ފަލަސްތީނާއި ހިޒްބުﷲ މުޖާހިދުންގެ ހަމަލާތައް ވަރުގަދަ ވުމުން އިޒްރޭލުގެ 125000 މީހުން ގެދޮރުން ނެރެ، ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފިއެވެ. އިޒްރޭލުގެ ނެޝަނަލް އިމަޖެންސީގެ ވެރިޔާ މޭޖަރ ޖެނެރަލް ޔޯރަމް ލަރޭޑޯ، ޖެރޫސަލަމް ޕޯސްޓަށް ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ އެމީހުން މިއަހަރު ނިޔަލަށް ތިބޭނީ ޓުއަރިސްޓު ހޮޓާތަކުގައި ކަމަށެވެ.
އިޒްރޭލުގެ ރައްޔިތުންގެ ތެރެއިން ލައްކައަކަށްވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލުވާން އެންގީ މިމަހުގެ 7 ވަނަ ދުވަހުން ފެށިގެންނެވެ. މި އަމުރު އިމެޖެންސީ ސަރވިސްއަށް ދީފައިވަނި ސީދާ އިޒްރޭލުގެ މިލިޓަރީ ގެ އޯޑަރަކަށެވެ. ހަމާސް އާއި ހިޒްބުﷲ އިންވެސް ބުނެފައިވަނީ ފަލަސްތީނުގެ ރައްޔިތުންނަށް ރައްކާތެރިކަމެއް ނެތް ނަމަ އިޒްރޭލުގެ ރައްޔިތުންނަށްވެސް ރައްކާތެރިކަމެއް ނޯންނާނެ ކަމަށެވެ.
އިޒްރޭލުގެ ޓެރަރިސްޓު އުދުވާނީ ހަމަލާތަކުގައި ފަލަސްތީނުގެ އެތައްހާސް ބައެއް ޝަހީދުވެ އަދި އެތައް ލައްކަ މީހުންވަނީ ގެދޮރު ދޫކޮށް ގަޒާގެ އެކި ހިސާބުތަކަށް ބަދަލުވެފައެވެ. މީގެ ތެރޭގައި ގިނަ މީހުންނަކީ އިޒްރޭލުން ބޮން އަޅާ އެމީހުންގެ ގެދޮރު ބިމާ ހަމަކޮށްލުމުގެ ސަބަބުން މަގުމަތިވެފައިވާ މީހުންނެވެ.




