ވިޔަފާރިވެރިޔާ ސަންސިޔާމުގެ އެމްޑިއޭ އިން، އެޕާޓީގެ ބައެއް ކައުންސިލު މެމްބަރުންނާއި އާއްމު މެމްބަރުންތަކެއް ޕާޓީން ވަކިވެ ރައީސް ސޯލިހަށް ތާއިދުކުރަން ނިންމައިފިއެވެ. ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކޯލިޝަން ހެދި ޕާޓިން ކުއްލި ގޮތަކަށް އެ ކޯލިޝަނުން ވަކިވާން ނިންމުމުން އާއްމު މެމްބަރުންގެ ނުުރުހުން އަމާޒު ވުމުން ޕާޓީން އިސްތިއުފާދިން މެމްބަރުންގެ ތެރޭގައި އެ ޕާޓީގެ ކައުންސިލު މެމްބަރު އަދި އަންހެނުންގެ ކައުންސިލު ޗެއަރޕަސަން ދުމައިނާ އިރުޝާދާއި، ކައުންސިލު މެމްބަރު އަދި ސޯސަލްޕްރޮޓެކްޝަން ކައުންސިލުގެ ޗެއަރމަން ޝުއައިބު އަލީ (ފުރަހަނި ޝުއައިބު) ވެސް ހިމެނެއެވެ. މީގެ އިތުރުން ބައެއް ރަށްރަށުގެ އާއްމު މެމްބަރުންވެސް ވަނީ ޕާޓީން ވަކިވި ކަމަށް ބުނެ އިސްތިއުފާގެ ސިޓީ ސޯސަލްމީޑިއާގައި ހިއްސާކޮށްފައެވެ.
އެމްޑީއޭގެ ކައުންސިލު މެމްބަރު ފުރަހަނި ޝުއައިބުގެ އިސްތިއުފާއަށް ފަހު ވިދާޅުވެފައިވަނީ އިންތިހާބުގެ ދެވަނަބުރަށް 72 ގަޑިއިރަށް ވެފައިވަނިކޮށް އެމްޑީއޭއިން ކޯލިޝަނުން ވަކިވާން ނިންމުމުން އެކަން ކުށްވެރިކޮށް އެ ޕާޓީން އިސްތިއުފާ ދީފައިވާ ކަމަށެވެ. ޝުއައިބު އިތުރަށް ވިދާޅުވެފައިވަނީ އެ ބޭފުޅާއަކީ ފިނޑިއެއް ނޫން ކަމަށާއި މެޗުގެ ފަހު ހާފުގައި އިދިކޮޅު ޓީމަށް ބަދަލު ނުވާނެ ކަމަށެވެ. ގައުމަށް ލޯތްބެއް ކުލުނެއް ހުރި އެއްވެސް މީހެއް އަނިޔާވެރިކަން އަލުން އިއާދަވާން ބޭނުން ނުވާނެ ކަމަށާއި ރައީސް އިބްރާހމް މުހައްމަދު ސޯލިހަށް މި އިންތިހާބު ކާމިޔާބު ކޮށްދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވާނެ ކަމަށެވެ.
އެމްޑީއޭއިން ކަންތައް ކުރި ގޮތުން ވަރަށް ގިނަ ސިޔާސީ ފަރާތްތަކުން ދަނީ އެ ޕާޓީއަށް ފާޑުކިޔަމުންނެވެ. މީގެ ތެރޭގައި އެކި ޕާޓީތަކަށް ނިސްބަތްވާ ފަރާތްތަކާއި ޕީޕީއެމްގެ ބައެއް ފަރާތްތަކުންވެސް ޝިޔާމަށް އަންނަނީ ފާޑުކިޔަމުންނެވެ. ޕީޕީއެމް އިސް ހަރަކާތްތެރިއެއް ގެ އެކްސް މެސެޖުގައި ބުނެފައިވަނީ ފަހު ވަގުތު މުއިއްޒު ކޮޅަށް ޝިޔާމު ތާއިދު ކުރީ ވެރިކަމަށް ހޮވިއްޖެ ނަމަ އޭގެ ކުރެޑިޓް ނަގަން ކަމަށެވެ. މި ކަހަލަ މީހުން ސިޔާސީ ގޮތުން ބަލައިގަންނާތީ އެކަމާވެސް ޕީޕީއެމަށް ރައްދުކޮށް ފާޑުކިޔާފައިވެއެވެ.