޯޓެވެ. މީގެ އިތުރުން ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ ޑރ.މާރިއާ އަކީ ނިއުޒިލެންޑުގެ ރައްވެހިކަން އޮންނަ ބޭފުޅެކެވެ. ނަމަވެސް މި ބޭފުޅުން ވަޒީރުންގެ މަގާމަށް އައްޔަން ކުރެއްވުމުން އެ ގައުމުތަކުގެ ޕާސްޕޯޓާއި ރައްވެހިކަންވަނީ ދޫކޮށްލާފައެވެ.