ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެކު ސިޔާސީ މަސައްކަތްކުރި ސަފިއްޔާ ޒުބައިރު ޕީއެންސީއަށް ސޮއިކޮށް، ނަޝީދުގެ ޑިމޮކްރެޓްސް ޕާޓީ ހަރުގެ ހިންގި ބިން ވެސް އެ ޕާޓީއަށް ދީފިއެވެ.
ކުރިން އެމްޑީޕީގެ ސިޔާސީ ގިނަ ހަރަކާތްތަކާއި އެއްވުންތައް ބޭއްވުމަށް ބޭނުންކުރި މައި ޖަގަހަ (އެމްޑީޕީ ހަރުގެ) އެ ޕާޓީގެ އަތުން އަތުލީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް ނަޝީދު ސިޔާސީ ގޮތުން ހިޔާލު ތަފާތުވުން އުފެދި، ނަޝީދު އިސްވެ ޑިމޮކްރެޓްސް ޕާޓީ އުފެއްދި ހިސާބުންނެވެ. އެމްޑީޕީން ވަކިވެ އުފެއްދި ޑިމޮކްރެޓިކްސް ޕާޓީގެ އެއް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރި ސަފިއްޔާގެ ބިން ފަހުން ބޭނުން ކުރަމުންދިޔައީ ޑިމޮކްރެޓްސް ޕާޓީގެ މައި ހަރުގެ އަދި އޮފީހެއްގެ ގޮތުގައެވެ. އެޕާޓީން ’ދަ ޑިމޮކްރެޓްސް ހައުސް‘ ގެ ނަމުގައި އެ އިމާރާތް ބޭނުން ކުރަމުންއައިސް ރައްޔިތުންގެ މަޖުލީހުގެ އިންތިހާބާއި ހަމައަށް އައީ އެތަން ކޮންމެ ރެއަކު ކަހަލަ ގޮތަކަށް ބޭނުން ކުރަމުންނެވެ.
އެމްޑީޕީއާއި ދަ ޑިމޮކްރެޓްސް ޕާޓީގެ އެކްޓިވް މެމްބަރެއް ކަމަށްވާ ޝަފީއާ ޒުބައިރަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވަރަށް އަރިހުގައި މަސައްކަތްކޮށް، ’ނަޝިދުގެ މީހެއް‘ ކަމަށް ބުނަމުންދާއިރު މި ފަހުން ޝަފިއްޔާ މަސައްކަތް ކުރަމުންދަނީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސިޔާސީ ކަންކަމުގައި އެމަނިކުފާނު ޕްރޮމޯޓު ކުރުމުގައެވެ.
ކުރިން ޑިމޮކްރެޓްސްގައި މަސައްކަތްކުރި ސަފިއްޔާގެ ގާތް މީހަކު މުރާސިލަށް މައުލޫމާތުދެމުން ބުނީ ސަފިއްޔާގެ އެ ބިން ބޭނުން ކުރަނީ ސިޔާސީ ބާރުވެރިކަން ހޯދުމަށް ކަމަށާއި އެމްޑީޕީއަށްވެސް އަދި ދަ ޑިމޮކްރެޓްސް ޕާޓީއަށްވެސް ދީފައިވަނި ބޮޑު ކުއްޔަކަށް ކަމަށެވެ. އަދި މިހާރު ޕީއެންސީއަށްވެސް އެތަން ކުއްޔަށްދީފައިވަނީ ކުރިއަށްވުރެ ބޮޑު ކުއްޔެއް ގައެވެ. އެތަން އިމާރާތް ނުކޮށް އަލުން ޕީއެންސީއަށް ކުއްޔަށް ދިނީ އެމްޑީޕީއާއި ޑިމޮކްރެޓްސް ޕާޓީގެ މެމްބަރުން ލަދު ގަންނުވާލުމުގެ ބޭނުމުގައި ކަމަށެވެ.